ކޮވިޑް-19

ޚަބަރު

ކޮވިޑް-19: އުނގޫފާރުގެ ވޭސްޓް މެނޭޖުމަންޓް އަދި އިޖުތިމާއީ ސަރަހައްދު ސާފުކުރާ މުވައްޒަފުންނަށް މައުލޫމާތު ދީފި

މިހާރު ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް 19 ވައިރަހުން ރައްކާތެރިވުމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އުނގޫފާރުގެ ވޭސްޓް މެނޭޖްމަންޓްގައި އަދި އުނގޫފާރުގެ އިޖުތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޮވިޑް 19 އާ ބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

އިއްޔެ މެންދުރު 11:30 ގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލްގައި ބޭއްވި ބައްދަލުވުމުގައި އުނގޫފާރުގެ ވޭސްޓް މެނޭޖްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މައުލޫމާތު ދެއްވީ ކޮވިޑް އާއި ގުޅިގެން ޔޫއާރުއެޗްގައި އުފައްދާފައިވާ ޓާސްކްފޯހުގެ ބޭފުޅުންނެވެ.

ޓާސްކްފޯސްގެ ފަރާތުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން ގޮތުގައި މި ބައްދަލުވުމުގައި އުނގޫފާރުގައި މިހާރު ކުނިމެނޭޖު ކުރަމުންދާގޮތުގެ މައުލޫމާތު ސާފުކޮށް މިމަސައްކަތުގައި ދިމާވާ ދަތިތަކާއި ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން މައުލޫމާތު ދީފައިވެއެވެ. އެގޮތުން ކުނި ނެގުމުގައި އަދި ކުނި ނައްތާލުމުގަޔާއި ވެހިކަލްތަކާއި މަސައްކަތުގައި ބޭނުންކުރާ ސާމާނު ދޮވެ ސާފުކުރުމުގައި ކަންކަން ބަހައްޓަންވީގޮތާއި ރައްކާތެރިކަމިގެ ގޮތުން އަޅަންވީ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު ދެފިވައިވާކަމަށެވެ.

އުނގޫފާރުގެ އިޖުތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މައުލޫމާތު ދިނުން

އުނގޫފާރުގެ އިޖުތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށް މެންދުރުފަހު ބޭއްވި ބައްދަލުވުމުގައިވެސް މިމަސައްކަތް ކުރަމުންދާގޮތުގެ މައުލޫމާތު ސާފުކޮށް މިމަސައްކަތުގައި ދިމާވާ ދަތިތަކާއި ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން މައުލޫމާތު ދީފައިވެއެވެ. އެގޮތުން ކުނި ކެހުމާއި ނެގުމުގައި އުޅޭއިރު ކަންކަން ބަހައްޓަންވީގޮތާއި ރައްކާތެރިކަމިގެ ގޮތުން އަޅަންވީ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު ދެފިވައިވާކަމަށެވެ.

އުނގޫފާރުގެ ވެށި ސާފްތާހިރުކޮށް ބޭއްވުމަށް މިދެ ފަރާތުން ކުރާ އިހްލާސްތެރި ބުރަ މަސައްކަތަށް މިފުރުސަތުގައި ވަރަށް އިހްލާސްތެރި ޝުކުރެއް އަދާކުރަމެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވޭތީ ރ.ފުރަވެރި ރިސޯޓުގެ ދެމީހަކު ޓެސްޓު ކުރުމަށް ސާމްޕަލްނަގާ އިއްޔެވަނީ އެ ރިސޯޓު އޮބްސަވޭޝަން ސްޓޭޓަސްއަށް ގެންގޮސްފައެވެ. އަދި ކޮވިޑް 19 ގެ އަލާމާތްތައް ފެނިގެން ރ.ފައިނު މީހަކު ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. ކޮވިޑް 19 އަށް ރާއްޖޭގައި މިހާތަނަށް 13 ފަރާތެއް ޕޮސިޓިވް ވެފައި ވާއިރު އެ އެންމެންނަކީ ބިދޭސީންނެވެ.

ރާއްޖޭގައި ކޮވިޑް 19 އިން ރައްކާތެރިވެ ތިބުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޔޫއާރްއެޗްއިން ދަނީ އުނގޫފާރުގެ އިތުރުން ރ.އަތޮޅުގެ ހުރިހާ ރަށެއްގެ ސިއްޙީ މަރުކަޒުތަކާ ގުޅިގެން ގިނަ ޕްރޮގުރާމްތަކެއް ހިންގަމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close