ކޮވިޑް-19

ޚަބަރުރ.އަތޮޅު

އެމްޑީއެންގެ ރިޕޯޓު ކިނޮޅަހު ކައުންސިލުން ކުއްވެރިކޮށްފި

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން “ޕްރިލިމިނަރީ އެސެސްމެންޓް އޮން ރޭޑިކަލައިޒޭޝަން އިންދަ މޯލްޑިވްސްގެ” ނަމުގައި ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނާ ޙިލާފު އަދި ދީނަށް ފުރައްސާރަ ރައްދުވާ ގޮތަށް އެތައް ވާހަކަތަކެއް ލިޔެފައިވާތީ ރ.ކިނޮޅަހު ކައުންސިލުން އެކަން ކުއްވެރިކޮށް ބަޔާނެއް ނެރެފިއެވެ.

ކިނޮޅަހު ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށާއި މާތް ނަބިއްޔާ މުޙައްމަދު – އަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްފައިވާތީ އެކަން ކިނޮޅަހުގެ ރައްޔިތުންނާއި ކިނޮޅަހު ކައުންސިލްގެ ނަމުގައި ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ. އަދި އެ ކަމަކީ އެމްޑީއެންއިން ހިންގި ވަރަށް ދަށުދަރަޖައިގެ ޢަމަލެއް ކަމަށް އެ ކައުންސިލާއި އެ ރަށު ރައްޔިތުން ދެކޭ ކަމުގައި އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ކިނޮޅަހު ކައުންސިލްގެ ބަޔާނުގައި ބުނެފައި ވަނީ އެމްޑީއެންގެ ރިޕޯޓުގައި މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ފުރައްސާރަކުރުމުގެ އިތުރުން ކީރިތި ޤުރުއާނުގެ ނައްޞުތަކުން ސާބިތުވާ ކަންކަމަށް ކަނޑައެޅިގެން އިންކާރުކޮށްފައި ވުމަކީ މުސްލިމުންގެ ގޮތުގައި ތިބެ އެ ޖަމިއްޔާއިން ކޮށްފައިވާ ފަސާދައިގެ ޢަމަލެއް ކަމަށެވެ.

އަދި ޖަމިއްޔާތަކާ ބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާ އާ އެ ޖަމިއްޔާއިން ޙިލާފުވެފައި ވާކަން ފާހަގަކޮށް އެމްޑީއެންއާ މެދު ފިޔަވަޅު އަޅަން ޖެހޭކަން ވެސް ކިނޮޅަހު ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ. ޖަމިއްޔާތަކާ ބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި ޖަމިއްޔާއަކުން އިސްލާމްދީނަށް އިހާނެތިކޮށް ހިތުމަށް ނުވަތަ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް ނުވަތަ އެކަމަށް އުނިކަމެއް ގެނުވާފަދަ ޢަމަލެއް ކުރުމަކީ މަނާކަމެވެ.

“އެހެން ކަމުން އެމްޑީއެން އިން މިހިންގި އިސްލާމްދީނާ ޚިލާފު ދަށު ދަރަޖައިގެ ޢަމަލުތައް ހިންގި ފަރާތްތަކާއި، އެޖަމިއްޔާއަށް ފިޔަވަޅު އަޅުއްވައިދެއްވުން އެދި ކަމާ ބެހޭ އެންމެހާ މުއައްސަސާތަކުގެ ކިބައިން އެދެމެވެ.” ކިނޮޅަހު ކައުންސިލްގެ ބަޔާނުގައިވެއެވެ.

އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނާ ޚިލާފު ކަންތައްތަކެއް ހިމެނިފައިވާތީ ގިނަ ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ. އަދި އެމްޑީއެން އުވާލުމަށާއި އެ ޖަމިއްޔާއާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ދީނީ ޢިލްމުވެރިންނާއި ސިޔާސީ ފަރާތްތަކާއި އާންމު ގިނަ ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓުގައި ވަނީ ކީރިތި ޤުރުޢާނުގެ ނައްޞުންނާއި ރަސޫލާ ﷺ ގެ ސުންނަތުންނާއި އިލްމުވެރިންގެ އިޖުމާއުން ސާބިތުވެފައިވާ ކަމެއްކަމުގައިވާ އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅަކީ ސައިންސްގެ އަލީގައި ސާބިތުވާ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި މިނޫނަސް އިސްލާމްދީނާ ޚިލާފު އެތައް ވާހަކަތަކެއް އެ ރިޕޯޓުގައި ހިމަނާފައިވެއެވެ. މި ރިޕޯޓުގެ މައްސަލަ ތަހުޤީގު ކުރުމަށް އިސްލާމިކް މިނިސްޓުރީންނާއި އަދާލަތު ޕާޓީން ވަނީ ފުހުލުންނަށް ހުށައަޅާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close