ޙަބަރު

އުނގޫފާރު ކައުންސިލުން ބޮޑެތި މީހުންނަށް އިނގިރޭސި ދަސްކޮށްދޭ ޕްރޮގުރާމެއް ފަށަނީ

އުނގޫފާރު ކައުންސިލާ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންއާ ގުޅިގެން ބޮޑެތި މީހުންނަށް އުނގަންނައި ދިނުމަށް “ބުރިޖިން ޕްރޮގްރާމް” ގެ ނަމުގައި ޕްރޮގުރާމެއް ކުރިއަން ގެންދަން ނިންމާ މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގުރާމުގެ ދަށުން އުނގޫފާރު ކައުންސިލުން ވަނީ އިނގިރޭސި ދަސްކޮށްދޭ ކުލާސްތަކެއް ފަށަން ނިންމާ މި ޕޮރުގުރާމުގައި އިނގިރޭސި ކިޔަވައި ދިނުމަށް ޓީޗަރުން ހޯދުމަށް އިއުލާންކޮށްފިއެވެ.

އުނގޫފާރު ކައުންސިލުން ކޮށްފައުވާ އިއުލާންގައި ބުނެފައިވާ ގޮތުގައި މި ޕްރޮގްރާމުގައި ކިޔަވައިދޭ ޓީޗަރުންނަށް ކިޔަވައިދޭ ކޮންމެ 60 މިނެޓުގެ ގަޑިއަކަށް 250ރ ގެ ރޭޓުން ފައިސާގެ އެލަވެންސެއް ދެވޭނެއެވެ. މި ޕްރޮގުރާމްގައި ކިޔަވައި ދިނުމަށް ނަގާ ޓީޗަރުންގެ ޝަރުތަކީ ޘާނަވީ ގުރޭޑުތަކަށް ކިޔަވައި ދިނުމުގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ހުރުމާ އެކު ކިޔަވައިދޭ މާއްދާއާ ގުޅޭ ދާއިރާއަކުން ޑިގުރީއެއް ޙާސިލްކޮށްފައި ވުމެވެ.

މި ޕްރޮގުރާމުގައި ކިޔަވައި ދިނުމަށް ޓީޗަރުން ނެގުމުގައި ދިވެހިންނަށް އިސްކަން ދޭނެ ކަމަށް އުނގޫފާރު ކައުންސިލުން މަޢުލޫމާތުދެއެވެ. މި ޕްރޮގުރާމުގައި ކިޔަވައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 09 ޖުލައި 2019 އިން 14 ޖުލައި 2019 ގެ ނިޔަލަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާ އެކު އުނގޫފާރު ކައުންސިލަށް ސީވީ ހުށައެޅުމަށް އެ ކައުންސިލުގެ އިއުލާނުގައި އެދިފައިވެއެވެ.

އުނގޫފާރު ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި މި ޕްރޮގުރާމުގެ އަމާޒަކީ އުނގޫފާރުގެ ރައްޔިތުންގެ ތެރެއިން އިނގިރޭސި ފެންވަރު ރަނގަޅު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށް ދިނުމެވެ. މި ޕްރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފޯމް އުނގޫފާރު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެ ކަމަށް އެ ކައުންސިލުން މަޢުލޫމާތުދެއެވެ.

އުނގޫފާރު ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި މި ޕްރޮގުރާމް ކުރިއަށް ގެންދާނީ މި ޕްރޮގުރާމުގައި ބައިވެރިވާ ފަރާތްތަކުގެ އިނގިރޭސި ފެންވަރު ވަޒަން ކުރުމަށް ފަހު، 3 ލެވެލް އަކަށް ބަހާލައިގެންނެވެ. އެ މީހަކަށް ބައިވެރިވެވޭނެ ލެވެލްއެއް ކަނޑައަޅާނީ އެކަން ބެލުމަށް ދެވޭ އިންތިހާނު ކަރުދާހަކުންނެވެ. މި ގޮތުން ލެވެލް 2 ގައި ކިޔަވައިދޭނީ ގުރޭޑު 4 އަދި 5 ގެ ފެންވަރަށް ކަމަށާއި، ލެވެލް 3 ގައި ގުރޭޑު 6 އަދި 7 ގެ ފެންވަރަށް ކިޔަވައިދޭނެ ކަމަށް އުނގޫފާރު ކައުންސިލުން މަޢުލޫމާތު ދެއެވެ. އަދި ލެވެލް 4 ގައި ގުރޭޑު 8 އަދި 9 ގެ ފެންވަރަށް ކިޔަވައި ދިނުމަށް ހަމަޖެހިފައި ވާއިރު ވަރަށް އަވަހަށް ލެވެލް 5 ވެސް ފަށާނެ ކަމަށް ކައުންސިލުން މަޢުލޫމާތުދެެވެ. ލެވެލް 5 ގައި ކިޔަވައި ދޭނީ ގުރޭޑު 10 ގެ ފެންވަރަށެވެ.

އުނގޫފާރު ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި މި 3 ލެވެލްގެ ތެރެއިން ކޮންމެ ލެވެލް އެއް ވެސް ފެށޭނީ އެ ލެވެލް އެއްގައި މަދުވެގެން 15 ފަރާތުން ބައިވެރިވުމުންނެވެ. މިއީ އުނގޫފާރު ކައުންސިލުން މުޅިން އަލަށް ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close