ޚަބަރުރ.އަތޮޅު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ނައިބް އިއްޔެ އުނގޫފާރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރ. އަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި ތަރައްޤީއަށް ކުރަމުންދާ ބައެއް މަސައްކަތްތަކާއިބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ކައުންސިލަރުންވަނީ ޙިއްޞާކުރައްވާފައެވެ.

މިގޮތުން ކައުންސިލަރުންވަނީ، ބައެއް ރަށްރަށުގައި އުޞޫލުތަކާއި ޚިލާފަށް އަވަސްކޮށްލައިގެން ކުރަމުންދާ ބައެއް މަސައްކަތްތަކުގެ ސަބަބުން އަތޮޅު ކައުންސިލަށް ކުރިމަތިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ސަމާލުކަމަށް ގެންނަވާފައެވެ. މީގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙާއިއެކު ކައުންސިލްތަކުގެ ހިންގުމަށް އައިސްފައިވާ ބަދަލުތަކާއި އަތޮޅު ފެރީގެ ނިޒާމު ހަރުދަނާކުރުމާއި އިންސާނީ ވަޞީލަތް ތަރައްޤީކުރުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރާއި ކަމާއިބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ. އަދި، ރަށްރަށުގެ ތަރައްޤީއަށް ހިންގާ އެކި މަޝްރޫޢުތަކުގެ ކަންކަން ވަރަށް ގާތުން ބައްލަވައިދެއްވުމަށާއި، އަތޮޅުގެ އިޖްތިމާޢީ ފޭރާން ރަނގަޅުކޮށް، ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާ ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މަސްދަރު: ރައިސް އޮފީސް ވެބްސައިޓް

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close