ކޮވިޑް-19

ޚަބަރު

އުއްމީދީ ވާހަކަފުޅު ތަކަކާއެކު ރާއްޖެ “ލޮކްޑައުން” އަށް!

ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެސް ސަލާމަތް ނުވެވިގެން އުޅޭ ކޮވިޑް-19 ބަލިމަޑުކަމުގެ ބަލާއާފާތާއެކު ރާއްޖޭގެ އިގްތިސޯދަށް ބޮޑު ލޮޅުމެއް އެރި ނަމަވެސް ސަރުކާރު އޮތީ ތައްޔާރަށް ކަމަށާއި ރައްޔިތުންނަށް ދައްޗެއް ނުވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފެއްޓެވީ ކޮވިޑް-19 އާ ދެކޮޅަށް ސިއްހީ ހިދުމަތްތެރިން ކުރާ މަސައްކަތަށާއި ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށާއި އަދި ނޫސްވެރިންގެ މަސައްކަތަށް ޝުކުރު އަދާ ކުރައްވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ޖެނުއަރީ 6 އިން ފެށިގެން ރާއްޖޭގައި އަންނަނީ ކޮވިޑް-19 އާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުން ކަމަށާއި މިކަން ކުރަމުން އަންނަނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔަށް ކަމަށެވެ. އަދި މިކަމުގައި އެންމެ އިހު ބަހާއި ފަހު ބަސް ވެސް ބުނާނީ ސިއްހީ ތަޖުރިބާކާރުން ކަމަށައި އެހެންވެ ރައްޔިތުން ވެސް އެގޮތަށް އަމަލުކޮށްދެއްވުމަށެވެ.

ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމަށް ރައީސް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަމުން ވިދާޅުވީ މިއީ ދަތި ކަމަކަށް ވިޔަސް މިއީ އެންމެންގެ ރައްކަލަކަށް އަޅާ ފިޔަވަޅުތަކެއް ކަމަށާއި އަދި ހާލަތާ ގުޅޭ ފިޔަވަޅުތައް ވެސް އަޅާނެކަމަށެވެ. އެގޮތުން ކުރިއަށް އޮތް ހަފްތާވެސް ސަރުކާރު ބަންދުވާނެކަމަށް އިއުލާނު ކުރެއްވިއެވެ.

ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ސްޓޫޑެންޓް ލޯންތަކާއި ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ހަ މަސް ފަސްކޮށްދޭން ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި  ފުރަތަމަ ހަ މަސް ފަހުން ދައްކާއިރު އިތުރު 20 ޕަސެންޓް ކުޑަވާނެ ކަމަށް އިއުލާނުކުރެއްވިއެވެ.

އެޗްޑީއެފްސީގެ ލޯނުަތައް ދެއްކުން ވެސް ވަނީ ފަސްކޮށްފައި ކަމަށާއި އަދި ބޭންކުތަކުން އިތުރު ލޯނުތައް ވެސް ދޭނެކަމަށެވެ. އަދި ލޯނުތަކަށް އެދި ހުށަހެޅުމަށް އަންނަ ހަފުތާގައި އިއުލާނުކުރާނެ ކަމަށާއި އިންޓަނެޓްގެ އަގަށް ވެސް ހެޔޮ ބަދަލެއް ގެނެސް އެކަން ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތީ ރޯދަ މަސް ކަމަށް ވުމުން، މި ވަގުތު ދަތުރުކުރުމަށް ދަތިވެފައި ވާތީ، އެސްޓީއޯ މެދުވެރިކޮށް، ތަކެތި ހަލާކުނުވެ ލިބޭނެ ގޮތް ހަދައިދޭނެ ކަމަށާއި މިހާރުވެސް ކޮންމެ ރަށެއްގައި އިތުރު އެއް މަސް ދުވަހަށްވާ ވަރަށް ކާޑު ހުންނާނެކަމަށެވެ. އަދި އޭޕްރީލް 15ގެ ކުރިން އިތުރު 10 މަސް ދުވަހަށް ވާ ވަރަށް ހަނޑުލާއި ހަކުރު އަދި ފަސް މަސް ދުވަހަށް ވާވަރަށް ފުށް ގެންނަން އެސްޓީއޯ އިން ވަނީ ނިންމައިފައި ކަމަށެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖެ މިހާރު ވެސް މި އޮތީ ލޮކްޑައުންއެއްގައި ކަމަށެވެ. ރައީސް އެހެން ވިދާޅުވީ މާދަމާރޭގެ 12 ގެ ފަހުން ބޭރުން އެއްވެސް މީހަކަށް ރާއްޖެ އަށް ނާދެވޭތީ އާއި ރިސޯޓްތަކުގައި ތިބޭ މީހުންނަށް ވެސް އެހެން ރަށްރަށަށް ދިއުން މަނާވެފައި އޮތުމުންނެވެ.

އިތުރަށް ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މިއީ ފައިނޭންޝަލް ކްރައިސިސްއެއް ނޫން ކަމަށާއި ބޭންކުތަކުގައި ފައިސާ އެބަހުރި ކަމަށާއި ދިމާވި ކަމެއް ދިމާވެގެން މި އުޅެނީ ބަލިމަޑުކަމަކާ ހެދި ދަތުރުކުރުން ހުއްޓުމަކަށް އައިސްގެން ކަމަށެވެ. އެހެންވެ މިކަން ހައްލުވުމާ އެކު އިކޮނޮމިކް ބޫމް އެއް އަންނާނެ ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.  އެހާ ހިސާބަށް ކެތްތެރިވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސްގެ ސިއްހީ ރައްކާތެރިކަމަށް ފިޔަވަޅު އަޅުއްވާފައި ވޭތޯ ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށާއި އެ މަނިކުފާނު ހުންނަވާނީ ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި ވިދާޅުވީ އެ މަނިކުފާނަށް ވާނީ “ރައްޔިތުންނަށް ވާ ގޮތެއް ކަމަށް” އެވެ.

ބޭރު ގައުމުތަކުން ނަގާފައިވާ ލޯނުތަކާ ގުޅޭ ގޮތުން ވިދާޅުވީ ލޯނުތަކާއިމެދު ލުއި ގޮތެއް ހޯދަން އަންނަނީ މަޝްވަރާކުރަމުން ކަމަށެވެ. އަދި އެންމެ ގިނައިން ލޯނު ނަގާފައިވާ ޗައިނާއާ އެކު މަޝްވަރާކުރަން އެދިވަޑައިގެން ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށާއި އަދި ސިޓީއަށް ޖަވާބެއް ނުލިބޭ ކަމަށް ވިދާޅުވިެވެ.

ރައީސް ވިދާޅުވީ ހާލަތު އެންމެ ގޯސް ވިޔަސް، ކަންތައް ކުރާނެ ގޮތުގެ ޕްލޭން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެބަ އޮތް ކަމަށާއި ހާލަތާ ގުޅޭ ގޮތުން މިހާތަނަށް ތިން ފަހަރަކު ޓެކްނިކަލް ޓީމުން ރިވައިސްކޮށްފައިވާ ކަމަށެވެ. އަދި އައިސީޔޫ ފެސިލިޓީ އާއި އައިސޮލޭޝަނަށް ވެސް ބޭނުންވާ ކެޕޭސިޓީ ތައްޔާރުކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ކުއްޔަށް އުޅޭ މީހުންނަށް ލުޔެއް ދޭނެތޯ ތަކުރާރުކޮށް އަމާޒުވި ސުވާލުތަކާ ގުޅިގެން ރައީސް ވިދާޅުވީ އެ ޚިޔާލު ބަލައިގަންނަ ކަމަށާއި އެކަމާ ސަރުކާރުން ވިސްނަވާނެ ކަމަށެވެ.

މިކަމުގައި ސިޔާސީ އިދިކޮޅު ފަރާތްތަކާ ވާހަކަ ދެއްކެވިންތޯ ސުވާލުކުރުމުން ވިދާޅުވީ މިކަމުގައި ހޯއްދަވަނީ ސިއްހީ ތަޖުރިބާކާރުންގެ ލަފާ ކަމަށެވެ. އަދި އިދިކޮޅު ލީޑަރު މިނިވަން ކުރާނެތޯ ސުވާލުކުރުމުން ވިދާޅުވީ ވަކި މީހަކަށް ވަކި ގޮތެއް ނޯންނާނެ ކަމަށާއި އަމަލުކުރައްވާނީ ގާނޫނުގައި އޮންނަ ގޮތަށް ކަމަށެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ރައީސް ދެއްކެވި ވާހަކަފުޅުތަކަށް ގިނަބައެއްގެ ޝުކުރާއި ތައުރީފު އަންނަނީ ލިބެމުންނެވެ. އެކަން ގިނަބަޔަކު އަންނަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ހާމަކުރަމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close