ޚަބަރު

އަންހެނުން ބާރުވެރިކުރުމާ ބެހޭ ވޯކްޝޮޕެއް އުނގޫފާރުގައި ފަށައިފި

އަންހެނުން ބާރުވެރިކުރުމާ އަންހެނުން ހައްޤުތައް ހިމާޔަތް ކުރުމާ ބެހޭ ވޯކްޝޮޕެއް އުނގޫފާރުގައި ފެށިއްޖެއެވެ. މިއަދު ހަވީރު ފެށި މި ވޯކްޝޮޕަކީ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ޖަމިއްޔާ އާއި، ޔުނިސެފް އާއި، އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އުނގޫފާރު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ވޯކްޝޮޕް ކުރިއަށް ދަނީ 2 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 16 އަހަރާ 20 އަހަރާ ދެމެދުގެ އުމުރުފުރާ އާއި 21 އަހަރުން މަތީގެ އުމުރުފުރާއެވެ. މި ވޯކްޝޮޕްގެ 16 އަހަރާ 21 އަހަރާ ދެމެދުގެ ބައި ކުރިއަށް ދިޔައީ އުނގޫފާރު ސްކޫލްގެ އޭވީ ރޫމްގައެވެ. 21 އަހަރުން މަތީގެ ބައި ކުރިއަށް ދިޔައީ ކުލަބު ޔޫތު ސްތާރ ހޯލްގައެވެ.

މި ވޯކްޝޮޕްގައި އަންހެނުންގެ ހައްޤުތަކާއި، ޒިންމާތަކާއި، އަންހެނުންނަށް ލިބެންޖެހޭ އިޖުތިމާޢީ ރައްކާތެރިކަމާ ބެހޭ ގޮތުން މަޢުލޫމާތު ދިނެވެ. މީގެ އިތުރުން ކަންކަމުގައި އަންހެނުގެ އިސްނެގުމާއި، އިޤުތިސާދީ ފުދުންތެރިކަމާއި، އަންހެނުންގެ މިނިވަންކަމާއި އަންހެނުންގެ ބައިވެރިވުމާއި މުޖުތަމަޢު ބިނާކުރުމުގައި އަންހެނުންގެ ދައުރާ ބެހޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ދިނެވެ.

އަންހެނުން ބާރުވެރިކުރުމާ ބެހޭ ގޮތުން ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ތެރެއިން — ފޮޓޯ: އާކް

މި ވޯކްޝޮޕްގައި މަޢުލޫމާތު ދެއްވީ އާރކް އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި ފެމިލީ ލީގަލް ކުލިނިކްގެ ޑޮކްޓަރުންނާއި ލޯޔަރުންނާއި އަދި ކަމާ ގުޅޭ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނެވެ. މި ވޯކްޝޮޕް ކުރިއަށް ދިޔަ ވަގުތު ވޯކްޝޮޕްގެ ބައިވެރިންނަށް އެކި ކަންކަމުގައި ޤާނޫނީ ލަފާ ހޯދުމުގެ ފުރުސަތު ވެސް ހުޅުވާލިއެވެ. އެގޮތުން އެކި ކަހަލަ އާއިލީ މައްސަލަތަކާއި، ވަރި ކައިވެންޏާއި، ދަރިފުޅުގެ ޤާނޫނީ ބެލެނިވެރިކަމާ، ދަރިންގެ ހަރަދާއި އަދި އެހެނިހެން މައްސަލަތަކުގައި ޤާނޫނީ ލަފާ ހޯދުމުގެ ފުރުސަތު ހުޅުވާލިއެވެ.

އަންހެނުން ބާރުވެރިކުރުމާ ބެހޭ ގޮތުން ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ތެރެއިން — ފޮޓޯ: އާކް

މި ވޯކްޝޮޕާ ބެހޭ ގޮތުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވަމުން އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ މިދުހަތު އަބްދުލް މަންނާނު ވިދާޅުވީ މި ވޯކްޝޮޕަކީ އަންހެނުންގެ ހައްޤުތަކާއި އެކި ރޮނގު ރޮނގުން އަންހެނުންނަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުންނާއި، މުޖުތަމަޢު ބިނާ ކުރާނެ ލީޑަރުންތަކަކަށް އަންހެނުން ވުމާއި. އަންހެނުންގެ ސިއްޙަތާ ބެހޭ ގިނަ އަދި ވަރަށް މުހިންމު މަޢުލޫމާތު ތަކެއް ލިބިގެންދާނެ ވޯކްޝޮޕެކެވެ.

2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވޯކްޝޮޕް ނިމޭނީ މާދަމާ ރޭ 10:00 ގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close