ޚަބަރުރ.އަތޮޅު

ދުވާފަރު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމޭ ހިސާބުގައި

ރ.ދުވާފަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމޭ ހިސާބުގައި ކަމަށް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލަމް މި ގޮތަށް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ދުވާފަރު ދާއިރާގެ މެމްބަރު ކުރެއްވި ސުވާލުގައި ވިދާޅުވީ ދުވާފަރުގެ ބިން ހިއްކުމަކީ ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ރިޔާސީ ވައުދެއް ކަމަށާއި އަދި އެ މަސައްކަތައް މި އަހަރުގެ ބަޖެޓުގައި 67.25 މިލިއަން ރުފިޔާ ހިމަނާފައި ވާ ކަމަށާއި އެހެން ނަމަވެސް އެ މަސައްކަތް ލަސްވެފައި ވަނީ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނެތުމުމުގެ ސަބަބުން މި އަހަރު ޑިސެމްބަރ މަހު އެ މަސައްކަތް ފަށާ އަންނަ އަހަރާ އެކު އެ މަސައްކަތް ކުރިއަށް ގެންދާ ގޮތަށް ކުރިން ހަމަޖެހިފައިވާތީ ކަމަށެވެ. އަދި މިހާރު މި އަހަރުގެ އެންމެ ފަހު މަހާ ހިސާބަށް އާދެވިފައިވާއިރު އެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެތޯ އާއި މި ޕްރޮޖެކްޓް ފެށިގެން ދާނީ ކިހާތާކުތޯ އިއްސެ ސުވާލުކުރެއްވިއެވެ.

ޖަވާބުގައި މިނިސްޓާރ އަސްލަމް ވިދާޅުވީ މި މަސައްކަތް ނުފެށި ލަސްވެފައި ވަނީ މިވަގުތު ރާއްޖޭގައި ޑްރެޖިން އަދި ރިކްލެމޭޝަން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރި ހަމަ އެކަނި ކުންފުންޏަކީ އެމްޓީސީސީ ކަމަށް ވެފައި އެމްޓީސީސީގެ މަހާ ޖައްރާފު މި އަހަރު އޭޕްރީލް މަހުން ފެށިގެން މެދުކެނޑުމެއް ނެތި އެކި ޕްރޮޖެކްޓުތަކަށް ބޭނުން ކުރެވެމުންދާތީ މި އަހަރު މަހާ ޖައްރާފު އިތުރު ޕްރޮޖެކްޓަކަށް ބޭނުންކުރެވެން ނެތީމައެވެ. އަދި އިތުރު ޕްރޮޖެކްޓަކަށް މަހާ ޖައްރާފު އެވެއިލެބްލް ވާނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމޭ ހިސާބުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އަންނަ ހަފުތާގެ ތެރޭގައި ދުވާފަރުގެ ބިން ހިއްކުމަށް ބޭނުންވާ ޑިޒައިނިން މަސައްކަތާއި އެންވާރަމެންޓް އިންޕެކްޓް އެސެސްމެންޓް ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއެކުރާނެ ކަމަށެވެ. އަދި މި އަންނަ އަހަރު މަހާ ޖައްރާފު އެވެއިލެބްލް ވާން ވާ އިރަށް އީއޭއައި އަދި ޑިޒައިނިން މަސައްކަތް ވެސް އޮންނާނީ ނިމިފައި ކަމަށް އުންމީދު ކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close