ޙަބަރު

އުނގޫފާރުގައި ފެނުގެ ޚިދުމަތް ދިނުމަށް އީޕީއޭ އިން އުނގޫފާރު ކައުންސިލަށް ލައިސެންސް ދީފި

އުނގޫފާރުގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް ހިންގައި، އުނގޫފާރުގައި ފެނުގެ ޚިދުމަތް ދިނުމަށް އެންވާރަމެންޓް ޕްރޮޓެކްސަން އެޖެންސީ (އީޕީއޭ) އިން އުނގޫފާރު ކައުންސިލަށް ލައިސެންސް ދީފިއެވެ. އުނގޫފާރުގައި ފެނުގެ ޚިދުމަތް ދިނުމަށް އީޕީއޭ އިން ދީފައި ވަނީ ވަގުތީ ލައިސެންސް އެކެވެ. މިއީ އީޕީއޭއިން ހުރިހާ ތަނަކަށް ވެސް ފުރަތަމަ ދޫކުރާ 3 މަސް ދުވަހުގެ ވަގުތީ ލައިސެންސް އެކެވެ.

އުނގޫފާރު ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި އެ ކައުންސިލުން ފުރަތަމަ މަސައްކަތް ކުރީ ސަރުކާރުގެ ކުންފުންޏެއްގެ ބެލުމުގެ ދަށުން އުނގޫފާރުގައި ފެނުގެ ޚިދުމަތް ދިނުމަށެވެ. އެހެން ނަމަވެސް އުނގޫފާރު ކައުންސިން އެތަން ހިންގަން ނިންމީ ސަރުކާރު ކުންފުންޏެއް މެދުވެރިކޮށް ފެނުގެ ނިޒާމް ހިންގާ ނަމަ އިތުރު މުއްދަތަކަށް ފެނުގެ ޚިދުމަތް ނުދެވި ދިގު ދެމިގެން ހިނގައި ދާނެ ކަމަށް ސަރުކާރުން މަޢުލޫމާތު ދޭތީއެވެ. އެހެން ކަމުން އުނގޫފާރު ކައުންސިލުން ފެނުގެ ނިޒާމް ހިންގަން ފަށަން ނިންމީ ސަރުކާރުގެ އެދުމުގެ މަތިން ކަމަށް އުނގޫފާރު ކައުންސިލުން މަޢުލޫމާތުދެއެވެ.

އުނގޫފާރު ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި އެ ކައުންސިލުން މިހާރު ވަނީ ފެނުގެ ޚިދުމަތް ދިނުމަށް 3 މުވައްޒަފަކު ތަމްރީނުކޮށްފައެވެ.

ދަޢުލަތުގެ ބަޖެޓުން ޙަރަދުކޮށްގެން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން އުނގޫފާރުގައި ޤާއިމްކުރި ފެނުގެ ނިޒާމުގައި ފެނުގެ ޚިދުމަތް ދިނުމަށްޓަކައި 300 އެއްހާ ގޭބީސީއަށް ކަނެކްޝަން ގުޅާފައިވެއެވެ. މި ޕްރޮޖެކްޓު ޑިޒައިންކޮށްފައި ވަނީ ބިމުގެ އަޑިން ނަގާ ފެން ބުއިމަށް އެކަށީގެން ވާ ފެނަށް ބަދަލުކޮށް ގޭގެއަށް ފޮނުވާ ގޮތަށާއި ރަށުގެ އެކި ބޮޑެތި އިމާރާތްތަކުން ނެގޭ ފެން ހާވެސްޓްކޮށްގެން ގޭގެއަށް ދޫކުރެވޭ ގޮތަށެވެ.

އުނގޫފާރުގައި ފެނުގެ ޚިދުމަތް ކައުންސިލުން ދޭން ފެށުމާއެކު ހުރިހާ  އާންމު އަސާސީ ޚިދުމަތެއް އުނގޫފާރު ކައުންސިލްގެ ބެލުމުގެ ދަށުން ދޭން ފެށުނީއެވެ. އުނގޫފާރު ކައުންސިލުން މިހާރު ވެސް ދަނީ އުނގޫފާރަށް ކަރަންޓު ފޯރުކޮށްދޭ ރައްޔިތުންގެ އިންޖީނުގެ އާއި އުނގޫފާރު ނަރުދަމާ ހިންގަމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close