ކުޅިވަރު

އަމިއްލަ ދަނޑުގައި ޗަައިނާ އަތުން ބަލިވެ، ދިވެހިން ކަރުނަ އަޅައިފި!

މިހާރު ކުޅެމުންދާ ވޯލްޑް ކަޕް އަދި އޭޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި މިރޭ ޗައިނާ އާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗު 5 ލަނޑުން ކާމިޔާބުކޮށް ޗައިނާއިން ދިވެހިން ރޮއްވާލައިފިއެވެ.

ދިވެހިންގެ ރަސްމީ ފުޓުބޯޅަ ދަނޑު (ގަލޮޅު ސްޓޭޑިއަމް)ގައި ކުޅުނު މި މެޗުގައި ޗައިނާ އިން ޖެހި 5 ލަނޑުގެ ތެރެއިން 2 ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީތަކުގައެވެ. މެޗުގެ ކުރީކޮޅުގައި ދިވެހިން ހަމަޖެހިލައިގެން ކުޅުނު ނަމަވެސް މާގިނައިރުތަކެއް ނުވެ ޗައިނާ ޓީމުން މެޗުތެރެއަށް ވަދެގަނެ، މެޗުގެ 30 ވަނަ މިނެޓުގައި ލިބުނު ހުރަހެއްގައި 7 ނަންބަރު ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ބޭރަށްދިޔައިރު އޭގެ މިނެޓެއް ފަހުން ލިބުނު ހިލޭ ޖެހުމެއްގައި އެޓީމްގެ 9 ނަންބަރު ފޮނުވާލި ހަމަލާ އަމާޒުވީ ރާއްޖޭގެ ގޯލުގެ މަތީ ދަނޑިއާއެވެ. މެޗުގައި ޗައިނާ އިން ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކުރީ 34 ވަނަ މިނެޓުގައި ވޫޒީ އެވެ. ވޫޒީގެ ލަނޑުން ޗައިނާ އިން ލީޑު ހޯދުމަށްފަހު މުޅި މެޗުގެ ކޮންޓްރޯލް ނެގިއިރު އެޓީމުގެ 2 ވަނަ ލަނޑު ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޖަހައި ދިނީ ސްޕެއިންގެ އެސްޕާންޔޮލް އަށް ކުޅެމުން އަންނަ ވޫ ލީ އެވެ. މެޗުގެ ފުރަތަމަ ހާފު ޗައިނާ އިން ނިންމާލީ 2 ލަނޑުގެ ލީޑަކާއެކު އެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެ އަދި ޗައިނާ ބައްދަލު ކުރި މެޗުގެ ފުރަތަމަ 11 – ފޮޓޯ: މިހާރު ސްޕޯޓްސް

ރާއްޖެ އިން މެޗުގެ 2 ވަނަ ހާފަށް ނުކުތީ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބޭލުމަށްފަހު ޒުވާން ކުޅުންތެރިއާ ނާއިޒު ހަސަން (ދާދު) ކުޅެން އަރުވައިގެންނެވެ. 2 ވަނަ ހާފު ރާއްޖެ އިން ފަށައިގަތީ އެޓޭކިންގް ގޭމަކަށެވެ. އެގޮތުން ފުރަތަމަ ހާފާއި ހިލާފަށް މި ހާފުގައި ދިވެހި ޓީމުން ވަނީ ފުދޭވަރަކަށް ކުރިއަށް ޖެހިލައި ޗައިނާގެ ގޯލަށް ނުރައްކާ ކުރެވޭތޯ ބަލާފަ އެވެ. މެޗުގެ 51 ވަނަ މިނެޓުގައި ރާއްޖެ ޓީމުން ކުރިއަށް ޖެހިލި ވަގުތުގެ ބޭނުން ހިފައި ޗައިނާ އިން ރަނގަޅު ކައުންޓާ ހަމަލާއެއް ތަނަވަސްކުރި ނަމަވެސް އެޓީމުގެ 9 ނަންބަރު މުޅިން ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ. އޭގެ ދެތިން މިނެޓު ފަހުން ރާއްޖެ އިން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ޑީއޭރިއާ ބޭރުން ކެޕްޓަން އަކުރަމް އަބްދުލްޢަނީ ފޮނުވާލި ހިލޭ ޖެހުން ގޯލުގެ މަތީ ދަނޑިއަށް އަމާޒުވި އިރު ރީބައުންޑުގައި ލިބުނު ބޯޅަ ފޯވަޑް ދާދު އަށް ރަނގަޅަށް ޖެހޭ ގޮތެއްނުވި އެވެ. އޭގެ އިރުކޮޅެއްފަހުން ރާއްޖެ ޓީމުން ނެގި ކޯނަރެއްގައި ހަމްޒާ މުހައްމަދު (ހަމްޕު) ދިން ޕާހެއްގައި ހައިޝަމް ހުހަށް ހުރެ ބޮލުން ފޮނުވާލި ނަމަވެސް އެ ހަމަލާ ޗައިނާ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

އަނިޔާވުމުގެ ސަބަބުން މެޗުގެ 60 ވަނަ މިނިޓްގައި ރާއްޖޭން ވަނީ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް)ގެ ބަދަލުގައި ސަމޫހު އަލީ (ސަމުއްޓެ) ކުޅެން އަރުވައިފަ އެވެ. ރާއްޖެ އިން ފުދޭވަރަކަށް ރަނގަޅަށް ކުޅެމުންދަނިކޮށް ޗައިނާގެ 3 ވަނަ ލަނޑު ޖެހީ މެޗުގެ 63 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޔާން ޝޫ އެވެ. ޗައިނާގެ 4 ވަނަ ލަނޑު ޖެހީ މެޗުގެ 83 ވަނަ މިނިޓްގުއި ލިބުނު ޕެނަލްޓީ އެއްގައި އެލްކެސަން އެވެ. މެޗުގެ އިތުރު ވަގުތުގައި ރާއްޖޭގެ ކުޅުންތެރިން ވާނުވާގައި ތިއްބާ ޗައިނާގެ 5 ވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ އެލްކެސަން އެވެ.

އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close