ރިޕޯޓް

އާދަޔާ ޚިލާފަށް ރަށްގިރުން: ފައިނު ބާކުލީގެ ޤަލަމުން

ރަށް ގިރުމަކީ ދިވެހިރާއްޖޭގައި އާކަމެއް ނޫނެވެ. އެއް ތުނޑި ވޮޑެންޏާ އަނެއް ތުނޑި ގިރުން އެއީ ޖަޒީރާ ވަންތަ ސިފައެކޭ ބުނެވިދާނެ އެވެ. އިރުވައި މޫސުމުގަ ހަޅަ ޖަހާއިރު އެއްގަމަށް އަންނަ ބޮޑެތި ރާޅު ފައިބައިގެން ދާނީ މުޅި ހިސާބު ދޮވެ އަދި ދޮންވެލި ލާފައެވެ. ގޮނޑުދޮށް އޮންނަ ރަށްރަށުގެ އަތިރިމަތީގައި ސާފު ދޮންވެލި ހުރެފައި، ބަނދަރު ހަދާފައި އޮންނަ ހިސާބު ހިރަފުސް ކުލައިގަ އޮންނަނީ އެހެންވެއެވެ. އަދި އެގޮތަށް ގިރާ ވެލިގަނޑަކީ ރަށުން ފައިބައިގެން ދާ އެއްޗެއް ވެސް ނޫނެވެ އެ ވެލިގަނޑަށް ބައެއް ރަށް ރަށުގައި “އެނބުރޭ ވެލިގަނޑު” ކިޔާ އުޅެއެވެ. އެއީ އެ ވެލިގަނޑު އިރުވައިގަ ހުޅަނގު ތުނޑިޔަށް، ހުޅަނގުގައި އިރުމަތީ ތުނޑިޔަށް ޖަމާވެފައި އޮންނާތީއެވެ. އެގޮތަށް ގިރާ ގިރުމުން، އާދަޔާ ޚިލާފަށް ގެއްލުންވީ ތަނެއް އަހަރެން ނުދެކެމެވެ. މިހެން މިބުނީ، ރާއްޖެތެރޭ ރަށެއްގެ އަތިރިމަތީ ހުރި ގެއެއްގައި ޢުމުރު ހޭދަކުރި މީހެއްގެ ހައިސިއްޔަތުންނެވެ.

ކާބަފައިންގެ ބަހުން ނަމަ “މާޅޮސް މަޑުލުގެ ބޮޑު 3 ރަށުން މެދަށް އޮންނަ” ފައިނަކީ، ބިޔަ ގަސްތަކުން މަލަ އެކުލެވިފައިވާ ހިތްގައިމު ރީތި ރަށެކެވެ. ބުނެވޭ ގޮތުގައި ރާއްޖޭގައި މީހުން ވަޒަންވެރިވެ، މި ޖަޒީރާ ތަކުގެ ވެރިކަން ރ.ރަސްގެތީމުގައި ޤާއިމުވެފައި އޮތް އިރު، ރަދުން ހިއްޕެވުމަށްޓަކައި ފެން ގެންދެވުނީ ފައިނުންނެވެ. އެގޮތުން، ފައިނަކީ ފެން މީރު ރަށެއްގެ ގޮތުގައި ޒަމާނުއްސުރެ މަޝްހޫރު ވެފައި ވެއެވެ. އޭގެ އިތުރުން، ކާބަފާ ޒަމާނުގައި ފައިނު މަޝްހޫރުވި އަނެއް ސަބަބަކީ، މުޅި މާލޭން އުތުރުގައި ދެ މޫސުމަށްވެސް އެންމެ ފަޅު ފަސޭހަ ރަށަކަށް ފައިނު ވުމެވެ. އެހެން ކަމުން، ތުރާކުނާއި ކުޅުދުއްފުށީގެ ނާލު ބައްތެލި ފަހަރުވެސް، ބަނދަރު ކުރަމުން ދިޔައީ ފައިނު ފަޅުގައެވެ. އެހެން އެކަން ހިނގަމުން އައިސް، 1970ގެ ކުރީކޮޅު، ރަށުގެ އިރުމަތީ ކޮޅުން އާދަޔާ ޚިލާފަށް ގިރައި، ރަށުގެ ފަޅު ތިލަވާން ފެށިއެވެ. އެގޮތަށް ތިލަވަމުން ގޮސް، އަހަރު ތަކެއް ވީއިރު، ހިކި ދިޔައިގަ ފަޅުން ވަދެ ނިކުމެ ނުހެދޭ ވަރަށް ފަޅު ތިލަވިކަމަށް، އެކަން ތަޖްރިބާ ކުރި ދޮށީ ޢުމުރުގެ މީހުން ބުނެއެވެ. އެކަން މިހާރުގެ ގިނަ މީހުންވެސް ހަނދާން ހުންނާނެ އެވެ. އަދި އެކަން އެގޮތަށް ހިނގަން މެދުވެރިވީ، އުވަ ދެވުމަށްޓަކައި ރަށުގެ ފުއްޓަރުން ރޯ މުރަކަ ނަގާތާ ދުވަސްތަކެއް ފަހުން ކަމަށްވެސް އެމީހުން ބުނެއެވެ. އޭރު ގިނަ ބަޔަކު އާމްދަނީ ހޯދަމުން ދިޔައީ، އެގޮތަށް ދަވާ އުވަ މާލެއަށް ވިއްކައިގެންނެވެ. އެކަން ކުރީ، އެއީ ކިހާވަރެއްގެ ކަމެއް ކަން ރައްޔިތުންނަށް ނޭނގި ތިބެއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ފައިނު ރައްޔިތުންނާ މުޙާތަބުކުރައްވާ ވާހަކާފުޅު ދައްކަވާނީ

ކޮންމެ ސަބަބެއް މެދުވެރި ވެގެން ވެސް، ފައިނު ފަޅު ބެދިއްޖެއެވެ. އެހެން ގޮތަކަށް ބުނަންޏާ ރައްޔިތުން ރަށުގައި ތަޅު ލެވިއްޖެއެވެ. މީހަކު ބޮޑު ބައްޔެއް ވެގެން ނޫނިއްޔާ ވިހާ މީހަކު މަސްތުރަ ނުވެގެން ވެސް، ދިޔަ ކުޑަ ނަމަ ރައްޔިތުން ޖެހުނީ ދިޔަ ބޮޑުވަންދެން ނުފުރައި ތިބޭށެވެ. އެ ޙާލަތުގައި އެތަށް ބަޔަކު ދުނިޔެ އަޅައި ދިޔަފަހުން، ފައިނު ރައްޔިތުންނަށް ލަފާފުރުމުގެ ދަތިކަން ހައްލުކޮށް ދެއްވުމަށްޓަކައި ބަނދަރެއް ހައްދަވައި ދެއްވާނެ ކަމަށް ވިދާޅުވެ، އެކަން ޢަމަލީ ގޮތުން ފައްޓަވައިދެއްވީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނެވެ. އެނގިފައިވާ ގޮތުގައި އެއީ ވަރަށް ބޮޑަށް ދިރާސާ ކޮށް ޕްލޭން ކުރެވިގެން، ރަށުގެ އަތިރިމައްޗާއި ގޮނޑުދޮށަށް އެންމެ ގެއްލުން ކުޑަވާނެހެން ތަރައްޤީ ކުރުމަށް ހަމަޖެހިފައި އޮތް މަޝްރޫޢެކެވެ. ނަމަވެސް ފަޅު ކޮންނަން ފަށާ ބޮޑުބައެއް ކޮނެ ނިމިފައި ވަނިކޮށް، ނަޝީދުގެ ވެރިކަން ވެއްޓި، ބަނދަރު މަޝްރޫޢުގެ ތެރެއަށް ސިޔާސީ ބައެއްގެ ނުފޫޒު ފޯރުވައި ޕެޓިޝަން ހަދައިގެން ބަނދަރުގެ މަސައްކަތް ވެސް ވަނީ ހުއްޓުވާފައެވެ. ދައުލަތުން އެތައް ލައްކަ ރުފިޔާއެއް އިސްރާފުވެ، ރައްޔިތުންގެ ހުވަފެންތައް ބިލާހަކަށްވީ އެހިސާބުންނެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ފައިނުގައި ކޮންނަން ފެށި ބަނދަރު

ދެވަނަ ފަހަރަށް ފައިނުގައި ބަނދަރު ހައްދަވައި ދެއްވީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ކުރިން ކޮނުނު ތަން އެއޮތް ގޮތަށް ބާއްވައި އަދި، ކަމުގެ މާހިރުން ބުނާ ގޮތުގައި ކަނޑުގެ އާޖުފާޖާއި އޮޔަާ ވަޔަށް ބެލުމެއް ނެތި، ޤުދުރަތީ އުޞޫލުތަކާ ޚިލާފަށް ރަށުގެ އެންމެ ގަދަވާ ދިމާއިން ނެރު ކަނޑައިގެން އަވަށު މެދާހިސާބުން ހެދި ބަނދަރު، ބަލާލަން ރީއްޗެވެ. ނަމަވެސް އެ ބަނދަރު ހިމެނުނީ، ފައިނުގެ ގޮނޑުދޮށާ އަތިރިމަތި އަދި އެތައް ޖީލަކަށް ހިޔާދިން ބިޔަ ގަސްތަކުގެ ހަލާކު ކަމުގައެވެ. އަދި އެ ބަނދަރު ހަދަން ފެށިފަހުން މިއީ، އާދަޔާ ޚިލާފަށް ރަށް ގިރާ 2ވަނަ ފަހަރެވެ. މިބަހުގެ ތެދުކަން، ސިޔާސީ މަންފާ ތަކެއް ޙާޞިލް ކުރުމަށްޓަކައި އައްޑަނަޔަކަށް ބޭނުން ކުރި ރައްޔިތުންގެ ބަޔަކަށް ނޭނގުނަސް، ކަމާ ބެހެން ތިބި އެންމެނަށްވެސް އެނގޭނެ އެވެ. ކަން މިހެން އޮވެ، މިއަދު ސޭވް ފައިނު މީހުން ކޮބާހޭ، ފައިނު ސޭވް ކުރާށޭ ކިޔާ ކިތަންމެ ވަރަށް ފޮށުނަކަސް، ކުރެވޭނެ މާބޮޑު ކަމެއްވެސް ނުމެ ނެތް މެއެވެ. މީގެ މާނައަކީ ސަރުކާރުން މިކަމާ އަޅާނުލާށެކޭ ނޫނެވެ. ޝައްކެއް ނެތެވެ. ސަބަބަކަށް ކޮންމެ ކަމެއް މެދުވެރި ވެގެން ވެސް، މި މިންވަރަށް ރަށެއް ހަލާކުވެ ދިރުންތައް ނެތި ދާއިރު، ސަރުކާރުން މިކަމަށް ހައްލެއް ހޯދޭތޯ މަސައްކަތް ކުރަން ޖެހޭނެއެވެ. ބުނެވޭ ގޮތުގައި ޢުމަރުގެފާނު ޚަލީފާ ކަމުގައި، އެކަލޭގެފާނުގެ ޒިންމާޔާއި ބެހޭ ގޮތުން މީހަކު ސުވާލު ދެންނެވިއެވެ. (އޭރު މުސްލިމުންގެ ވެރިކަން ކުރާ ރަށަކީ ކޫފާއެވެ.) ޢުމަރުގެފާނު ވިދާޅުވިއެވެ. “ބަޣުދާދުގެ މަގުމަތިން ހިނގާފައިދާ އަހެއް ފައި ފުރޮޅާލައިގެން ވެއްޓި މަރުވިޔަސް، ޤިޔާމަތް ދުވަހު ﷲގެ ޙަޟްރަތުގައި ޢުމަރު އެކަމަށް ޖަވާބުދާރީ ވާން ޖެހޭނެއެވެ. އެހެނީ، އެ އަހަށް ނުވެއްޓި ހިނގާފައި ދެވޭނެހެން އެ މަގު ހަދައިދިނުމަކީ ޢުމަރުގެ ޒިންމާ އެކެވެ.”

ރައީސް ޔާމީންގެ ދައުރުގައި ހެދި ބަނދަރު

ކޮންމެއަކަސް، މިކަން އޮތީ މިހެން ވެފައެވެ. ވަގުތު ފާއިތުވެފައިވާ ކަމަކަށް ވާތީއާއި އަންނަ ރުޅީގެ ގަދަކަމުން، މިއީ އަހަރެން ނުދައްކަން ނިންމައިގެން ހުރި ވާހަކައެކެވެ. ބޮޑުސިންގާ ރީތި ރަށެއް، ވޯޓަށް އަލިފާންފޮށި ބަނދަރެއް ހަދައިގެން ސުންނާފަތި ކޮށްލީމައެވެ. އެކަމަކު އިތުރަށް މިހަނދާން ކޮށްގެން ވާނެ ފައިދާއެއް ވެސް ނެތަތީއެވެ. އެހެނަސް، ހުރިހާ ގޯހެއް ހެދި މީހުން މިހާރު، ހައްޖުވެގެން އައިސް މީދާ ހަރާން ކުރި ބުޅާ ހެދިގެން އުޅޭތީއާ، އެހެން ރަށްރަށު މީހުންނަށްވެސް ޢިބްރަތަކަށް ވާނެތީ މިވާހަކަ ހިއްސާ ކޮށްލީއެވެ. އެހެން ރަށަކަށް، މިހެން ނުވުން އެދެމެވެ. އެހެން ބަޔަކަށް، އެއްވެސް ސަރުކާރަކުން މިފަދަ ލަނޑެއް ނުދިނުން އެއީ މަގޭ އާދޭހެވެ.

#savefainu

އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Nan Recent comment authors
Nan
Guest
Nan

Pakaas

ކިޔާލުން ރަނގަޅު

Close
Close