ރިޕޯޓް

ވާދޫ ޓުއާރސްއިން ގެނެސްދެނީ: “ކާކުހެ ނާންނާނީ ނަލަނަލަ ވާދޫ މީ!”

ރ. ވާދޫ: ރ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ. މާލޭގެ އުތުރުން 120 މޭލު ދުރުގައި އޮންނަ ވާދޫ އަކީ 44 ހެކްޓަރުގެ ރަށެކެވެ. ފަޅު ބޮޑު މިރަށުގެ ފަޅުގެ ބޮޑުމިނުގައި 600 ހެކްޓަރު ހުރެއެވެ. ފަޅުގެ ދިގު މިނުގައި 3.41 މޭލު ހުރެއެވެ.

ވާދޫ އަކީ ވެލާ ކަހަނބު އެންމެ ގިނައިން އަރާ އެއް ރަށެވެ. މިރަށް ފާހާގަ ކުރެވެނީ ވަރަށް ރީތި ރަށެއްގެ ގޮތުގައެވެ. އެންމެ ހާއްސަ ކަމަކަށް ފާހަގަކުރެވެނީ ރީތި ދޮންވެލި ދެ ތުނޑި އާއި ރަށާ ގާތުގައި އޮންނަ “ވާދޫ ފިނޮޅެވެ”. ދެން ނުދައްކާ ދޫކޮށްލެވޭނެ ވާހަކައަކީ، ރ. ވާދޫ ގޮނޑުދޮށުގައި އަހަރަކު އެއް ފަހަރުހެން ލަމުން އަންނަ ރެދަނުގެ ހިތްގައިމު ވާހަކައެވެ. ރޭގަނޑުގެ ވަގުތުގައި ވާދޫގެ ގޮނޑުދޮށް އޮންނަނީ ނޫކުލައިގެ އަލިން ދިއްލާލައިފަ އެވެ. އިރުއޮއްސި އަނދިރިވުމާއެކު، އެ ރަށު ގޮނޑުދޮށަށް ބީއްސާލާ ކޮންމެ ރާޅަކާއެކު އެ އަލި ގަދަވެ އެވެ. އަދި އިރު އަރަންދެން ރަށުގެ ވަށައިގެންވާ ގޮނޑުދޮށުން ފެންނަނީ މި އަލިކަމެވެ.

ރެދަން ލަނީ ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސްގެ ސަބަބުންނެވެ. މިއީ ވަކި މޫސުމަކަށް މޫދުގައި ގިނަވާ ސުއިއްޕެކެވެ.

ގުދުރަތުން ވާދުއަށް ދެއްވާފައިވާ ރީތިކަމަކީ އެރަށަށް ގޮސްގެން ނޫނީ ތަޖުރިބާ ނުކުރެވޭނެ ކަމަކެވެ.

އެކަމަކު، އެ ރަށުގެ މަންޒަރުތައް ފޮޓޯ އަދި ވީޑިއޯގެ ޒަރިއްޔާއިން ދައްކައިލާ ހާއްސަ މަންސައެއް މިހާރު ވަނީ އިފްތިތާޙުކޮށްފައެވެ. “ވާދޫ ޓުއާރސް”ގެ ނަމުގައި ފޭސްބުކް އަދި ޓްވިޓާރގައި ވާދޫ އިސްތިހާރުކުރުމުގެ މަސައްކަތް ވާދޫ ޓުއާރސްގެ ޓީމުން ދަނީ ކުރަމުންނެވެ.

މިހާރު އެ ޓީމުން ވަނީ ވާދޫ އިޝްތިހާރުކުރުމަށް ބޭނުންކުރާނެ ރީތި ލަވައެއް ވެސް ނެރެފައެވެ. ފެހިފެހި އާޒާދީގެ ހިތްގައިމު ރާގަށް ހަދާފައި މި ލަވައިގެ ޅެން ލިޔުނީ ވާދުއަށް ނިސްބަތްވާ ޒުވާން ލިޔުންތެރިޔާ ޒިދާން މުޙައްމަދެވެ. ލަވަ ކިޔާފައިވަނީ ހަސަން މަޢުމޫނުގެ ހިތްގައިމު އަޑުންނެވެ. ވޯކަލް އަޅައި ލަވަ އެހާމެ ފުރިހަމަކޮށް ރެކޯޑްކޮށްފައިވަނީ “މިރޯ ރެކޯޑްސް”އިންނެވެ.

ލަވަ އަޑު އަހާލުމަށް މި ލިންކަށް ފިއްތާލާ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close