ރަށު ކުޅިވަރުކުޅިވަރު

ފައިނުގެ ފޭސް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އަލީ އުނައިސް “އުންނި”

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި

ރ.ފައިނުގެ ފޭސް ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފޭސްކަޕް ފުޓްބޯޅަ މުބާރާތުގެ 2019 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އުނގޫފާރު އެފްސީގެ ހުނަރުވެރި ކުޅުންތެރިޔާ އަލީ އުނައިސް ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންޓީމް ގާލެންޑޯ މުބާރާތް ފަށައިފައިވަނީ ބައްޔަކުންނެވެ. ފުރަތަމަ މެޗް ރަނަރަޕް ކަން ހޯދި ބީޗްފޯސް އަތުން 2-1 އިން ބަލިވި އިރު އެ މެޗްގެ ގާލެންޑޯގެ ހަމަ އެކަނި ލަނޑު ޖަހާފައިވަނީ އުންނިއެވެ. ގާލެންޑޯގެ ދެވަނަ މެޗް  2-1 އިން ޑީވީޑީ އަތުން ބަލިވެ މުބާރާތުން އަލްވަދާއު ކިޔުމަށް ތައްޔާރުވެފައި އޮއްވާ ޓީމުގެ މާޔޫސްކަން ފިލުވާލާ އުއްމީދެއް ގެނެސްދިނީވެސް މެޗްގެ ފަހު މިނެޓްގައި އުންނި ޖެހި ރީތި ގޯލްއިންނެވެ. މި މެޗް 2-2 އިން ނިމުނުއިރު ގާލެންޑޯގެ 2 ލަނޑުވެސް ކާމިޔާބު ކޮށްދިނީ ގޯލް އާއި އަބަދުވެސް ގާތް ގުޅުމެއް އޮންނަ އަދި އެ މެޗްގެ މޮޅު ކުޅުންތެރިޔާ އަށްވެސް ހޮވުނު އުނައިސްއެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗް ފަސޭހަކަމާއިއެކު 4-1 އިން ގެލެކްސީ ބަލިކުރި މެޗްގައި ގާލެންޑޯގެ ހުރިހާ ވެސް މީހަކީ އުންނި ކަމަށް ގާލެންޑޯގެ ކޯޗްވެސް ހެކިދިނެވެ.

މުބާރާތުގެ ފައިނަލަށް ގާލެންޑޯ ނިކުތީ ފުރަތަމަ މެޗުގައި ބައްދަލުވި ބީޗްފޯސް އާއި ދެކޮޅަށެވެ. މެޗްގެ ކުރީކޮޅު މަންޗް ނަގައިދިން ރީތި ކޯނަރ ނުހަނު ރީތި ކަމާއިއެކު އުންނި ބޮލުން އެތެރަށް ކޮށްލީ މަތީދަނޑިގަވެސް ޖައްސާފައެވެ. ދުނިޔޭގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ‘ސީ” ސެލެބްރޭޝަން އަށް އަބަދުވެސް ލޯބި ކުރާ އުންނިގެ މި ގޯލް އާއި އެކީ މުބާރާތުގެ ޖަޖުންނަށް މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ ޔަގީންވިއެވެ.

އުންނި މުބާރާތުގައި ޖެހި 4 ވަނަ ގޯލްގެ އެހީގައި 1-0 އިން ފައިނަލްގައި ބީޗްފޯސް ބަލިކުރުމަށްފަހު ގާލެންޑޯއިން ފުރަތަމަ ފަހަރަށް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދައިދިނުމުގެ މޭސްތިރި އަކީ އުނގޫފާރު އެފްސީގެ ޖާޒީ ނަމްބަރ 11، އަލީ އުނައިސްއެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހައްގުކަންމަތީ އުންނި އުފުލާލި އިރު އެއީ އުނގޫފާރުގެ ތާރީޚުގައިވެސް އެހެން ރަށެއްގެ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އުނގޫފާރަށް ނިސްބަތްވާ ކުޅުންތެރިޔަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

އުނގޫފާރު.ކޮމްގެ ފަރާތުންނާއި އުނގޫފާރު ރައްޔިތުންގެ ނަމުގައި އުންނި އަށް މަރުޙަބާ ކިޔަމެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close