
މިއަދުގެ ހުކުރު ހުތުބާގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ބަލާއިރު، މާތްﷲ ގެ ހަޒުރަތުގައި ހުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަސްކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވެއެވެ. އަދި ހައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސްކަމުގައި ވެސް ހުތުބާގައި ވެއެވެ.
މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ނިޔަތްގަނެފައިވާ އެތައް ބަޔަކަށް ހައްޖަށް ދެވޭގޮތް ނުވި ކަމުގައި ވިޔަސް ފަރުޟު ހައްޖުވުމަށް ނިޔަތްގަނެ އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެފަިއވާ ފަރާތްތަކަށް މާތް ﷲގެ ހަޒްރަތުން ދަރުމައާއި ސަވާބުލިބޭނޭ ކަމަށާއި އަދި ﷲގެ ހަޟްރަތުން އުންމީދު ކަނޑާނުލުމަށްވެސް ހުތުބާގައި މުސްލިމު އުއމަތަށް ހަނދާންކޮށްދިފައިވެ އެވެ.
ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ދަރުމައާއި ސަވާބު ލިބިގަތުމަށް މަސައްކަތް ކުރަން ޖެހޭނެކަން ފާހަގަކޮށް ހުތުބާގައި ވަނީ ރޯދަ ހިފުމާއި އެކު ދުއާކޮށް މިހާރު މިއޮތް ބަލިމަޑުކަމުން ސަލާމަތް ކޮށްދެއްވުން އެދި ﷲގެ ހަޒުރަތުގައި ދެންނެވުމަށް ގޮވާލާފައެވެ. އަދި ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ގިނަގުނަ ވެގެންވާކަމަށާއި ހެޔޮކަން ބޮޑު މިފަދަ ދުވަސްތަކުގައި ސާލިހު އަމަލުތައް ގިނަކުރުމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.
ކަލަންޑަރުގައިވާގޮތުން މިއަހަރުގެ، 1441 ވަނަ އަހަރުގެ ހައްޖުދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ. އަދި އަލްހާ އީދު ދުވަހަކީ ހުކުރު ދުވަހެވެ.