ރ.އަތޮޅު

އަލިފުށި ފުޓްބޯޅަ ދަނޑުގައި ޓާފް އަޅަން ފަށައިފި

ރ. އަލިފުށި ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ޓާފް އަޅައިގެން ފީފާ ޤަބޫލު ކުރާ ފެންވަރަށް ތަރައްޤީ ކުރަން ނިންމާފައިވާ އަލިފުށި ފުޓުބޯޅަ ދަނޑުގެ ސަބް ބޭސްގެ މަސައްކަތް ނިންމާ ޓާފް އެޅުމުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ އިއްޔެއެވެ.

އަލިފުށި ފުޓުބޯޅަ ދަނޑުގައި ޓާފް ފެތުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުން ފާހަގަ ކުރުމަށް އަލިފުށި އެމްޑީޕީ ގޮފިން އިންތިޒާމްކޮށްގެން އެ ރަށު ޒުވާނުންނާ ގުޅިގެން ވަނީ ޙާއްސަ ހަފުލާއެއްވެސް ބާއްވާފައެވެ. އެ ގޮތުން ފަރިއްކޮޅަކާއި ތަފާތު ސަގާފީ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެމްޑީޕީ އަލިފުށި ގޮފީގެ ފަރާތަކުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެމުން ބުނި ގޮތުގައި އަލިފުށި ދަނޑުގައި ޓާފް ފަތުރަން ފަށާފައި ވާއިރު، އިއްޔެ އަކީ އަލިފުށީގެ އެތައް ޒުވާނުންނެއް އިންތިޒާރު ކުރަމުން ދިޔަ އުފާވެރި ދުވަހެއް ކަމަށެވެ. އަދި މި ކަމުގައި މިފަދަ ޕްރޮޖެކްޓެއް ފައްޓަވައި ދެއްވީތީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް އަދި އަދި މި މަސައްކަތް އެންމެ ބާރަށް ކުރިއަށް ދިއުމަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އަށް ޙާއްސަ ސުކުރެއް އަދާކުރާ ކަމަށެވެ.

އަލިފުށި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަންއާއެވެ. އަލިފުށި ކައުންސިލްގެ ރައީސް އަބްދުﷲ ރާޒީ ވިދާޅުވި ގޮތުގައި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފެށިފައި ވާއިރު ދަނޑު ވަށައިގެން ފެންސް ޖެހުމަށް ވެސް ބަޖެޓު ހަމަޖެހި އެކަމުގެ އެއްބަސްވުމުގައި މެޑޯޒް ކޯޕަރޭޝަނާ އެކު މިއަދު ވަނީ ސޮއެކޮށްފައެވެ.

އެކި ފިޔަވަހި ތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއު މިއަހަރު ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ރާޒީ ވިދާޅުވިއެވެ. އަދި މި މަޝްރޫއު ނިމިގެން ދާއިރު، ރެސްޓު ރޫމާއި ދަނޑުގެ ފެން ހިންދާ ނިޒާމާއި، ސިޑި ބަރިއެއްވެސް ހެދިގެންދާނެއެވެ. ރާޒީ ވިދާޅުވި ގޮތުގައި އަލިފުށި ކައުންސިލުން މަސައްކަތް ކުރަވަމުން ގެންދަވަނީ ދަނޑު އެއްކޮށް ނިމިގެން ދާއިރު ހުރިހާ ގޮތަކުން ވެސް ފުރިހަމަ ފެންވަރު ރަނގަޅު ދަނޑެއް ގޮތުގައި ވުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close