ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އުނގޫފާރު ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އުނގޫފާރު ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުން އޮތީ އިއްޔެ މެންދުރު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލްގައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އުނގޫފާރު ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ރަށުގެ ތަރައްޤީއަށް ކުރަމުންދާ ބައެއް މަސައްކަތްތަކާއިބެހޭ މަޢުލޫމާތު އުނގޫފާރު ކައުންސިލަރުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އުނގޫފާރު ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރަށުގެ ތަރައްޤީއަށް ހިންގާ ބައެއް މަޝްރޫޢުތަކާއިމެދު ހުރި ބައެއް ކަންބޮޑުވުންތައް ހިމެނެއެވެ.

މިގޮތުން، އުނގޫފާރު ސްކޫލަށް ކުރިމަތިވެފައިވާ ދަތިތަކާއި މަގު ހެދުމާއި މިސްކިތް ތަރައްޤީކުރުމުގެ މަޝްރޫޢާއިމެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ކައުންސިލަރުންވަނީ ޙިއްޞާކުރައްވާފައެވެ. މީގެއިތުރުން ކައުންސިލަރުން ވަނީ، ރަށަށް ކުރިމަތިވެފައިވާ ރަށް ގިރުމުގެ މައްސަލައާއި ސާފު ބޯފެން ފޯރުކޮށްދޭ މިންވަރަށްވުރެ ޑިމާންޑް ބޮޑުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ސަމާލުކަމަށް ގެންނަވާފައެވެ.

ރައީސުލް ޖުމުހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް އުނގޫފާރަށްކުރެއްވި ޒިޔާރަތުގައި ރ އުނގޫފާރު ކައުންސިލާއި ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ މި ފަދަ ދަތުރުފުޅުތަކަކީ ރައްޔިތުންގެ ކަންކަން އެންމެ ގާތުން ބައްލަވައި، ރައްޔިތުންގެ ބޭނުންތައް ފުއްދައިދެއްވުމަށް މަސައްކަތްކޮށްދެއްވުމުގެ މަޤްޞަދުގައި ކުރައްވާ ދަތުރުފުޅުތަކެއްކަމުގައި ވިދާޅުވިއެވެ. އަދި އުނގޫފާރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި، ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި، މި މަހުގެ 20 ވަނަ ދުވަހު އަމަލުކުރާން ފަށާފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޒުކުރުމުގައި ކައުންސިލުން އިހުނަށްވުރެ ބޮޑަށް ވިސްނަވައި، އިސްކަންދެއްވައިގެން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ކައުންސިލުގެ މެމްބަރުންނަށް ބާރުއަޅުއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނުވަނީ، ރަށުގެ އިޖްތިމާޢީ ހަމަޖެހުން ޤާއިމުކޮށް ޞިއްޙީ ހޭލުންތެރިކަން އިތުރުކޮށްދިނުމުގައި ކައުންސިލްގެ ދައުރު ފުރިހަމައަށް އަދާކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އުނގޫފާރަށް ވަޑައިގެންނެވުމުން އުނގޫފާރު ރައްޔިތުންވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގައި އުނގޫފާރުގައި ހުރި ދައުލަތާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން އާއްމު ރައްޔިތުން ބައިވެރިވެފައިވެއެވެ.

މަސްދަރު: ރައިސް އޮފީސް ވެބްސައިޓް

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close