ރިޕޯޓް

މުޞީބާތުގެ މި ވަގުތުގައި މި ކުދިންގެ މަތިން ހަނދާންނައްތާ ނުލާތި

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ އައިސް ބައްދަލު ކުރި އިރު މުޅި ދުނިޔެ މި ވަނީ ހީވެސް ނުކުރާހާ ބޮޑު މުޞީބާތަކާ ކުރިމަތިލާން ޖެހިފައެވެ. ސީނު ކަރައިން ފާޅުވެގެން އައި ބަލިމަޑުކަމެއްގެ ނުރައްކާ ދުނިޔެއަށް ބޮޑުވެ މުޅި ދުނިޔޭގެ އިޤުތިޞާދު ހުއްޓިފައެވެ. އާރާ ބާރުގެ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް ގޮންޖަހާ އުޅުނު ބޮޑެތި ބާރުގަދަ ޤައުމުތައް ކުޑަކުޑަ މަޚުލޫޤެއްގެ ކުރިމަތީގައި ކުޑަކަކޫ ޖަހާފައެވެ. މި ނުރައްކާތެރި ވައިރަސް، ކޮވިޑް-19 އެމީހެެއްގެ ގަޔަށް އައިސް އަރާނީ ކިހިނެއް ކޮންދިމާލަކުން ކަމެއް ނޭގޭ ހާލު، އެމީހަކު އެމީހެއްގެ ހާލައިގެން މަސްއޫލުވެ އުޅެމުން ދާއިރު މި ކުދިންގެ ހާލާ މެދު ވިސްނާލީ ކޮންބައެއް ތޯއެވެ.؟

އާދެ، 9 އަހަރުގެ ދިގު ދާޙިލީ ހަނގުރާމައާއި، އެއެއް މިއެއް ނުބަލާ އެ ބުނާ ބާރުދަގަ ޤައުމުތަކުން މަތިމައްޗަށް އޮއްސަމުން ދިޔަ ބޮމުގެ ވާރޭގެ ސަބަބުން ވިއްސި ވިހާލިވެފައިވާ ޢާއިލާ ތަކާއި، މުޅި އުމުރު ބިނާ ކުރި ދިރިއުޅުން ފުނޑު ފުނޑުވެފައިވާ ގަލުގެ ކުނޑިތަކުގެ ދަށުގައި ވަޅުލެވުމުން، ދުރު، ދުރުން ވެސް އެއްވެސް އުންމީދުގެ އަލިކަމެއް ފެންނަން ނެތް އަނދިރި ހަޔާތެއްގައި ރެފިއުޖީ ކޭންޕުތަކުގައި ބިކަ ހާލުގައި އުޅެމުންދާ މުސްލިމް އާއިލާތަކުގެ ވާހަކައެވެ.

ކޮވިޑް-19 ގެ ސަބަބުން، އެއްވުންތަކާއި، ޕާޓީތައް ހުއްޓިއްޖެއެވެ. މަދަރުސާ ތަކާއި، އޮފީސްތައް ބަނދުވެއްޖެއެވެ. ބޮޑެތި ސިޓީ ތަކާއި އަވަށްތައް ތަޅުލެވިއްޖެއެވެ. ވޭތުވެ ރަމަޟާން މަސްތަކުގައި ބޮޑެތި ދަރުބާރުތަކުގައި އެތައް ބަޔަކު އެއްވެ އެއްތަނެއްގައި ރޯދަވިއްލުން ތަކަށް އިންސާފު ކުރަމުން އައި އައުން އެއްކޮން ހުއްޓިއްޖެއެވެ. މިސްކިތްތަކުގެ ޖަމާޢަތްތައް ހުއްޓިއްޖެއެވެ. މިސްކިތްތަކުގައި ތަޅު އެޅުވިއްޖެއެވެ. ޖިސްމާނީ ގޮތުން، ގައިދުރުކޮށް މަޑުވެގެން 3 ފޫޓުގެ ދުރުމިނުގައި ތިބެން ޖެހިއްޖެއެވެ. އެހެން ނަމަވެސް ހަނގުރާމައިގައި ވިއްސިވިހާލިވުމުގެ ސަބަބުން ރެފިއުޖީ ކޭންޕުތަކުގައި ތޮއްޖެހިފައިވާ އެތައް ލައްކަ ސީރިއާގެ މުސްލިމުންނަށް އޮތީ ކޮން ގޮތެއްތޯ ވިސްނާލީ ކާކުތޯއެވެ.

ދުމަށީގައި މަސް އަތުރާފައި އޮންނަހެން ތޮއްޖެހިފައިވާ ރެފިއުޖީ ކޭންޕުތަކުގައި 3 ފޫޓުގެ ދުރުމިން ބެހެއްޓުމަކީ އެއީ ވާނެ ކަމެއް ނޫނެވެ. އާންމު ސާފުޠާހިރުކަން ދަމަހައްޓާނެ، އަތް ދޮންނާނެ, ފެންފޮދެއް ލިބުން ދަތިވެފައިވާ މި ރެފިއުޖީ ކޭންޕުތަކުގައި ވައިރަސް ފެތުރެން ފަށައިފި ނަމަ ވާނީ ކިހިނެއްކަން ވިސްނާލިންތޯއެވެ. އޭރުން ވާނީ އިންސާނީ ކާރިސާއަކާ މިހާރު ވެސް ކުރިމަތިލާން ޖެހިފައިވާ ސީރިޔާގެ މުސްލިމުންނަސް އިތުރު ބޮޑު ކާރިސާއަކަށެވެ. މިފަދަ ހާލަތަކަށް ދިޔަ ނުދިނުމަށް ޔުނިސެފް އާއި އެހީދޭ ޖަމިއްޔާތަކުން ވަނީ ތައްޔާރު ވާން ފަށާފައެވެ. މަޢުލޫމާތު ފޯރުކޮށްދިނުމާއި ސާފުތާހިރު ވުމާއި ސެނިޓައިޒު ވާނެ ވަޞީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް އެންމެ ކުރިއްސުރެ ފަށާފައެވެ. އެހެން ނަމަވެސް ދަތުރު ފަތުރު ހުއްޓުމާއި ދުނިޔެއަށް އައިސްފައި މިވާ ބޮޑު “ލޮކްޑައުންގެ” ސަބަބުންނާއި ކޮރުވެފައިވާ ދުނިޔޭގެ އިޤުތިސާދުގެ ސަބަބުން އެތައް ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިަފައެވެ.

މި ވައިރަސްގެ ވަބާ ކުރިމަތިވުމުގެ ކުރިން ވެސް ރަމަޟާން މަސް ސީރިއާގެ ރެފިއުޖީންނާ ބައްދަލު ކުރަނީ ހިތް ދަތިކަމާ އެކުއެވެ. މުސްލިމުންގެ މުއްސަނދި ގައުމުތަކަށް ރަމަޟާން މަސް ޢީދަކަށް ވެ މޮޅުވެގެން ވާ ކާބޯތަކެތި ކެއުމުގެ އިސްރާފު ކުރަމުން ދާއިރު ސީރިއާގެ ނިކަމެތި މުސްލިމުންގެ އަރުތެރެއަށް ލާނެ ފެންފޮދެއްވެސް ނުލިބި ރަމަޟާން މަހުގެ ދުވަސްތައް ވޭތުކުރަމުން ދެއެވެ. އެހެން ނަމަވެސް މި އަހަރުގެ ރަމަޟާން މަސް އަޅުގަނޑު މެންނާ ބައްދަލު މިކުރީ އެތަކެއް ފިލާވަޅުތަކެއް ދަސްކޮށްދެމުންނެވެ. އޭރު ނަން ހުސްކޮށް މީރުވީހާ ކާތަކެތި ކައި އުޅުނު ދުވަސްތައް ހަނދާންވިޔަސް މިއަދު ބޭނުންހާ އެއްޗެއް ލިބުން ދަތިވުމުން ޝަކުވާ ކުރެވެން ފަށައިފިއެވެ. އައިލާ ތަކާ ރައްޓެހިން އެކުވެ އޭރު ކުރިހާ މަޖާ ހަނދާންވުމުން ބޯ ހާސްވާން ފަށައިފިއެވެ. ލޯބިވާ މީހުންނާއި އާއިލާ ތަކާ ދުރުގައި ދުވަސްތައް ހޭދަކުރަން ޖެހުމުން ހިތްދަތިވާން ފަށައިވިއެވެ.

އެހެން ކަމުން ވިސްނާލަ ބަލާށެވެ. ހަނގުރާމައިގެ ސަބަބުން ލޯބިވާ އެތައް ބައެއް ދުނިޔެ ދޫކޮށް އާއިލާތަކާ ވަކިވެ، ވިއްސިވިހާލިވެފައިވާ ސީރިއާގެ ރެފިއުޖީން ކުރަމުން ދާނެ އިހުސާސް މިއަދު ތިބާއަށް ވަޒަން ކުރެވޭހެއްޔެވެ. ބަނޑުފުރާނަ މުއްތިކުރާނެ ކާއެތިކޮޅެއް ނުލިބި ދުނިޔެ ދޫކުރާ އެތައް ބަޔަކު ކުރާނެ އިހުސާސް ތިބާއަށް ވަޒަންކުރެވޭ ހެއްޔެވެ. މުޅި އުމުރު ޖަލެއްގައި ބަންދުވެގެން އުޅެން ޖެހުމުން ފަލަސްތީނުގެ ގައްޒާގެ ރައްޔިތުން ކުރާނެ އިހުސާސް މިއަދު ފުރަބަންދުވެގެން އުޅެން ޖެހިފައިވާ މީހުންނަށް ވަޒަން ކުރެވޭ ހެއްޔެވެ.

އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ މުޞީބާތުގެ ވަގުތުގައި މިފަދަ މީހުންގެ މަތިން ހަނދާން ނައްތާނުލާ އިހުސާންތެރިވެ، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވާ ބަޔަކު ކަމުގައި ވަމާތޯއެވެ. މާތްﷲ އަޅަމެން އެންމެންނާއި މުޅި ދުނިޔެ އެންމެހާ ބަލިތަކާއި ވަބާ ތަކުން ސަލާމަތް ކުރައްވާ ހާލުގައި ޖެހިފައިވާ އަދި އަނިޔާ ލިބެމުންދާ މުސްލިމުން މުޞީބާތްތަކުން މިންޖުކުރައްވާންދޭވެ. އާމީން

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close