ދީން

ހެޔޮނުވާނެ! މީހުންގެ ދިރިއުޅުން ހަލާކު ނުކުރޭ!

އާނއެކެވެ. ކޮންމެ މީހަކަށްވެސް އެނގޭ އެއް ހަގީގަތަކީ ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން ގައިގޯޅިވެ އުޅުމަކީ ޙަރާމް ކަމެއް ކަމެވެ. އަދި ކައިވެނީގެ ކުރިން ދެ ލޯބިވެރިންގެ ތެރޭގައި އުފެދޭ ކޮންމެ ގުޅުމަކީވެސް ޒީނޭގެ ޙަރާމް ގުޅުމެކެވެ. މިކަން ނޭނގޭ މީހަކު މި ރާއްޖޭގައި ނުހުންނާނެ އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެހެން ނަމަވެސް ކުރާނީ ވަކި ކީއްހެއްޔެވެ. މިއަދުގެ ދަރީން އެކުދިން އެންމެެ ޅަފަތުގެ ދުވަސްވަރުން ފެށިގެން ލޯބިވެރިން ނުވަތަ ބިޓުން ހޯދުމަކީ ޒަމާނީ ކަމަކަށްވެ، ފާފައެއް ކަން ވަނީ ހަނދާން ނެތިފައެވެ. ކީރިތި ޤުރުޢާންގައި މާތް ﷲ ވަޙީ ކުރައްވާފާއިވެއެވެ.

يَٰبَنِىٓ ءَادَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَٰرِى سَوْءَٰتِكُمْ وَرِيشًا ۖ وَلِبَاسُ ٱلتَّقْوَىٰ ذَٰلِكَ خَيْرٌ ۚ ذَٰلِكَ مِنْ ءَايَٰتِ ٱللَّهِ لَعَلَّهُمْ يَذَّكَّرُونَ ﴿٢٦﴾

މާނައީ: އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުންގެ عورة ތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވީމެވެ. އަދި تقوى ގެ ފޭރާން މާހެޔޮކަން ބޮޑެވެ. އެކަންތައްތައްވަނީ، اللَّه ގެ آية ތަކުގެ ތެރެއިންނެވެ. (އެއީ) އެއުރެން ހަނދުމަ ކުރުމަށްޓަކައެވެ.

ކޮންމެއަކަސް ކައިވެނީގެ ބޭރުން ހިލޭ އަންހެނަކާއި ފިރިހެނަކު ރައްޓެހިވެގެން އުޅުމަކީ ޙަރާމް ކަމަކަށް ވިޔަސް މިއަދު މި މުޖުތަމައުގައި އެކަން ކުރަމުން އަންނަނީ މައިންބަފައިންނަށް ވެސް އެކަން އެނގޭ ޙާލުގައެވެ. ގިނަ ފަހަރު އެކަން ހުއްޓުވުމަކީ މާ މުހިއްމު ކަމެއްގެ ގޮތުގައި އެ މައިންބަފައިން ނުދެކެއެވެ. ނަތީޖާއެއްގެ ގޮތުން އެއްކަލަ ދެ ލޯބިވެރިން އުޅޭނެހާ ގޮތަކަށް ގެއިންބޭރުގަ އާއި ގޭތެރޭގައިވެސް އުޅެމުން ދަނީއެވެ. ބައެއް މައިންބަފައިންނަށް ހީވެފައި އޮންނަ ގޮތުގައި އެމީހުންގެ ދަރިން ލޯބިވެރިން ހޯދައިގެން ގެއަށް ގެނެސްގެން އުޅުމަކުން މައްސަލަ އެއްނެތެވެ. ސަބަބަކީ އެކުދިން ގެއަށް އައުމަށް ހުއްދަ ދިނުމުން އެކުދިން ގޯސް ކަމެއް ނުކުރާނެ ކަމަށް ހީކުރެވުމެވެ. ނަމަވެސް ޙަޤީގަތަކީ އެ އެއް ނޫނެވެ. ހިލޭ އަންހެނެކާއި ފިރިހެނަކު އެކަހެރި ވުމުން އެ ދެމީހުންގެ ދޭތެރެއަށް ވަންނާނެ ތިންވަނަ ފަރާތަކީ ޝައިތާނާއެވެ. އެހެންކަމުން އަޤީދާ ބަލިކަށިވެފައިވާ ދެލޯބިވެރިން ތިބެނީ ހުސް ވަގުތު ކޮޅަކަށް ބަލަ ބަލައެވެ. މަންމަ ނުވަތަ ބައްޕަ ކިރިޔާވެސް ފަރާތަކަށް ޖެހިލުމުން ކޮންމެވެސް ގޯސްކަމެއް އެ ކުޑަ ވަގުތު ކޮޅު ތެރޭގައިވެސް ކޮށްލެވޭތޯ ބަލައެވެ. ކުޑަ ކުޑަ ގޯހަކުން ފަށާ ގޯސް ހައްދުން ނެއްޓި ދެން މަޖުބޫރު ކުރުވަނީ ބޮޑު ގޯހަކާ ދިމަލަށް ދިއުމަށެވެ.

ކޮންމެއަކަސް ލޯބިވާ ބޯއީ ފުރެންޑް ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ކުރެވޭ އިތުބާރުގެ ވާހަކަ ދެއްކުމަށް ވުރެ ރަނގަޅުވާނީ ނުދެއްކުމެވެ. ކުރާ އިތުބާރެއްގެ ބޮޑުކަމުން ތިމާގެ ހަޔާތް ވެއްޔާއި މޮޑެލެވޭއިރުވެސް މި ކުރެވެނީ ކިހާވަރެއްގެ ކަމެއް ކަން ވެސް އިހުސާސް ވެސް ނުކުރެވެއެވެ. ވާނީވެސް އެހެންތާއެވެ. ބޯއީ ފުރެންޑް އެވަނީ ދުވަހަކުވެސް ވަކި ނުވާނެ ކަމަށް ހުވަޔާއި އަހުދު ކޮށްފައެވެ. އަދި ބޯއީ ފުރެންޑް ބުނާ ކަންކަން ނުކޮށްދެވޭނަމަ ލޯބި ވާކަމަކަށް ބޯއީ ފުރެނޑް ޤަބޫލެއް ނުކުރާނެއެވެ. އަދި ބޯއީ ފުރެންޑް ބުނާ ކަންކަން ނުކޮށްދެވިއްޖެ ނަމަ ބޯއީ ފުރެންޑް ހިތުގައި ޖެހިދާނެތީވެ، ގާރލފުރެނޑަށް ބޯއީ ފުރެންޑް ބުނާ ކަން ކަން ނުކޮށް ހުރުމަކީ ވާނެ ކަމެއް ނޫނެވެ.

ކޮންމެއަކަސް ދުވަހަކުވެސް ވަކި ނުވާން ކަމަށް ވައުދުވެ، ފެށިގެން ދާ ގުޅުންތަކަށް ލޯބި އިތުރުވަނީ ގާރލްފުރެނޑް މަތިން ދުރުގައި ހުންނަ ވަގުތު، މިސްވުމުން، ބަލައިލާނެ ލޯބި ލޯބި ދެތިން ފޮޓޯ ފޮނުވާ ހިސާބުންނެވެ. ގިނަ ފަހަރު ކުރާ އިތުބާރެއްގެ ބޮޑުކަމުން ޕޮޓޯ ފޮނުވަމުން އެ ފޮނުވާ ފޮޓޯ ބަލާފައި ވީ އެންމެ އަވަހަކަށް ޑިލީޓް ކުރުމަށްވެސް ޝަރުތު ކުރާ ފަހަރު މަދެއް ނޫނެވެ. ނަމަވެސް ކޮންމެވެސް ބަހަނާ އެއް ދެއްކުމަށް ފަހު އެ ފޮޓޯ ޑިިލީޓް ނުކޮށް ފޯނުގައި ހިތުން އެންމެ ވަރުގަދަ ސެކިއުރިޓީއާއި އެކު ފޮރުވައެވެ. ނަމަވެސް ޒަމާނަކީ ޓެކްނޮލޮޖީގެ ގޮތުން ވަރަށްވެސް ކުރި އަރާފައިވާ ޒަމާނެއް ކަމުން ފޯނު ތަކުގައި ފޮރުވާފައި ހުންނަ އެއްޗެހި ނެގުމަކީ އުންދަގޫ ކަމެއް ނޫނެވެ.

ކޮންމެއަކަސް ތިބާ ފޯނުގައި ފޮރުވާފައިވާ އެ ގާރލްފުރެންޑްގެ ޕޮޓޯ ތިބާ ލީކް ކޮށްލަން ބޭނުން ނުވިއަސް ކޮންމެވެސް ގޮތަކުން ލީކްވެއްޖެ ހިނދެއްގައި، ބޭޒާރުވެ، ފަލީހަތް ވެގެން ދާނީ ތިބާއެއް ނޫނެވެ. ބަރުބާދުވެ ހަޔާތް ކުދި ކުދިވެގެން ދާނީވެސް ތިބާގެ ހަޔާތެއް ނޫނެވެ. ތިބާއަށްޓަކައި އިތުރު އެއްވެސް މީހަކަށް ނުކުރާ ވަރުގެ ވަރުގަދަ އިތުބާރެއް ކުރުމަށްފަހު އެ ފޮޓޯ ފޮނުވި ކުއްޖާގެ ހަޔާތެވެ. ކޮންމެހެން ފޮޓޯ ފޮނުވާކަށް ނުޖެހެއެވެ. ނަމަވެސް އެ ގާރލްފުރެންޑް އެކަން ކުރީ ހަމަ ތިބާދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

ރައްޓެހިވެގެން އުޅުނު ކުއްޖާއާއި ރުޅިވާން ޖެހުމުން ނުވަތަ ކޮންމެވެސް ސަބަބަކާ ހުރެ ވަކިވާން ޖެހުމުން ނުވަތަ ތިބާގެ ނަޒަރުން ނަމަ ބޭވަފާތެރި ވުމުން އެއްކަލަ ގާރލްފުރެންޑް ލޯބިން ފޮނުވި ބަރަަހަނާ ފޮޓޯ ތިބާގެ ރައްޓޭހިންނަށް ދައްކައި ތިޔަ ހަދަނީ ތިބާ އަށް ވަކި ކޮން މޮޅު ތަކެއް ލިބޭނެ ކަމަށް ހީކޮށްގެން ހެއްޔެވެ. ނިކަން ވިސްނަބަލާށެވެ. ތިބާ ލީކް ކޮށްލާ ބަރަހަނާ ފޮޓޯއިން އެ ކުއްޖާގެ މުޅި ދިރިއުޅުން ބަރުބާދުވެ، ވެއްޔާއި މޮޑެވެގެންދާއިރު ތިބާގެ ހިތުގައި އެއްވެސް ރަހުމެއް ކުލުނެއް ހަމްދަރުދީގެ ޒައްރެއްގެ މިންވަރުވެސް ނެތީ ހެއްޔެވެ. އެދުވަހު ތިބާ ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާގެ ބަރަހަނާ ފޮޓޯ ލީކް ކުރަމުން ދާއިރު މާދަމާ ތިބާގެ މަންމަ، ދައްތަ، ނުވަތަ ކޮއްކޮ ވެސް ތިބާ އަށް ތިބާގެ ލޯބިވެރިޔާ ކުރިފަދަ އިތުބާރެއް ކޮށްގެން އެފަދަ ބަރަހަނާ ފޮޓޯ އެމީހުންގެ ލޯބިވެރިއާއަށް ފޮނުވުމަށް ފަހު އެ ބަރަހަނާ ފޮޓޯ ލީކް ވެއްޖެ ނަމަ ތިބާ ލަދެއް ނުގަންނާނެ ހެއްޔެވެ. ތިބާގެ ރައްޓެހިން ތިބާގެ އާއިލާ މީހުންގެ ފޮޓޯ ލީކްވެގެން އުޅޭ ވާހަކަ ތުންތުން މަތިން ދެކެވޭ އަޑު އިވުމުން ތިބާ އަށް ކެއްވާނެ ހެއްޔެވެ. ނުވާނެއެވެ. ހަމަ އެފަދައިން ތިބާ އެހެން މީހުންގެ ބަރަހަނާ ފޮޓޯ ލީކު ކުރަމުން ދާއިރު އެމީހުންގެ ހިތަކަށް ކުރާނެ އަސަރު ނުވަތަ ދިރިއުޅުމުގައި ލިބިދާނެ ގެއްލުމަކަށް ކުޑަވެސް ފަރުވާލެއް ނެތީހެއްޔެވެ. އެ މައުސޫމް އިންސާނާ ތިބާއަށް ނުހަނު އިތުބާރު ކުރުމަށް ފަހު ފޮނުވާ ބަރަހަނާ ފޮޓޯ އާންމު ކުރުމަކީ ތިބާއަށް މޮޅުކަމަކަށްވެ، ރައްޓެހިންގެ ކުރިމަތީ އަގު އަރައިގެން ދާނެ ކަމެއް ކަމަށް ދެކުނަސް އެއީ ތިބާގެ ފިނޑި ކަމާއި ލަދު ހަޔާތް ކުޑަކަމެވެ. ކުރިންވެސް ކުރީ ފާފައެވެ. ދެންވެސް ކުރެވެނީ ފާފައެވެ. އަދި ތިބާ އެ ލީކް ކޮށްލާ ފޮޓޯ ބަލާ ކޮންމެ މީހެއްގެ ފާފައިގެ ޒިންމާވެސް ތިބާ އުފުލަން ޖެހޭނެކަން ހަނދާން ކުރާށެވެ.

އޭ ލޮބުވެތި އަންހެނާއެ! މާތް ﷲ އަށް ބިރުވެތިވޭ! ކިތަންމެ ސިއްރުން ކުރި ފާފައެއް ކަމުގައި ވިޔަސް ﷲ އީ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑެގަންނަވާ އަދި އައްސަވާ ވޮޑިގެންވާ އިލާހެވެ.

ސޫރަތް: އަންނޫރު 31 ވަނަ އާޔަތް
وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِنْ زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

“އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخ ންނަށް، ނުވަތަ އެކަނބަލުންގެ أخ ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخت ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورة ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ.”

އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
2 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
2 Comment authors
އޭނަMaree Recent comment authors
އޭނަ
Guest
އޭނަ

ވަރަށް ފުރިހަމަ ލިޔުމެއް

Maree
Guest
Maree

Furihama liyumeh

Close