ކޮވިޑް-19

[covid-19-global-overview]
ރިޕޯޓް

ނައިޝާ – ހުއްޓުމެއް ނެތި ކުރި ބުރަ މަސައްކަތުން ބޮޑު ކާމިޔާބީއަކަށް

ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތައް ކިޔަވާ އަޑު އިވުމުން ހިތަށް ހަމަޖެހުމާއި ޙުޝޫއަތްތެރިކަން ގެނުވައެވެ. ޙާއްސަކޮށް ކީރިތި ޤުރްއާން އޭގެ ފުރިހަމަ ގޮތުގައި މަޙްރަޖަ އާއި ހަމަތަކުގެ މަތިން ރީތިކޮށް ކިޔަވާ އަޑު އިވޭ ނަމަ ހިތްތައް އެ އަޑަކާ ދިމާއަށް ލެބެއެވެ. މިފަދައިން ކީރިތި ޤުރުއާން ރީތިކޮށް ކިޔެވުމާއި ޤުރްއާންގެ ޢިލްމުގައި ކުރިއަރާ ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ހިއްވަރު ދިނުމުގެ ގޮތުން އުފާއިން މި ހުސްވި ރަމަޟާން މަހު ޒިލާން ޕްރައިވެޓް ލިމިޓެޑްގެ ހެޔޮއެދުންތަކާއެކު ކުރިއަށް ގެންދިޔަ ޤުރްއާން މުބާރާތް “ޒިލާން އަލިގަދަ ތަރި 2019” ގެ ފަހުރުވެރި 1 ވަނަ ހޯދާފައިވާ ފާޠިމަތު ނައިޝާ ޖާދުﷲ އަބްދުލް ބާރީ، ނަޖަފް ރ.އުނގޫފާރު ގެ ހިތްގައިމު ކިޔެވުމަކީ ވެސް އެފަދައިން އެތައް ބައެއްގެ ހިތްތަކުގެ އެންމެ ފުންމިނަށް ވާޞިލްވި ކިޔެއުމެއްކަން ޤައިމެވެ.

މި މުބާރާތުގައި ނައިޝާ ފާހަގަކޮށްލެވެނީ ތަޖުވީދުގެ ހަމަތަށް ހިފަހައްޓަމުން ތަރުތީލަކޮށް އަދި މުޖައްވަދުކޮށް ޤުރުއާން ކިޔަވާ ބައިވެރިއެއް ގޮތުގައެވެ. އަންމުކޮށް މި އިވޭ ރާގުތަކާ ޚިލާފަށް ނައިޝާގެ ޤުރުއާން ކިޔެވުމުގެ ރާގު ތަފާތުވެފައި ހިތްގައިމެވެ. ފޭސްބުކު މެދުވެރިކޮށް ނައިޝާގެ ކިޔެވުން އަޑު އެހި އެތައް ފަރާތްތަކުން މިކަން ފާހަގަ ކުރިއެވެ.

“ނައިޝާ އަކީ ވަރަށް ޝައުގާ މަސައްކަތާ އެކު ޤުރްއާނުގެ ފަންނު އަށަގެންނުވި ކުއްޖެއް. ނައިޝާ އަކީ އަބަދުވެސް ޢަރަބި ސްޓައިލްގަ، އަކުރު ތަކުގެ މަޙްރަޖަތަކުގަ ޓަޗް ކޮށްގެން ކިޔަވާ ކުއްޖެއް. އަދި ނައިޝާގެ އަޑުގެ ޕަވާރ އާއި އަޑު ގެންގުޅުމުގެ ކޮލަޓީ ވަރަށް ރަނގަޅު. އޭނާގެ އެ ހުނަރުވެރިކަމަށް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން މަރުހަބާ ކިޔަން. އަދިވެސް ގިނަ ގުނަ ކާމިޔާބީއަށް އެދެން.” ގިނަ ޤުރްއާން މުބާރާތް ތަކެއްގެ ފަނޑިޔާރުކަން ކުރަށްފާވައިވާ ޤުރްއާން މުދައްރިސް ޢަބްދުﷲ އަލީ ވިދާޅުވިއެވެ.

ޤުރްއާން ރީތިކޮށް ކިޔެވުމަށް އެންމެ ކުޑައިރުއްސުރެ ޝައުގުވެރިކަން ހުންނަ ނައިޝާގެ ކާމިޔާބީތަކުގެ ލިސްޓު ދިގެވެ. އުނގޫފާރު ސްކޫލުން ގުރޭޑު 10 ނިންމާ، މިހާރު ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގައި އޭ ލެވެލް ކިޔަވަމުންދާ ނައިޝާ އެންމެ ފުރަތަމަ ވިދާލީ އުނގޫފާރު ސްކޫލްގެ އިންޓަ ހައުސް މުބާރާތްތަކުންނެވެ. އިންޓަހައުސް ޤުރުއާން މުބާރާތްތަކުގައި ނައިޝާ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު 2013 ވަނަ އަހަރުގެ އިންޓަ ހައުސް މުބާރާތުން 2 ވަނަ، 2014 ވަނަ އަހަރުގެ އިންޓަ ހައުސް މުބާރާތުން 1 ވަނަ އަދި 2018 ވަނަ އަހަރު މުބާރާތުން 2 ވަނަ ނައިޝާ ހޯދާފައިވެއެވެ. ނައިޝާގެ މި ހުނަރާއެކު އޭނާ ވަނީ ޖެހިޖެހިގެން 6 އަހަރު ދުވަހު އަތޮޅު ޤުރުއާން މުބާރާތުގައި އުނގޫފާރު ސްކޫލް ތަމްސީލްކޮށްފައެވެ. އަދި އަތޮޅު ޤުރުއާން މުބާރާތުގައި ނައިޝާ އުމުރުފުރައިން 2 ވަނަ ހޯދާފައިވެއެވެ.

#XilearnAligadhaThari2019

Xilern Ali Gadha Thari 2019Fathimath Naeesha ah Vote dhevvumah Mi post ah like (👍) dhevvaaNOTE: heart reaction, wow reaction adhi ehenihen reaction vote ge gothugai nugunaane. Likes dhevvaany mi page ge ORIGINAL post ahBaiverinnah Libey 20% Marks aky Beluntheringe Likes.#XilearnAligadhaThari2019#FathimathNaeeshaJadhullaAbdulBari / Najaf

Posted by Ungoofaaru.com on Monday, 13 May 2019

ރަށު ފެންވަރުގައި ބޭއްވުނު ޤުރުއާން މުބާރާތްތަކަށް ބަލާއިރު ކުލަބު ޔޫތު ސްޓާރގެ ޤުރުއާން މުބާރާތުގައި 2010 ވަަނަ އަހަރު ނައިޝާ ވަނީ ބަލައިގެން ކިޔެވުމާއި ނުބަލާ ލިޔެވުމުގެ ގޮފިން 3 ވަނަ ހޯދާފައެވެ. ކުލަބު ޔޫތު ސްޓާރގެ ޤުރުއާން މުބާރާތްތަކުގެ ތެރެެއިން 11 އަދި 12 ވަނަ ޤުރްއާން މުބާރާތުގައި މުޅި މުބާރާތުން 3 ވަނަ، 13 ވަނަ ޤުރްއާން މުބާރާތުގައި މުޅި މުބާރާތުން ފަހުރުވެރި 1 ވަނަ، 14 ވަނަ ޤުރްއާން މުބާރާތުގައި މުޅި މުބާރާތުން 2 ވަނަ އަދި 15 ވަނަ ޤުރުއާން މުބާރާތުގައި މުޅި މުބާރާތުން 3 ވަނަ ނައިޝާ ވަނީ ހޯދާފައެވެ.

ނައިޝާގެ މި ކާމިޔާބީ ތަކުގެ ފަހަތުގައި ވަނީ ހިތްވަރާއެކު ކެނޑިނޭޅި ކުރި ބުރަ މަސައްކަތެވެ. އުނގޫފާރު.ކޮމް އަށް މާޢުލޫމާތު ދެމުން ނައިޝާ ބުނި ގޮތުގައި ރީތިކޮށް ޤުރުއާން ކިޔަވާ ޤާރީންގެ ކިޔެވުމުގެ އަޑު ނައިޝާ އަބަދުވެސް އަޑު އަހައެވެ. ސްކޫލްގައި އުޅޭ އިރު ވެސް ހުސް ވަގުތެއް ލިބޭ އިރަށް ޤާރީންގެ ޤުރުއާން ކިޔެވުމުގެ އަޑު އެހުމުގައި ސްކޫލްގެ ލައިބުރަރީގައި ގިނަ ވަގުތުތައް ނައިޝާ ހޭދަކުރެއެވެ. “ރީތިކޮށް ޤުރުއާން ކިޔެވުމަށް އޮތް މަގަކީ ޤާރީން ޤުރުއާން ކިޔަވާ އަޑު އަހާ އަދި އެ ކިޔެވުން އިވެލުއޭޓުކޮށް ހެދުން” ނައިޝާ ބުންނެވެ. ނައިޝާ އިތުރަށް ބުނި ގޮތުގައި ޤުރުއާން މުބާރާތްތަކަށް ތައްޔާރުވުމުގައި ޔޫޓިއުބުންނާއި ތަންތަނުން ރީތިކޮށް ޤުރުއާން ކިޔަވާ ޤާރީންގެ ވީޑިއޯތައް ބަލާ ދިރާސާކޮށް ހަދައެވެ.

ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކުރަން ބޭނުންބާ އެހެން ކުދިންނަށް ނައިޝާ  ބުނެލަން ބޭނުން ވަނީ ހިތްވަރާ އެކު ބުރަ މަސައްކަތް ކުރުމަށެވެ. “އަޅުގަނޑުގެ މަންމަ އަބަދުވެސް ބުނުއްވާނެ، ކާމިޔާބަކީ ބުރަ މަސައްކަތް ކުރާ މީހުންގެ ހައްޤެކޭ. އެހެން ނަމަވެސް މަސައްކަތް ކުރާ ކޮންމެ ފަހަރަކު ކާމިޔާބު ނުވެދާނޭ. އެފަދަ ދަނޑިވަޅުތަކުގައި ވެސް ހިތްވަރު އެލުވާލުނާ ވަރުގަދަ އަޒުމެއްގައި މަސައްކަތް ކުރުމުގައި ދެމި ހުރުމަށް މަންމަ އަބަދުވެސް ބުނުއްވާނެ”. އެހެން ކުދިންނަށް ނައިޝާ ދޭން ބޭނުންވި ނަސޭހަތަކީ މި ރޮނގުގައި އަދި ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް ނައިޝާ ކުރިއަށް ދިއުމަށް ލިބުނު އެންމެ ބޮޑު ހިތްވަރު ކަމުގައިވާ އޭނާގެ މަންމަގެ ނަސޭހަތެވެ.

އަދި ރީތިކޮށް ޤުރުއާން ކިޔަވަން ބޭނުންވާ ކުދިން ހަމައެކަނި މުބާރާތުގައި ވަނައެއް ހޯދުމަށް ވުރެ އާޚިރަތުގައި ލިބޭނެ ނިއުމަތްތަކާ މެދު ވިސްނައިގެން ކުރިއަށް ދިއުމަށް ނައިޝާ ގޮވާލިއެވެ. “ރީތިކޮށް ކިޔެވުމަށްޓަކައި ދުނިޔޭގެ މަޝްހޫރު ޤާރީންގެ ކިޔެވުންތައް އަޑު އަހާ، އެބޭފުޅުން އަކުރުތަކުގެ މަޚުރަޖަ ބޭނުން ކުރާ ގޮތް ބެލުން ވަރަށް މުހިންމު ވާނެ” ނައިޝާ ބުންނެވެ.

ނައިޝާގެ ކާމިޔާބީއަށް ހިތްވަރު ދެއްވަމުން އުނގޫފާރު ސްކޫލްގެ ޕްރިންސިޕަލް އަހުމަދު މުޖުތަބާ ވިދާޅުވި ގޮތުގައި ނައީޝާ އަކީ ޤުރުއާނުގެ އިތުރުން ޢިލްމޯ ގޮތުން ވެސް ކުރިއަށް ދެވޭނެ ޤާބިލްކަން ހުރި ކުއްޖެއް ކަމަށާއި ހިތްވަރާ އެކު މަަސައްކަތް ކުރުމަށާއި އިތުރު ކާމިޔާބީތަކަށް އެދޭ ކަމަށެވެ. “ނައިޝާ އަކީ އޯލެވެލް އެ ބެޗުގައި އޯލެވެލް ނިންމި ކުދިންތަކުގެ ތެރެއިން ވެސް ވަރަށް ރަނގަޅު ނަތީޖާއެއް ހޯދާފައިވާ އަދި އޭ ލެވެލްގައި ވެސް ވަރަށް އުންމީދީ ދަރިވަރެއް. ހިތްވަރުކޮށްފި ނަމަ ޤުރުއާނާއި އަދި އެކަޑެމިކު ގޮތުން ވެސް ވަރަށް ކުރިއަށް ދެވޭނެ ކުއްޖެއް ނައީޝާ އަކީ” ޕުރިންސިޕަލް އަހުމަދު މުޖުތަބާ ވިދާޅުވިއެވެ.

އުނގޫފާރު.ކޮމް ގެ ފަރާތުން ޒިލާން އަލިގަދަ ތަރި މުބާރާތުގައި ނައިޝާ ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ. އަދި މުސްތަޤުބަލުގައި އިތުރު ކާމިޔާބީތައް ހޯދުމުގެ ތައުފީޤު މިންވަރުކުރެއްވުން އެދި ދުޢާކުރަމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close