ރިޕޯޓް

ފުރާނަ އަށްވުރެ އެހެންކަންކަން މުހިއްމުވާ ބަޔަކަށް ރައްކާތެރިކަން ގަދަކަމުން ހޯދައެއް ނުދެވޭނެ.

ބަލާލި ކޮންމެ ދިމާލަކުން މިއަދު ފެންނަނީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ބަލާއާފާތުން ސަލާމަތް ވުމަށް ކެނޑި ނޭޅި ކުރަމުންދާ މަސައްކަތެވެ. އިވެމުންދަނީ މިކަމުން ސަލާމަތް ވުމަށް ކުރަންވީ ކަންތައްތަކާއި ބެހޭގޮތުން ކަމާބެހޭ ފަރާތްތަކުން ދެމުންދާ ނަސޭހަތްތަކުގެ އަޑެވެ. ސުވާލާކީ މުޅި ދުނިޔެ މިކުރާ މަސައްކަތްތަކާއި މިދޭ ނަސޭހަތްތަކާއި އިރުޝާދުގެ އަޑު އިވެނީ އަޅުގަނޑު މެންގެ ތެރެއިން ކިތައް މީހުންނަށް ތޯއެވެ.

ހުރިހާ ދިމާލަކުންވެސް އެންމެބޮޑަށް އިވެމުންދާ އަޑަކީ ގައިދުރުކޮށް އުޅުމަށާއި ގޭގައި މަޑުކުރުމަށާއި ސާފުތާހިރު ވުމަށް ދޭ ނަސޭހަތާއި އިރުޝާދުގެ އަޑެވެ. ފަރުދީ ޒިންމާގެ އަޑެވެ. ފެނިގެން މިދަނީ ސިހްހީ މިންގަޑުގެ ތެރެއިން ރައްކާތެރި ވުމަށް އަޅަމުންދާ ފިޔަވަޅުތަކެވެ. ނަމަވެސް ހިތާމަޔަކީ މިކަންކަން ބަލައި ނުގަންނަ ނުވަތަ މިފިޔަވަޅުތައް ޤަބޫލުނުކުރާ މަދު ބަޔަކު ނަމަވެސް އަޅުގަނޑު މެންގެ ތެރެއިން ފެންނަމުން ދާތީއެވެ.

ފެނިގެން މިދަނީ ކަމާއި ބެހޭ ފަރާތްތަކުން އަޅަމުންދާ ހޯމް ކަރަންޓީން އާއި އައިސޮލޭޝަން އާއި މޮނިޓަރިންގ އާއި ލޮކްޑައުން ފަދަ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ކަމާބެހޭ ފަރާތްތަކަށް ބާރުބޮޑުވެ  ސިސްޓަމު ފުނޑެމުންދާ ހިތާމަވެރި މަންޒަރެވެ. މެޑިކަލް ޑޮކްޓަރުންނާއި ދާއިރާގެ ފަންނީ މީހުންނަށް ވުރެ ބައެއް މީހުންނަށް މާބޮޑަށްވެސް ކަންކަން އެނގި ގޮތްކިޔާ އެގޮތްތަކަށް ކަންކަން ކުރަން މަޖުބޫރު ކުރަމުންދާ މަންޒަރެވެ. މިއީ ހިތާމަ ހުރި ކަމެވެ.

ބަލިމަޑުކަމާއި ގުޅިގެން އައި “ހާއްސަ ހާލަތް” މަދުބަޔަކަށްވީ 7 ތަރީގެ ދިރިއުޅުމަކަށް އާދެވުން ކަހަލަ ކަމަކަށެވެ. ޒަރޫރީގެ ނަމުގައި ބޭނުން އިރަކު ބޭނުންތަނަކަށް އެއްވެސް ދަތިކަމެއް މަޑުޖެހުމެއް ނެތި ދެވެންޖެހުމެވެ. ކޮށްލާ އޯޑަރުގެ ޑެލިވަރީ މިނެޓެއްގެ ތެރޭގައި ލިބެންޖެހުމެވެ. ވަކި ވައްތަރެއްގެ މިނެރަލް ވޯޓަ ނޫނީ ނުބޮވުމެވެ. ފަސްއިރު މޮޅަށް ކެއުންބުއިން ލިބެންޖެހުމެވެ. ބޭނުންވާ ކޮންމެ ކަމަކަށް ގޮވާލުމުން ކައިރީގައި ދައުލަތުގެ ހާދިމުން ތައްޔާރަށް ތިބެން ޖެހުމެވެ. މިއީ ހިތާމަހުރި ކަންކަމެވެ.

ދެން ފެންނަށްފެށީވެސް ވަކި ދެރަ ކަމެއް ނޫނެވެ. ހެދިފައިވާ އުސޫލަށް މާނަ ކުރުމެވެ. ބަލަނީ ދެފޮޅުވަތް ދޭރެއިން މާނަ ނަގައިގެންވެސް ކޮންމެވެސް ގޮތަކުން ބޭރަށް ނިކުމެވޭތޯއެވެ. ލޮކްޑައުންގެ ހާލަތުގައި ވަކި އުސޫލެއްގެ ދަށުން ބޭރަށް ނިކުތުމުގެ ފުރުސަތު ދޭގޮތައް ނިންމުމުން ދެންވީ ކިހިނެތްތޯއެވެ. މުޅި މަގުމަތީގައި ޒަރޫރީ މީހުންނެވެ. ޑެލިވަރީ މީހުންނެވެ. ދުވަހަކު މަހަށް ނުފުރާ އުޅަނދު ތަކާއި މަހަށް ނުދާ މީހުންވެސް މަސްވެރިންނަށް ވަނީއެވެ. ކޮންމެ މީހަކަށް ވަގުތުން ފުލުހަކަށް ވެވޭނަމަ މިއެއްމެން ފުލުހުންނަށް ނުވަތަ ނަރުހުންނަށް ނުވަތަ ޑޮކްޓަރުންނަށްވެސް ވީހެވެ. ބޭނުމަކީ ހިދުމަތެއް ކުރުމެއްނޫނެވެ. ހާއްސަ ހުއްދައިގެ ދަށުން ގެއިންބޭރުގައި އުޅުމެވެ.

އަދިވެސް އެއްފަހަރު ވިސްނާލާށެވެ. ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅު ތަކާއި އަޅަމުންދާ ފިޔަވަޅުތައް އަޅަނީ ހަމަ ތިބާގެ ހައްޤުގައެވެ. މިބަލިމަޑުކަމުން ތިބާއާއި ތިބާގެވެސް އާއިލާ ސަލާމަތް ކުރެވޭތޯއެވެ. ލޮކްޑައުން ކުރަނީ މީހުން ގެއިން ބޭރަށް ނިކުތުން ހުއްޓުވުމަށެވެ. ނުވަތަ މަދުކުރުމަށެވެ. އަނެކަކާއި ބައްދަލުވުމުގެ ފުރުސަތު ކުޑަކުރުމަށެވެ. އެހެން މީހެއްގެ ގައިން ތިބާގެ ގަޔަށް އެބަލި އެރުން ހުއްޓުވުމަށެވެ. އަދި ތިބާގެ ގައިގައި އެބަލި ހުރިނަމަ އެހެން މީހުންގެ ގަޔަށް އެބަލި ފެތުރުން ހުއްޓުވުމަށެވެ. ފަހަރެއްގައިވެސް އެއީ ވަކިބަޔަކު ގޭގައި ބައިތިއްބާފައި އަނެއްބަޔަކު މަޖާކުރަން ކުރާ ކަމެއްނޫނެވެ.

މިބަލިން ރައްކާތެރިވުމުގެ ފުރުސަތު އެންމެ ބޮޑު އެކަކީ ތިބާ ކަމުގައި ދެކޭށެވެ. ސަބަބަކީ ތިބާ ގޭގައި މަޑުކުރުމުން ތިބާގެ ހިދުމަތުގައި އެތަކެއްބަޔަކު މިއަދު މަސައްކަތް ކުރަމުންދާތީއެވެ. ތިބާއަށް ބޭނުންވާ ކާބޯތަކެތި އޯޑަރު ދިނުމުން ގެއަށް އެތަކެތި ފޯރުކޮށްދޭތީއެވެ. ގެއަށް ބޭނުންވާ އަސާސީ ހިދުމަތްތައް ލިބޭތީއެވެ.

މިއީ ކެތްތެރި ކަމާއެކު މާތްﷲ އަށް ކުއްތަންވެ އެކަލާންގެ ހަޒުރަތަށް، މިބަލިމަޑުކަމުން ސަލާމަތް ކޮށްދެއްވުންއެދި ދުއާ ދެންނެވުމުގައި އާއި އަޅުކަމުގައި މަސްއޫލުވާން ލިބުނު ރަނުގެ ފުރުސަތެއްކަމުގައި ދެކޭށެވެ. މިއީ ތިން އިރު މޮޅުކޮށްތު ކާންނުލިބިގެން ބޮޑާހޭކުމުގެ ބަދަލުގައި އެއްއިރު ކައިގެންވިއަސް ކެއްތެރިވާންވީ ވަގުތެވެ.

ކަމާބެހޭ ފަރާތްތަކުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުން ރައްކާތެރިކަން ހޯދަން ބޭނުންނުވާ ބަޔަކަށް ގަދަކަމުން ހޯދައިދެވޭނެ ރައްކާތެރި ކަމެއް ނޯންނާނެއެވެ. އެފަދަ މީހުންގެ ސަބަބުން މުޅި މުޖުތަމަތު ދާނީ ނުރައްކަލަށް ހުށައެޅިގެންނެވެ. މަދު ބަޔަކު ގޯސްކޮށް ދެކުނު ކަމުގައި ވިއަސް އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ކެއްތެރިކަމާއެކު މިބަލިމަޑުކަމުން ސަލާމަތްވުމަށް މިކުރަމުންދާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށިއެވެ! އާމީން!

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close