ޚަބަރުރ.އަތޮޅު

އެމްޑީޕީ ޕްރައިމަރީ އަލީ ޝާހިދު ކާމިޔާބުކުރައްވައިފި

އެމްޑީޕީގެ ޓިކެޓުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރ.އަތޮޅު ރައީސް ކަމަށް ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމަރީ ރ.އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝާހިދު ކާމިޔާބުކުރައްވައިފިއެވެ. އެމްޑީޕީގެ ޓިކެޓުގައި ރ.އަތޮޅު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާނެ ފަރާތެއް ހޮވުމަށް ވާދަކޮށްފައި އަލީ ޝާހިދުގެ އިތުރުން އަހުމަދު އާމިރެވެ.

ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޝާހިދު މި ޕްރައިމަރީ ކާމިޔާބު ކުރައްވާފައި ވަނީ 1753 ވޯޓުންނެވެ. އަދި އާމިރަށް ލިބިލައްވާފައި ވަނީ 1369 ވޯޓެވެ. މިއީ 383 ވޯޓުގެ ތަފާތެކެވެ.

މި ޕްރައިމަރީގައި ރ.އަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓު ފޮށި ބަހައްޓާފައި ވާއިރު ޝާހިދު ކުރި ހޯއްދަވާފައި ވަނީ އަލިފުށި، ވާދޫ، ރަސްގެތީމް، އަނގޮޅިތީމް، އުނގޫފާރު، އިންނަމާދޫ އަދި މަޑުއްވަރީގައި ބެހެއްޓި ވޯޓު ފޮށިންނެވެ. ރ.އަތޮޅުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ތެރެއިން އާމިރު ކުރި ހޯއްދެވީ ހުޅުދުއްފާރު، ދުވާފަރު، މާކުރަތު، ރަސްމާދޫ، އިނގުރައިދޫ، ކިނޮޅަސް، ފައިނު އަދި މީދޫގައި ބެހެއްޓި ވޯޓު ފޮށިންނެވެ. މީގެ އިތުރުން މާލޭގައި 3 ވޯޓު ފޮށި ބަހައްޓާފައި ވާއިރު މި ވޯޓު ފޮށިތަކުން ޝާހިދު ވަނީ ބޮޑު ކާމިޔާބީއެއް ހޯއްދަވާފައެވެ.

އަތޮޅު ކައުންސިލްގެ އިތުރުން ރަށު ކައުންސިލްތަކަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ވެސް އިއްޔެ ހޮވާފައިވެއެވެ. އޭގެ ތެރެއިން އުނގޫފާރު ކައުންސިލްއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރަމަށް ޕްރައިމެރީ ކާމިޔާބުކޮށްފައި ވަނީ މި ހިނގާ ދައުރުގެ ނައިބު ރައީސް މުޙައްމަދު އަފްލާހު އަދި މުނީޒް މޫސާ، މީނާޒް، ރ.އުނގޫފާރުއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close