ޚަބަރުރަށު ކުޅިވަރު

އުނގޫފާރު “އީދު މަޖާ 1440” ފޯރީގައި ކުރިއަށް

އުނގޫފާރު އީދުމަޖާ 1440

1440 ވަނަ އަހަރުގެ އަލްހާ އީދުގެ ކުޅިވަރުތައް އުނގޫފާރުގައި ވަރަށް ފޯރީގައި ކުރިއަށް އެބަދެއެވެ. “އެންމެންއެކުގައި” މި ޝިޔާރާއެކު ކުރިއަށްގެންދާ އީދު ކުޅިވަރުތައް އީދު 5 ދުވަހަށް ދެމިގެންދާނެއެވެ. އުނގޫފާރުގައި މިހާތަނަށް ކުރިއަށްގެންގޮސްފައިވާ ހަރަކާތްތަކާއި ކުޅީވަރު ތަކަކީ….

1- އީދު ވެދުމާ ދިއުން

އީދުކުޅިވަރުތައް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކުރިއަށްދިޔައީ އިދުވެދުމާ ދިއުމެވެ. މިއީ އީދުކުޅުމަށް ރައްޔިތުންބޭނުންވާތީ އެކަމަށް ބޭނުންވާ ހުއްދަ ކައުންސިލުން ހޯދުމަށް ކުރިއަށްގެންދާ ހަރަކާތެވެ. މިހަރަކާތް ފެށިގެން ދިޔައީ އީދުވިލޭރޭ 21:00 ގައި އުނގޫފާރު ކޮމިއުނިޓީ ސެންޓަރުންނެވެ. އީދު ހުއްދަ ހޯދުމަށް އުނގޫފާރު ބަދަވީނެގެ ލަޝްކަރު ކޮމިއުނިޓީ ސެންޓަރުން ދިޔައީ އުނގޫފާރު ސްޓޭޖް ސަރަހައްދަށެވެ. ރަސްމީ އިއްޒަތުގައި ލަޝްކަރު އެސަރަހައްދަށް ދިޔައިރު ރަށުގެ ކަމޮވޮށިގެންވާ ފަރާތްތަށް ސްޓޭޖުގައި ލަޝްކަރުގެ އިންތިޒާރުގައި ތިއްބެވެ.

2- އީދު ކުޅިވަރުތައް ކުޅުމުގެ ހުިއްދަ ދިނުން

ބަދަވީންގެ ލަޝްކަރު ކައުންސިލްގެ ދަރުބާރަށް (ސްޓޭޖް ސަރަހައްދަށް) އައުމުން ކައުންސިލްގެ ޤަރާރު އިއްވާ އީދު ކުޅިވަރުތައް ކުޅުމުގެ ހުއްދަ ދިނުން އޮތެވެ. އަދި އީދު ހުއްދަ ލިބުމުގެ އުފަލުގައި ބަދަވީންގެ އަންހެންވެރީން މަރުހަބާގެ ލަވައެއް ހުށައަޅައި ދިނެވެ. ލަވައަށްފަހު އީދު ހުޅު ރޯކުރުމަށް އަލިފާން ދަންމަރު ބަދަވީންގެ ލަޝްކަރުގެ ވެރިޔާ އާއި ހަވާލުކުރެވިގެން ދިޔައެވެ. އެހިސާބުން ލަޝްކަރު މިސްރާބު ޖެހީ އީދު އަލިފާން ރޯކުރުމަށެވެ.

3- އީދު އަލިފާން ރޯކުރުން

އުނގޫފާރު ބަދަވީންގެ ލަޝްކަރު އިދު ހުޅުރޯކުރަން ދަންމަރު ހިފައިގެން އީދު ހުޅު ރޯކުރާ ސަރަހައްދަށް ދިޔައިރު އެސަހަރައްދުވެސް އޮތީ ފުރިހަމައަށް ތައްޔާރު ވެފައެވެ. ދަންމަރު އީދު ހުޅު ރޯކުރަން ހާއްސަކުރެވިފައި ތިބި މީހުންނާއި ހަވާލުކުރުމާއެކު އީދު އަލިފާން/އީދު ހުޅު ރޯކުރުން ފެށިގެން ދިޔައެވެ. ހަމަ އެގަޑީގައި ބޮޑުބެރުގެ ފޯރިގަދަ ހަރަކާތްވެސް ފެށިގެން ކުރިއަށްދިޔައެވެ.

މިތިން ހަރަކާތް/ކުޅިވަރު ތައް ކުރިއަށްދިޔައިރު އެހަރަކާތްތައް ކުރިއަށްދާގޮތް ދިވެހިބަހުންނާއި އިނގިރޭސި ބަހުން ހުށައަޅައި ދީފައިވެއެވެ.

މިހަރަކާތް ތަކުގެ ފޭސްބްކް ލައިފް

Eid Vedhumaai Dhiun#Eidmaja1440 #emmenekugai

Posted by Ungoofaaru.com on Saturday, 10 August 2019

 

4- މައިދާނުގައި އީދު ނަމާދު ކުރުން

އެއްޖަމާއަތުގައި އީދުނަމާދު ކުރުން އޮތީ އުނގޫފާރު ކޮމިއުނިޓީ ސެންޓަރުގެ ފުޓުސަލް ދަނޑުގައެވެ.

Bodu Jamaa'athugai Eid Namaadhu Kurun

Posted by Ungoofaaru.com on Saturday, 10 August 2019

 

5- އީދު ސައި

އީދު ނަމާދަށްފަހު ކޮމިއުނިޓީ ސެންޓަރުގައި ސައި ކުރިއަށްދިޔައެވެ. މިސައިފޮދުގައި އީދު ނަމާދައް ހާޒިރުވި ކުދިބޮޑު އެންމެން ބައިވެރިވިއެވެ. އުނގޫފާރަކީ ގިނަ އަދަދެއްގެނބިދޭސީން އުޅެމުންދާ ރަކަށްވާތީ އެފަރާތްތަކުންވެސް އީދު ނަމާދާއި އަދި ސައިފޮދުގައި ބައިވެރިވިއެވެ. އަދި އެޤައުމުތަކުގެ ޝަގާފަތާއި އާދަކާދައިގެ ބައެއްކަންކަން އެފަރާތްތަކުން ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން މިސްރު މީހުންގެ ފަރާތުން ފެނިގެންދިޔަ ކުޑަކުދިންނަށް ހަދިޔާބެހުން ފާހަގަކޮށްލެވެ.

Posted by Ungoofaaru.com on Saturday, 10 August 2019

 

6- ބިލެއްއެޅުން

އީދުނަމާދާއި އީދުސަލާމަށްފަހު އޮތީ ބިލެއް އެޅުމެވެ. މީ އިހުގައި އީދު ކުޅިވަރުކުޅުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. ނަމަވެސް މިހާރު މިހަރަކާތް ކުރިއަށްގެންދަނީ އީދު ގެ ފޯރިގަދަ ކުޅިވަރެއްގެ ގޮތުގައިއެވެ.

Eid Maja 1440 – Firihenun Bileh Elhun

Posted by Ungoofaaru.com on Saturday, 10 August 2019

 

7- ބިލެއްދަފި ނެގުން

އީދު ދުވަހު ހަވީރު ކުރިއަށްދިޔައީ ބިލެއްދަފި ނެގުމުގެ ހަރަކާތެވެ. އުނގޫފާރުގެ ތިން ސަރަހައްދެއްގައި ކުރިއަށްދިޔަ މިހަރަކާތުގައި ބިލެއްދަފީގެ އިތުރުން އަންހެން ބޭފުޅުންގެ ނެށުމުގެ އައިޓަމްވެސް ކުރިއަށް ގެންދިޔައެވެ.

Eid Maja 1440 – Dhafi Negun

Posted by Ungoofaaru.com on Sunday, 11 August 2019

Eid Maja 1440 – Dhafi Negun

Posted by Ungoofaaru.com on Sunday, 11 August 2019

 

8- އީދު މާލި ޕެރޭޑް

އީދު ދުވަހުގެރޭ ކުރިއަށްދިޔައީ މާލި ޕެރޭޑެވެ. އުނގޫފާރުގެ ބޮޑެތި މަގުތަކުގައި ކުރިއަށްދިޔަ މާލި ޕެރޭޑް ރަށުގެ އެކިހިސާބުގައި މަޑުކޮށްފަ އައިސް ނިންމާލީ ސްޓޭޖް ސަރަހައްދަށެވެ. ޕެރޭޑް ނިމުމާއެކު އެސަރައްދުގައި މާލި ތަކާއެކު ފޮޓޯނެގުން ވެސް ކުރިއަށްދިޔައެވެ.

Eid Maja 1440 – Maali Parade

Posted by Ungoofaaru.com on Sunday, 11 August 2019

 

އީދުގެ ފުރަތަމަ ދުވަސް ނިންމާލިއިރު ތަފާތު 8 ހަރަކާތަކާއެކު އީދުފޯރި އުނގޫފާރުގައި މިވަނީ ވަރަށް ގަދަވެފައެވެ. އީދުގައި މިއަދާއި މިރޭވެސް ތަފާތު  ހަރަކާތެއް އޮންނާނެއެވެ. އެގޮތުން ހެނދުނު އަންހެނުންގެ ކޯޑި ބިލެއް އެޅުން އޮންނާއެވެ. އަދި ހަވީރު ފެމެލީޑޭ ކުރިއަށްދާއިރު މިރޭ އޮންނާނީ ސްޓޭޖް ޝޯވ އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close