ޚަބަރު
އައިނާއަށް އެހީވުމަށް މިރޭ ފަންޑް ރެއިސިން އިވެންޓެއް ބާއްވަނީ

ބޭސް ފަރުވާއަށް އިންޑިއާގައި 6 މަސް ދުވަސް ހޭދަކުރަން ޖެހިފައިވާ ރ.އުނގޫފާރު ދިރޭލާލުގެ، އުމުރުން 4 އަހަރުގެ އައިޝަތު އައިނާ ބިންތު އަލީ ރާޝީދު އަށް އެހީވުމަށް އައިނާގެ ކުލާސްކަމުގައިވާ އުނގޫފާރު ސްކޫލްގެ އެލްކޭޖީގެ ބެލެނިވެރިންނާ ރަށުގެ ޒުވާނުން ގުޅިގެން ފަންޑު ރެއިސިން އިވެންޓެއް ބާއްވަން ނިންމައިފިއެވެ.
މި އިވެންޓު ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައި ވަނީ މިރޭ އުނގޫފާރު އިޖުތިމާޢީ މަރުކަޒުގެ ފުޓްސަލް ދަނޑުގައި އުނގޫފާރު ފުޓްސަލް ޓީމް އަދި ވެލާ ޕްރައިވެޓް އައިލެންޑާ ދެމެދު ކުޅެން ހަމަޖެހިފައިވާ އެކުވެރި ކަމުގެ ފުޓްސަލް މެޗު ކުރިއަށްދާ ވަގުތެވެ. ފުޓްސަލް މެޗު ކުރިއަށްދާ ވަގުތު އުނގޫފާރު އިޖުތިމާޢީ މަރުކަޒުގައި ކެންޓީނެއް ހިންގުމަށް ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން އައިނާއަށް އެހީވުމަށް ފަންޑު ފޮއްޓެއްވެސް ބެހެއްޓިފައި ހުންނާނެއެވެ.
މި އިވެންޓު އިންތިޒާމް ކުރާ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި މި ކެންޓީނުން ސްޕެގެޓީ، ނޫޑުލްސް، ޗިލީ ޗިކެން، ޕިރިނީ، ޖެލީ ޕުޑިން، އައިސް މައިލޯ، އައިސް ކޮފީ، ސަބްމެރިން އަދި ޕީޒާ ލިބެން ހުންނާނެއެވެ. އިވެންޓު އިންތިޒާމް ކުރާ ފަރާތުން ބުނި ގޮތުގައި މި އިވެންޓުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ އައިނާއަށް އެހީތެރިވުމަށް ކެންޓީނުން ކާތަކެތި ބައްލަވާގަތުމަކީ އެ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.
އެލްކޭޖީގެ ބެލެނިވެރިންގެ ފަރާތުން ވަނީ އުނގޫފާރު ސްކޫލްގެ އިންޓަހައުސް ފުޓްސަލް މުބާރާތް ކުރިއަށް ދިޔަ ވަގުތު ވެސް މިފަދަ އިވެންޓެއް ބާއްވާފައެވެ. އެލްކޭޖީގެ ބެލެނިވެރިން ބުނި ގޮތުގައި މި އިވެންޓަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި، މި އިވެންޓުގައި އެކި ގޮތްގޮތުން ބައިވެރިވެ އެހީތެރި ފަރާތްތަކަށް އެފަރާތްތަކުން ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށެވެ.