ރިޕޯޓް

ޢީދަށް ތައްޔާރުވުމަށް ޒުވާނުން “އެންމެންއެކުގައި” އާ ރޫހެއްގައި

ޒަމާނުއްސުރު ބޮޑު ޢީދާއި އެހެނިހެން ދުވަސްތައް އުނގޫފާރުގައި ފާހަގަކުރާއިރު ރަށުގެ ކަމުވޮށިގެންވާ މީހުންނާއި ޒުވާނުންގެ ފަރާތުން ފެނިގެން ދަނީ އެކުވެރިކަމުގެ ރީތި މިސާލެކެވެ. ފިރިހެނުން އެކި މުނާސަބަތުތަކަށް ތައްޔާރުވުމުގައި އަވަދިނެތި އުޅޭ އިރު އަންހެންވެރިންގެ ފަރާތުން ފެންނަނީ ހިއްވަރު ދިނުމާއި އެކި ކަހަލަ ރިފްރެޝްމެންޓުތައް ގެންގޮސް  އަމަލީ މައިދާނުގައި ވެސް ކެރުންތެރިކަމެވެ. ބޮޑު ޢީދުގެ ތައްޔާރީތައް ހުއްޓުމެއް ނެތި ކުރިއަށް ދާއިރު ޒުވާނުންގެ ފަރާތުން މިފަހަރު ވެސް ފެށިގެން ދަނީ އާ ރޫހެކެވެ.

ޒަމާން ބަދަލުވެ ހޮޅުއަށި ތަކުގައި ކަންކަން ރާވާ ނިންމި ދުވަސް މާޒީވެ ގޮސް ކުރިއަރަމުންދާ ޓެކްނޮލޮޖީއާ އެކު ޒުވާނުން ކަންކަން ރާވާ މަޝްވަރާ ކުރާނެ ފަސޭހަ އަދި އަވަސް ގޮތްތައް ހޯދައިފިއެވެ. ޢީދުގެ ތައްޔާރީތައް ޖޯޝާއެކު ފެށިފައި ވަނީ ޒުވާނުން އެކި ކަންކަމުގައި މަޝްވަރާ ކުރުމަށް ހެދި ވައިބާ ގުރޫޕެއްގެ ތެރެއިންނެވެ. ނަތީޖާއެއްގެ ގޮތުން މިފަހަރު ފެނިގެން ދިޔައީ ރަށުގައި ނެތް ނަމަވެސް އެކި ކަންކަމުގައި ރަށުން ބޭރުގައި އުޅޭ ޒުވާނުންގެ ބައިވެރިވުން މިކަމުގައި ލިބި ހިޔާލުތައް އެއްފަހަރާ ބަންޑުންވެގެން ދިޔަތަނެވެ. މުއްސަނދި ހިޔާލުތަކަކާއެކު “އެންމެންއެކުގައި” މި ޝިއާރުގެ ދަށުން އުފަންވި މިފަހަރު އީދު ކުޅިވަރުގެ “ޕްލޭން” ތަފާތުވާނެ ކަމަށް ޒުވާނުން ބުނެއެވެ.

އީދުގެ ކަންކަމާ މެދު މަޝްވަރާ ކޮށް އެކި ކަންކަމުގައި އިސްވެ ހަރަކާތްތެރިވުމަށް މިފަހަރު އިސްނެގީ ޒުވާނުންނެވެ. ޒުވާނުންނާއި ޢީދު ފާހަގަ ކުރުމުގެ ތަޖުރިބާ ހުރި ހަރު މީހުންނާ އެކު ނެގިގެން ދިޔަ ޢީދު ކޮމިޓީ ވެގެން ދިޔައީ ވަރަށް ވެސް ހިންގުންތެރި އަދި ރޭވުންތެރި ކޮމިޓީއަކަށެވެ. އުނގޫފާރުގެ ޒުވާން އަންހެނުންގެ ކޮމިޓީއާ އެކު މިފަހަރު ޢީދު ހަރަކާތްތައް ރޭވުމުގައި އަންހެނުންގެ ބައިވެރިވުން ވެސް އެހާމެ ބޮޑެވެ.

ޢީދަށް ތައްޔާރުވުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށް ދާއިރު އާދިއްތަ ދުވަހު ޒުވާނުން ނިކުމެ ވަނީ ކުލަ ކެހި ބާވެފައިވާ އުނގޫފާރުގެ ސްޓޭޖުގައި ކުލަލާ މުޅިން އާކޮށްލާފައެވެ. އީދު ކުޅިވަރުތަކުގެ ތައްޔާރީތައް ބާރަށް ކުރިއަށްދާއިރު އީދު ހުޅުގަނޑު ޖެހުމަށް ތައްޔާރުވުން ވެސް އުނގޫފާރު އިޖުތިމާޢީ މަރުކަޒުގައި ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.

ބޮޑު އީދުގައި ކުރިއަށް ގެންދާނެ ހަރަކާތްތަކުގެ ތާވަލެއް ވެސް މިހާރު ވަނީ ފައިނަލް ކުރެވިފައެވެ. އެ ގޮތުން އޮގަސްޓު 10 ވަނަ ދުވަހު އޮންނާނީ ޢީދު ވެދުމާއި ދިއުމާއި ޢީދު ހުޅުޖެހުމެވެ. ޢީދު ވެދުމާއި ދިއުން އުނގޫފާރު އިޖުތިމާޢީ މަރުކަޒުން ފަށައި ސްޓޭޖު ސަރަހައްދަށް ނިންމަން ހަމަޖެހިފައި ވާއިރު އެ ރޭ 22:00 ގައި އޮންނާނީ އީދު ހުޅުޖެހުމެވެ. މިކަން ކުރިއަށް ދާނީ އެހެން ފަހަރުތަކޭ އެއްފަދައިން އުނގޫފާރު އިރުމަތީ ފަރާތު އަތިރިމަތީގައެވެ.

ޢީދު ދުވަހު ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ ބޮޑު ޖަމާޢަތުގައި އުނގޫފާރު އިޖުތިމާޢީ މަރުޖަޒުގެ ފުޓްސަލް ދަނޑުގައެވެ. އަދި ޢީދު ނަމާދަށް ފަހު ރައްޔިތުންނަށް އޮންނަ ހެނދުނުގެ ސައިފޮދު އުނގޫފާރު އިޖުތިމާޢީ މަރުކަޒުގައި އޮންނާނެއެވެ. އެއަށް ފަހު ޢީދުގެ ކުޅިވަރުތައް ފެށިގެން ދާނީ ހެނދުނު 9:00 ގައި އޮންނަ ފިރިހެނުންގެ ބިލެއް އެޅުމުންނެވެ. އެ ދުވަހު ހަވީރު 16:00 ގައި އުނގޫފާރު ސްޓޭޖް ސަރަހައްދުގައި ދަފި ނެގުމުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. އަދި އެރޭ ރަށުގެ މަގުތަކުގައި މާލި ނެރުން ކުރިއަށް ދާނެއެވެ.

12 ވަނަ ދުވަހަކީ އަންހެން ވެރިންގެ ދުވަހެކެވެ. އެ ދުވަހު ހެނދުނު އަންހެނުން ބިލެއް އެޅުން އޮންނަ އިރު އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު އެ ދުވަހު ހަވީރު އަންހެނުންގެ ކޯޑިނެރުން ކުރިއަށްދާނެއެވެ. އަދި އެއާއެކު އެ ދުވަހު ހަވީރު މާލި ނެރުންވެސް އޮންނާނެއެވެ.

13 ވަނަ ދުވަހަކީ ޢީދުގެ އެންމެ ފޯރިގަދަ ދުވަހެވެ. ކޯޑިނެރޭ ދުވަސް ގޮތުގައި މުހާތަބުކުރެވޭ އެ ދުވަހު ހެނދުނު އޮންނާނީ ކޯޑި ބަލާދިއުމެވެ. ކޯޑި ބަލާ މިފަހަރު ދިއުމަށް ހަމަޖެހިފައި ވަނީ ރ.މާކުރަތަށެވެ. އެއްބަޔަކު ކޯޑި ބަލާ ދާއިރު އުނގޫފާރު ސްޓޭޖު ސަރަހައްދުގައި ހަވީރު ވަންދެން އެކި ކަހަލަ ކުޅިވަރުތައް ކުރިއަށް ދާނެއެވެ. ހަވީރު އޮންނަ ކޯޑި ނެރުމުގެ ހަރަކާތައް ފަހު އެ ރޭ ސްޓޭޖް ޝޯ އަކާއި ބޮޑު މަސް ނެރުން އޮންނާނެއެވެ. މި ސްޓޭޖް ޝޯ ގައި ޒުވާނުންގެ އުފެއްދުންތެރިކަމާ އެކި ކަހަލަ “ސަޕްރައިޒް” ތައް ފެނިގެންފާނެ ކަމަށް ޒުވާނުން ބުނެއެވެ.

14 ވަނަ ދުވަކީ ފެންކުޅި ދުވަހެވެ. އެ ދުވަހު އޮންނާނީ ކޯޑި މާލި ނެރުމާއި މާލި މޫދަށް ލުމާއެކު ފެންކުޅި ފެށުމެވެ. އެހެން ނަމަވެސް މިފަހަރު ފެންކުޅިން ޢީދުގެ ހަރަކާތްތައް ނިންމާލާކަށް ޒުވާނުން ބޭނުމެއް ނުވެއެވެ. އެ ދުވަހު ހަވީރު ސްޓޭޖު ސަރަހައްދުގައި ޢާއިލީ ހަވީރެއް އޮންނާނެއެވެ. އަދި އެ ރޭ ބާބެކިއު އާއި ސްޓޭޖް ޝޯ އޮންނާނެ ކަމަށް ޒުވާނުން މަޢުލޫމާތުދެއެވެ. ކޮންމެ އަކަށް މިފަހަރުގެ ޢީދު “ތަފާތު” ވާނެއެވެ. މި ތަފާތު ތަޖުރިބާކޮށްލުމަށް ކުރިއަށް އޮތީ 2 ހަފުތާއެއްހާ ދުވަހެވެ. އިންތިޒާރުކޮށްލާށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close