ހާއްސަ ލިޔުންކުޅިވަރު

ޔަމަހާ މަސްރޭސް 1436 ގެ ޗެމްޕިއަންކަން ޓީމް ސިރާނީއަށް

އުފާއިން އިންތިޒާމްކޮށްގެން ބޭއްވި ޔަމަހާ މަސްރޭސް 1436 ގެ ޗެންޕިއަންކަން ޓީމް ސިރާނީއިން ހޯދާފިއެވެ. ޓީމް ސިރާނީ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލްގައި ވާދަކުރި އަނެއް 3 ޓީމް، އުފަން، ރޮދި އަދި ރީފް ފިޝްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މީޓީމުން ކުރި ހޯދާފައި ވަނީ 58.5 ކިލޯގެ މަސްބާނައިގެންނެވެ. ޓީމް ސިރާނީއާ އެންމެ ގާތުން ވާދަކުރި ޓީމް އުފައިން ބާނާފައި ވަނީ 53 ކިލޯގެ މަހެވެ. އަދި 3 ވަނައަށް ދިޔަ ޓީމް ރީފް ފިޝްއިން ބާނާފައިވަނީ 43 ކިލޯގެ މަހެވެ. ފައިނަލްގައި އެންމެ މަދުން މަސްބޭނުން ޓީމް ރޮދިން ބާނާފައި ވަނީ 28 ކިލޯގެ މަހެވެ.
ވަރަށް ފޯރިއާއެކު ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލަށް 4 ޓީމްވެސް ފުރާފައި ވަނީ އިއްޔެ ހަވީރު 4:00 އާ 4:30 އާ ދެމެދުއެވެ. ފައިނަލް ބުރު ކުރިއަށް ދިޔައިރު އެންމެ ބޮޑު ދައްޗަކަށް ދިމާވީ އިއްޔެގެ މޫސުން އެހާ ރަނގަޅު ނުވުމެވެ. އުނގޫފާރާއި ރ. އަތޮޅުގެ ބައެއްސަރަހައްދު ތަކަށް އިއްޔެ ވައި ގަދަވެ ވިއްސާރަ ކުރިއެވެ. އަދި ކަނޑުވެސް ފާހަގަ ކުރެވުނީ ފުދޭވަރަކަށް ގަދަކޮށެވެ. 8:00 ޖަހާއިރު އައި ވިލާގަނޑުގައި ކަނޑު ވަރަށް ބޮޑަށް ގަދަވިއެވެ. މޫސުން ގޯސްވި ކަމުގައިވިޔަސް ޓީމްތަކުގަ ހިމެނުނު މަސްވެރިންގެ ޖޯޝާއި ހިތްވަރަށް މިކަމުގެ ސަބަބުން އެއްވެސް އުނިކަމެއް އައިސްފައި ނުވާ ކަން ޓީމްތަކުން ނެރުނު ނަތީޖާއިން ހާމަވެއެވެ. 10:00 އާއި 11:00 އާ ދެމެދު ހުރިހާ ދޯނިތަކެއްވެސް ވަނީ މަހުން ލަފާފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އިވެންޓްގެ ހަރަކާތްތައްވަނީ އުގޫފާރު ބަނދަރުން އުނގޫފާރު ސުޓޭޖަށް ބަދަލުކޮއްފައެވެ. ސުޓޭޖު މަތިން ޓީމްތަކަށް މަރުހަބާ ކިޔަމުން ދިޔައީ ސިގަލިޔާ ބޮޑުބެރު ގުރޫޕުގެ ހަރަކާތްތަކެވެ. ރޭ ވަނީ ވަނަ ވަނަޔަށް ދިޔަ ޓީމްތަކާ ބައިވެރިންނަށް އިނާމާއި، ޓުރޮފީ އަދި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.
ރޭގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އުފާއިން ވަނީ މި ހަރަކާތް އެންމެ ފުރިހަމަ ގޮތުގައި ގެންދިއުމަށް އެހީތެރިވެދިން ފަރާތްތަކުގެ ނަން ފާހަގަކޮށް އެފަރާތްތަކަށް ހަދާނީން ލިޔުން އަރުވާފައެވެ. މިގޮތުން ހަސަން މޫސާ، ޑިއަރ ފުރައިންޑް، ރ.އުނގޫފާރު، އެލިއާ އިންވެސްޓްމެންޓް، ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމިއްޔާ އަދި އުނގޫފާރު ކައުންސިލަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އުފާގެ ރައިސް އިބްރާހިމް ޒަޔާނެވެ. މީގެ އިތުރުން މުބާރާތުގައި ވަނީ އެންމެ މޮޅު ކެޔޮޅާއި އެންމެ ބޮޑު މަސް ބޭނި ފަރާތެއް ހޮވާފައެވެ. އެންމެ މޮޅު ކެޔޮޅަކަށް ހޮވިފައިވަނީ ޓީމް ސިރާނީގެ އަބްދުﷲ ހަމީދު، ފަށަލަ، ރ.އުނގޫފާރު އެވެ. އަދި އެންމެ ބަރު މަސް ބާނާފައިވަނީ ހަމަ އެޓީމުގެ ހަސަން އިރުފާން، ފަޒާ، ރ.އުނގޫފާރެވެ. މީގެ އިތުރުން މި މުބާރާތުގައި ބައިވެރި ހުރިހާ ޓީމްތަކަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އަދި ޗެމްޕިއަނަށް ދިޔަ ޓީމް ސިރާނީއަށް ވަނީ މި މުބާރާތުގެ ޓުރޮފީއާއި، ހަނދާނީލިޔުމާއި މުބާރާތުގެ ޗެމްޕިއަން ޓީމަށް ލިބޭ 4،000 ރ ގެ ފައިސާގެ އިނާމް ހަވާލުކޮށްފައެވެ. މި އިނާމްތައް ހަވާލުކޮށްދެއްވީ އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުލް ނާސިރު އަލީއެވެ.
ރަސްމިއްޔާތު ނިންމާލަމުން އުފާގެ ރައީސް އިބްރާހީމް ޒަޔާން ދެއްކެވި ވަހަކަފުޅުގައި ފާހަގަކޮށްފައިވަނީ މިއީ މިފަދަ ހަރަކާތެއް އުނގޫފާރުގައި ބޭއްވުނު ފުރަތަމަފަހަރު ކަމަށާއި އަދި މި ހަރަކާތް ކާމިޔާބު ކަމާއެކު ގެންދިޔުމަށް އެކި ފަރާތްކުން ވެދެއްވި އެއްބާރުލުމާ އެހީތެރިކަމަށް އުފާގެ ނަމުގައި އެފަރާތްކަށް ޝުކުރު އަދާކުރާކަމެވެ. އަދި މިއަންނަ ރަމަޟާން މަހުގައިވެސް މިހަރަކާތް މިޔައްވުރެ ކުލަގަދަކޮށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޒަޔާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ހަސަން އިރުފާން، އެންމެ ބޮޑު މަސް ބޭނި ފަރާތް: ފޮޓޯ: ތޯހާ ހުސައިން
ހަސަން އިރުފާން، އެންމެ ބޮޑު މަސް ބޭނި ފަރާތް: ފޮޓޯ: ތޯހާ ހުސައިން

ރަސްމިއްޔާތައްފަހު މިމުބާރާތުގެ ޗެމްޕިއަންޓީމްގެ ފަރާތުން އުފާއާ ވާހަކަފުޅު ދައްކަވަމުން އެޓީމްގެ އިބްރާހިމް މަންސޫރު ވިދާޅުވީ މިމުބާރާތައް ނުކުތީ ވަރަށް ޔަގީން ކަމާއެކުގައި ކަމަށާއި ފުރަތަމަ ބުރުން އެންމެ ބޭނުންވާ ނަތީޖާ ނުނެރެވުނު ކަމުގައިވިޔަސް މުބާރާތުގެ ދެން އޮތް ދެ ބުރުވެސް ކާމިޔާބުކުރީ ވަރަށް ހިތްވަރާއެކު ކެރިގެންކަމަށެވެ. މުބާރާތުގެ އެންމެ ބޮޑު މަސްބޭނި ޓީމް ސިރާނީގެ ހަސަން އިރުފާން ވިދާޅުވީ ކަނޑުމަށްޗައް ނުކުމެ ބޮޑު މަހެއް ބާނައިގެން މި ފަދަ ވަނައެއް ލިބިދާނެ ކަމަށް ހުވަފެނުންވެސް ދެކިފައި ނުވާ ކަމަށެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމް ސިރާނީގެ ފަރާތުން އުފާއާ ވާހަކަ ދައްކަނީ - ފޮޓޯ: ތޯހާ ހުަސައިން
މުބާރާތުގެ ޗެމްޕިއަން ޓީމް ސިރާނީގެ ފަރާތުން އުފާއާ ވާހަކަ ދައްކަނީ – ފޮޓޯ: ތޯހާ ހުަސައިން
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
0 Comment authors
މިސްޔޫ އުގޫފާރ Recent comment authors
މިސްޔޫ އުގޫފާރ
Guest
މިސްޔޫ އުގޫފާރ

ކީޕިޓް އަޕް އެކަމް ވަރަށް ދެރަވެ ޙަބަރުތައް އެހާ އަޕްޑޭޓް ނުވާތީ

Close