ޙަބަރު

ކުލަބު ޔޫތު ސްޓާރ އިން ތަރައްޤި ކުރާ “ބެލެނިވެރިންގެ ހިޔާ” ނިމުމަކާ ގާތަށް

ރ.އުނގޫފާރު ކުލަބު ޔޫތު ސްޓާރގެ ފަރާތުން ކުރިއަށް ގެންދާ “ބެލެނިވެރިންގެ ހިޔާ” ޕްރޮޖެކުޓުގެ ދަށުން ހަދަމުންދާ ފުރަތަމަ މައިޒާން ނިމުމަކާ ގާތަށް އަތުވެއްޖެއެވެ. މި މައިޒާނަކީ އުނގޫފާރު ސްކޫލާއި ސައިފް ޕްރީ ސްކޫލަށް ވަޑައިގަންނަވާ ބެލެނިވެރިން މަގުމަތީގައި އަވީގައި ތިއްބަވަން ޖެހޭތީ އެކަމަށް ނިމުމެއް ގެނައުމަށް ކުލަބު ޔޫތު ސްޓާރ އިން ފެށި ޕްރޮޖެކްޓެކެވެ.

ކުލަބު ޔޫތު ސްޓާރ އިން މަޢުލޫމާތު ދިން ގޮތުގައި މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ 3 ފިޔަވެއްސަކަށް ބަހާލައިގެންނެވެ. މި ގޮތުން 3 ފިޔަވަހީގެ ދަށުން ބެލެނިވެރިންގެ ހިޔާގެ ނަމުގައި 3 ސަރަހައްދެއްގައި 3 ތަނެއް ތަރައްޤީ ކުރަން ވަނީ ނިންމާފައެވެ. އެ ގޮތުން ފުރަމަ ތަން އުނގޫފާރު ސްކޫލްގެ އިރު އުތުރު ކަނުގައި ތަރައްޤީކުރަން ފަށާފައި ވާއިރު އެ ތަނުގެ މައިގަނޑު ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ.

ކުލަބު ޔޫތު ސްޓާރ އިން އަލާ ބެލެނިވެރިންގެ ހިޔާ ޕްރޮޖެކުޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އުނގޫފާރު ސްކޫލްގެ އިރު އުތުރު ކަންމަތީގައި ތަރައްޤީ ކުރާ ބެލެނިވެރިންގެ ހިޔާގެ ކުރެހުމެއް، މި މަސައްކަތް އޮގަސްޓް މަހު ނިމޭނެ – ފޮޓޯ: ކުލަބު ޔޫތު ސްޓަރ

ކުލަބު ޔޫތު ސްޓާރ އިން އުނގޫފާރު ސްކޫލްގެ އިރު އުތުރު ކަންމަތީގައި ތަރައްޤީ ކުރާ ބެލެނިވެރިންގެ ހިޔާގެ ފައުންޑޭޝާނާއި، ރޭނުމާއި ހިޔާކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެ ތަނުގެ ސިމެންތި ޖެހުމުގެ މަސައްކަތް ފެށުމަށް ހަމަ ޖެހިފައި ވާއިރު ކުލަބު ޔޫތު ސްޓާރ އިން މަޢުލޫމާތު ދޭ ގޮތުގައި ސިމެންތި ޖެހުން ލަސްވެފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ވެލި ލިބުން ދަތިވެގެންނެވެ. އެހެން ނަމަވެސް ވެލި ލިބުނުހާ އަވަހަކަށް ސިމެންތި ޖެހުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށާއި ސިމެންތި ޖެހުމަށް ފަހު ކުލަ ލުމާއި ގާ އެތުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ޔޫތު ސްޓާރ އިން މަޢުލޫމާތުދެއެވެ.

ކުލަބު ޔޫތު ސްޓާރ އިން އަލާ ބެލެނިވެރިންގެ ހިޔާ ޕްރޮޖެކުޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އުނގޫފާރު ސްކޫލްގެ އިރު އުތުރު ކަންމަތީގައި ތަރައްޤީ ކުރާ ބެލެނިވެރިންގެ ހިޔާގެ ކުރެހުމެއް، މި މަސައްކަތް އޮގަސްޓް މަހު ނިމޭނެ – ފޮޓޯ: ކުލަބު ޔޫތު ސްޓަރ

މި ތަނުގެ މިހާރު ކުރިއަށް ދަނީ ބެލެނިވެރިން އިށިއިނދެގެން ތިއްބެވޭނެ ގޮތަށް ހަދާ ބެންޗުތައް ހެދުމާއި ގޭޓު ހެދުމުގެ މަސައްކަތެވެ. އަދި އެތަނުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ޕޯސްޓަރުތަކާއި އިސްތިހާރު ބޯޑު ތަކުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ޔޫތު ސްޓާރ އިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން އެތަނަށް ބޭނުންވާ ހުރިހާ ލައިޓެއް ވެސް މިހާރު ގަނެވިފައިވާ ކަމަށާއި އެތަނުގައި ބަހައްޓާ ގަސް ޕޮޓުތަކުގައި އިންދުމަށް ބޭނުންވާ ގަސްތައް ވެސް މިހާރު ވަނީ އިންދާ ނިމިފައި ކަމަށް ޔޫތު ސްޓާރ އިން މަޢުލޫމާތުދެއެވެ.

ކުލަބު ޔޫތު ސްޓަރ އިން މަޢުލޫމާތުދޭ ގޮތުގައި ރޭވިފަވާ ގޮތަށް ހުރިހާ މަސައްކަތެއް ދާނަމަ ކުރިއަށް އޮތް އޮގަސްޓް މަސް ނިމުމުގެ ކުރިން މިތަނުގެ ހުރިހާ މަސައްކަތެއް ނިމި ބޭނުން ކުރެވެން ފެށޭނެއެވެ.

މި މަސައްކަތަށް މިހާތަނަށް 89،893.83 ރ ހަރަދު ކުރެވިފައި ވާ ކަމަށާއި އަދި ރޭވިފައިވާ ގޮތަށް ހުރިހާ މަސައްކަތެއް ނިމިގެން ދާއިރު ޖުމްލަ 163،652.11 ހަރަދުވާނެ ކަމަށް ކުލަބު ޔޫތު ސްޓަރ އިން ލަފާކުރެއެވެ.

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވަމުން ކުލަބު ޔޫތު ސްޓާރގެ ނައިބު ރައީސް މުޙައްމަދު އަބްދުއް ޝަކޫރު ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު، މުޙައްމަދު ވަހީދު އަދި އުނގޫފާރު ކައުންސިލުން ވަނީ ފައިސާގެ އެހީތެރިކަން ވެދެއްވާފައެވެ. އަދި އެކަމަށްޓަކައި އެކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ކުލަބު ޔޫތު ސްޓާރގެ މެންބަރުންނާއި، ސަޕޯޓަރުންނާއި އުނގޫފާރު ސްކޫލުންނާއި، ކައިރި އަވައްޓެރި ގޭގެއިން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ.

2 ވަނަ އަދި 3 ވަނަ ފިޔަވަހީގައި އިތުރު 2 ތަން

ކުލަބު ޔޫތު ސްޓާރ އިން މިހާރު އަންނަނީ މި މަސައްކަތް ނިމުމާއެކު މި ޕްރޮޖެކްޓުގެ 2 ވަނަ އަދި 3 ވަނަ ފިޔަވަހީގެ ދަށުން އިތުރު 2 ބެލެނިވެރިންގެ ހިޔާ ތަރައްޤީ ކުރުމަށް ތައްޔާރުވަމުންނެވެ. މި ގޮތުން 2 ފަނަ ފިޔަވަހީގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ  ބެލެނިވެރިންގެ ހިޔާ އަޅާނީ އުނގޫފާރު ސްކޫލްގެ ހުޅަނގު އުތުރު ކަންމަތީގައެވެ. އަދި 3 ވަނަ ފިޔަވަހީގެ ދަށުން އަޅާ ބެލެނިވެރިންގެ ހިޔާ ތަރައްޤީ ކުރާނީ އުނގޫފާރު މެޖިސްޓްރޭޓު ކޯޓުގެ އިރު ދެކުނު ކަންމަތީގައެވެ.

ުލަބު ޔޫތު ސްޓާރގެ ބެލެނިވެރިންގެ ހިޔާ ޕްރޮޖެކުޓުގެ ދެވަނަ ފިޔަވަހީގެ ދަށުން އުނގޫފާރު ސްކޫލްގެ ހުޅަނގު އުތުރު ކަންމަތީގައި ތަރައްޤީ ކުރާ ބެލެނިވެރިންގެ ހިޔާގެ ކުރެހުމެއް – ފޮޓޯ: ކުލަބު ޔޫތު ސްޓަރ

މި 2 ފިޔަވަހީގެ މަސައްކަތް ވެސް ފެށިގެން ދާނީ އެއްކޮން ކަމަށާއި މިހާރު މި މަސައްކަތައް ބޭނުންވާ ފައިސާގެ 80% އަމިއްލަ ފަރާތަކުން ދިނުމަށް އެއްބަސްވެފައި ވާކަމަށް ކުލަބު ޔޫތު ސްޓާރ އިން މަޢުލޫމާތުދެއެވެ. ޔޫތު ސްޓާރ އިން މަޢުލޫމާތުދޭ ގޮތުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ 2 ހިޔާ ވެސް ޑިޒައިންކޮށް ކުރެހުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ވަނީ އެ މަސައްކަތް ފެށުމުގެ ހުއްދައަށް އެދުމުގެ މަރުހަލާގައެވެ. ޔޫތު ސްޓާރ އިން ލަފާކުރާ ގޮތުގައި އޮގަސްޓް މަހުގެ ތެރޭގައި ހުއްދައަށް އެދެވި ހުއްދަ ލިބިގެން ދާނެއެވެ.

ކުލަބު ޔޫތު ސްޓާރގެ ބެލެނިވެރިންގެ ހިޔާ ޕްރޮޖެކުޓުގެ ތިންވަނަ ފިޔަވަހީގެ ދަށުން އުނގޫފާރު މެޖިސްޓްރޭޓު ކޯޓުގެ އިރު ދެކުނު ކަންމަތީގައި ތަރައްޤީ ކުރާ ބެލެނިވެރިންގެ ހިޔާގެ ކުރެހުމެއް – ފޮޓޯ: ކުލަބު ޔޫތު ސްޓަރ

ކުލަބު ޔޫތު ސްޓާރ އިން މަޢުލޫމާތުދޭ ގޮތުގައި މި ހިޔާތަކަކީ އަންނަ އަހަރު ކުލަބު ޔޫތު ސްޓރ އަށް 25 އަހަރު ފުރޭ ރިހި ޔޫބިލްގެ މުނާސަބަތާ ގުޅުވައިގެން ކުލަބުން ފެށުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ފެށުމެއް ކަމަށެވެ. އަދި މީގެ އިތުރުން މިފަދަ އެތައް ކަމެއް އަންނަ އަހަރަށް ރޭވިފައިވާ ކަމަށް ކުލަބު ޔޫތު ސްޓާރ އިން މަޢުލޫމާތުދެއެވެ.

ކުލަބު ޔޫތު ސްޓާރގެ ބެލެނިވެރިންގެ ހިޔާ ޕްރޮޖެކުޓުގެ ތިންވަނަ ފިޔަވަހީގެ ދަށުން އުނގޫފާރު މެޖިސްޓްރޭޓު ކޯޓުގެ އިރު ދެކުނު ކަންމަތީގައި ތަރައްޤީ ކުރާ ބެލެނިވެރިންގެ ހިޔާގެ ކުރެހުމެއް – ފޮޓޯ: ކުލަބު ޔޫތު ސްޓަރ
ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close