ޚަބަރު

ކުލަބު ޔޫތު ސްޓާރގެ ރިހިޔޫބިލްގެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލައިފި

މި ހިނގާ 2020 ވަނަ އަހަރަކީ ކުލަބު ޔޫތު ސްޓާރ (ސީވައިއެސް) އަށް 25 އަހަރު ފުރޭ ރިހިޔޫބިލް ފާހަގަކުރާ އަހަރަށް ފުމާއެކު ސީވައިއެސް އިން މި އަހަރު ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގައި ބޭނުންކުރާނެ ޙާއްސަ ލޯގޯއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ޔޫތު ސްޓާރ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ލޯގޯ ތަކުގެ ތެރެއިން އެންމެ ރަނގަޅު ލޯގޯއެއް ހުށައެޅާ ފަރާތަކަށް 3000ރ ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.

ކުލަބު ޔޫތު ސްޓާރ އިން މަޢުލޫމާތު ދިން ގޮތުގައި ރިހިޔޫބިލްގެ ލޯގޯ އަކީ ޔޫތު ސްޓާރގެ 25 އަހަރު ރަމްޒުކޮށްދޭ ލޯގޯއަކަށް ވުމާއި ލޯގޯގައި ޔޫތު ސްޓާރ ރަޖިސްޓްރީ ކުރެވުނު އަހަރު ނުވަތަ ތާރީހު (25 ޖޫން 1995) ހިމަނިފައިވާ ލޯގޯއަކަށް ވާންޖެހެއެވެ.

މީގެ އިތުރުން ޔޫތު ސްޓަރ އިން ހާމަކުރި ގޮތުގައި ލޯގޯގައި ހިމަނަން ޖެހޭނެ ކުލަ ތަކަކީ ނޫ، ރީނދޫ، ފެހި އަދި ރަތް ކުލަ ކަމަށާއި އަދި މި ކުލަތަށް ލޯގޯގައި ހިމަނަން ޖެހޭނީ ތިރީގައި މިވާ ސީ.އެމް.ވައި.ކޭ ކުލަ ރޭޝީއޯއާ އެއްގޮތަށް ކަމުގައެވެ.

ކުލަބު ޔޫތު ސްޓާރގެ ރިހިޔޫބިލް އަށް ލޯގޯ ހުށައެޅުމުގެ ފުރަސަތު 13 ފެބުރުއަރީ 2020 ވަނަ ދުވަހުގެ 23:00 ގެ ނިޔަލަށް ޢާންމުކޮށް ވަނީ ހުޅުވާލާފައެވެ. މިގޮތުން ކޮންމެ ފަރާތަކުން ވެސް ހުށައެޅޭނީ 1 ލޯގޯ ކަމަށާއި ލޯގޯތައް އީމެއިލް ކުރާނީ clubyouthstar@gmail.com  އަށް ކަމުގައި ޔޫތު ސްޓާރ އިން މަޢުލޫމާތުދެއެވެ.

ލޯގޯތަށް ހުށައަޅުމަށް ކަނޑަ އަޅާފައި ވަނީ އޮރިޖިނަލް ވެކްޓާރ ފޯމެޓަށެވެ. މިސާލަކަށް ކޮރެލް ނުވަތަ އިލަސްޓްރޭޓާރ އިން ތައްޔާރުކުރާ ނަމަ އެ ސޮފްޓްވެއާއެއްގެ ފޯމެޓަށް ލޯގޯ ހުށައެޅުމަށް ކުލަބު ޔޫތުސްޓަރ އިން އެދެއެވެ. އަދި އެއާއެކު ލޯގޯގެ 2ޑީ އަދި 3ޑީ ކުރެހުން ވެސް ހުށައެޅުމަށް ކުލަބު ޔޫތު ސްޓަރގެ އިއުލާންގައި އެދިފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close