ޚަބަރުރ.އަތޮޅު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި ހޮސްޕިޓަލްގެ ވެރިންނާއި ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރަށް އިއްޔެ ކުރެއްވި ޒިޔާރަތުގެ ތެރެއިން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެތަނުގެ ޙާލަތު ބައްލަވާލައްވައިފިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނުވަނީ، ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ބައެއް މީހުންނާއި ބައްދަލުކުރައްވައި، އެ މީހުންގެ ޙާލު އޮޅުންފިލުއްވާފައެވެ.

މި ޒިޔާރަތުގެ ތެރެއިން ހޮސްޕިޓަލުގެ އިސް ވެރީންނާއި މުވައްޒަފުންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ހޮސްޕިޓަލުގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި، ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހޮސްޕިޓަލަށް ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވައި، އެ ތަނުގައި ޤާއިމުކޮށްފައިވާ ވަޞީލަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ސާފު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުގެ އިސް ވެރީންނާއި މުވައްޒަފުން ވަނީ، އެތަނަށް ކުރިމަތިވެފައިވާ މުވައްޒަފުންނާއި ވަޞީލަތްތަކުގެ ދަތިކަމުގެ އިތުރުން ބޭސް ލިބުމުގައި ހުރި ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ، ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާން ހެލްތް މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މިޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާ މެހުމާނުންނާއި އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ވަނީ ސޮއިކުރައްވާފަފއެވެ. މިބައްދަލުވުމުގައި ރައއީސުލް ޖުމުހޫރިއްޔާގެ ނައިބްގެ އިތުރުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އާއިޝަތު އަލީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މަސްދަރު: ރައިސް އޮފީސް ވެބްސައިޓް

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close