ޚަބަރު

ރާއްޖޭގެ ފަސް ސަރަޙައްދުގެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ދެމުންދާ ޞިއްޙީ ޚިދުމަތްތަކާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާއެކު ނައިބުރައީސް މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް، ރާއްޖޭގެ ފަސް ސަރަޙައްދުގައި ޤާއިމްކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލުތަކުގައި ހުރި ބައެއް މައްސަލަތަކާއި، އެތަންތަނުން ދެމުންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ ބޭފުޅުންނާ މިއަދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުވުމުގައި، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓްލާއި، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން، ހެލްތް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، އާސަންދަ އަދި އެސްޓީއޯގެ އިސްވެރިންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިން ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޯވިޑް ގެ މި ޙާލަތުގައި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުން ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާވެގެންގޮސްފައިވާކަމަށާއި، ކުރިން ނުދެވޭ ބައެއް ބޮޑެތި ޚިދުމަތްތައް އެތަންތަނުން މިހާރު ދޭން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ސަރުކާރުގެ އަމާޒަކީ އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ޞިއްޙީ ޚިދުމަތް އިތުރަށް ތަރައްޤީކޮށް، ފަރުވާ ލިބިގަތުމަށް މާލެ ސަރަޙައްދަށް އަންނަން ނުޖެހޭނެފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުންކަމުގައި ވިދާޅުވެފައެވެ.

ރީޖަނަލް ހޮސްޕިޓަލްތަކުގެ އިސްވެރިން ފާހަގަކުރެއްވެވި ކަންތަތަކުގެ ތެރޭގައި، އިންސާނީ ވަޞީލަތްތައް ހޯދުމުގައި ދިމާވާ ދަތިތަކާއި، ޚާއްޞަކޮށް ޑޮކްޓަރުންނާ ނަރުހުން މަދުވުމުން ދިމާވާ ދަތިތަކާއި، ޞިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހޭދަވާ ވަގުތާއި، އެކަށީގެންވާ ޢަދަދަކަށް ބޭހުގެ ސްޓޮކް ލިބުމުގައި ދިމާވާ ދަތިތައް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ވަކި ވަކި ހޮސްޕިޓަލުތަކުގައި ދިމާވާ ގޮންޖެހުންތަކުގެ އިތުރު ތަފްޞީލުތައް ވެސް ވަނީ ބައްދަލުވުމުގެ ބައިވެރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުވުމުގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން ޢަމްރު މުޙައްމަދު ރަޝާދު ވަނީ އަތޮޅުތެރެއަށް ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދާކަން ފާހަގަކުރައްވައި، އެކަމުގެ ތަފްޞީލުތައް ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މިފަދަ ދަނޑިވަޅެއްގައި ލާމަރުކަޒީ އުޞޫލުން ކަންކަން ކުރިޔަށް ގެންދިޔުމަށް މަގުފަހިވާނެހެން ހެލްތް މިނިސްޓްރީއިން މަސައްކަތްކޮށްދެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ކަމާގުޅޭ ހުރިހާ އިދާރާތައް ރަނގަޅަށް މުޢާމަލާތްކޮށް، ގުޅިގެން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މަސްދަރު: ރައީސް އޮފީސް ވެބްސައިޓް

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close