ކުޅިވަރު

ސްޓެލްކޯ އަމްސާ ފުރަތަމަ ހޭންޑްބޯލް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ އެމްއެސް ހޭންޑްބޯލް ޓީމު ހޯދައިފި

އެސޯސިއޭޝަން ފޯރ މަތިވެރި ސްޕޯރޓްސް އެންޑް އެވައާރނަސް (އަމްސާ) ގެ 14 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެޖަމުޢިއްޔާގެ ފަރާތުން ކުރިއަށް ގެންދާ ޑެވޮންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ގައި ހިމެނޭ  ސްޓެލްކޯ އަމްސާ ފުރަތަމަ ހޭންޑްބޯލް މުބާރާތް 2020 ގެ ފައިނަލުގެ ދެވަނަ ޖާގަ އެމްއެސް ހޭންޑްބޯލް ޓީމު ހޯދައިފިއެވެ.

އެމްއެސް ހޭންޑްބޯލް ޓީމު މިމުބާރާތުގެ ފައިނަލަށް ދިޔައީ އިއްޔެ ހަވީރު 4:30 ގައި އއ.މަތިވެރި ހޭންޑްބޯލް ކޯޓުގައި ކުޅެވުނު މެޗު 7 ލަންޑު 3 ލަނޑުން ކަނބަލުންގެ ހޭންޑްބޯލް ޓީމު ބަލިކޮށްގެންނެވެ.

ދެޓީމަށްވެސް މޮޅުވަން މަޖްބޫރު މިމެޗަށް ދެޓީމު ވެސް ނުކުތީ މިމެޗު ކާމިޔާބުކޮށް މިމުބާރާތުގެ ފައިނަލަށް ދިޔުމުގެ އުއްމީދުގައެވެ.

މިގޮތުން މެޗު ފަށާގެން ދެޓީމުން ވެސް އިދިކޮޅު ގޯލަށް ހަމަލާތައް ދިޔައީ ދެމުންނެވެ. މިގޮތުން މެޗުގެ ހަތަރުވަނަ މިނެޓްގައި ފުރަތަމަ ގޯލް ލިބުނު ޕެނަލްޓީ އަކުން އެމްއެސް ހޭންޑްބޯލް ޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 5 މަރިޔަމް ނާއިޝާ މަންޞޫރެވެ. މިގޯލް ޖެހިތާ މިނެޓެއް ނުވެ އެމްއެސް ހޭންޑްބޯލް ޓީމުގެ ދެވަނަ ގޯލްވެސް ޖަހާދިނީ ނާއިޝާ އެވެ. މެޗުގެ 5 ވަނަ މިނެޓްގައި އެމްއެސް ހޭންޑްބޯލް ޓީމުން ތިންވަނަ ލަނޑެއްވެސް ޖެހިއެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 10 ލުޖައިނާ މުޙައްމަދެވެ.

އެމްއެސް ހޭންޑްބޯލް ޓީމުން ތިން ލަނޑަށްފަހު ދެންފެނުނީ ކަނބަލުން ޓީމުގެ ކުޅުން ރަނގަޅުކޮށް އެޓީމުން ކައިރި ކައިރީ އެމްއެސް ޓީމުގެ ގޯލަށް ހަމަލާތަކެއް ދިންތަނެވެ. ނަމަވެސް އެމްއެސް ހޭންޑްބޯލް ޓީމުގެ ކީޕަރު ލައިޝާ ޚާލިދު ހުށިޔާރުކަމާއެކު އެހަމަލާތައް ދިފާއު ކުރުމުގައި ކާމިޔާބު ހޯދިއެވެ. މެޗުގެ ސާދަވަނަ ވަނަ މިނެޓާއި ސޯޅަ ވަނަ މިނެޓްގައި އަނެއްކާވެސް ފެނުނީ އެމްއެސް ހޭންޑްބޯލް ޓީމުގެ ދެގޯލެވެ. ފާޠިމަތު ޝައިޙާ އަދި އައިޝަތު ފައިހާ މޫސާ ކާމިޔާބުކޮށް ދިން މިދެގޯލުން މެޗުގެ ސުކޯ 5 -0 ކަށް ބަދަލުކޮށްލިއެވެ.

އެހެންނަމަވެސް ހިތްވަރު ދޫނުކޮށް ކަނބަލުން ޓީމުން ކުޅެ އޭގެ ދެމިނެޓް ފަހުން ކަނބަލުން ޓީމުގެ ފުރަތަމަ ގޯލް އެޓީމުގެ މުނީޒާ ޢަބުދުއްރަޙީމު ކާމިޔާބުކޮށްދިނެވެ. ފުރަތަމަ ހާފު ނިމުނީ 5 ލަނޑު 1 ލަނޑުން އެމްއެސް ހޭންޑްބޯލް ޓީމު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށީ ކަނބަލުންގެ ހޭންޑްބޯލް ޓީމުގެ ގޯލަކާއެކުގައެވެ. މިގޯލް މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ މިނެޓްގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ ޞަބީޙާ މޫސާ އެވެ. އަދި މެޗުގެ ފަހު ހާފުގެ 12 ވަނަ މިނެޓް ކަނބަލުން ޓީމުގެ މުނީޒާ އިތުރު ގޯލެއް ޖަހާ މެޗުގެ ސްކޯ 5 – 3 ކަށް ބަދަލުކޮށްލާ އެމްއެސް ހޭންޑްބޯލް ޓީމު ހާސްކޮށްލިއެވެ. އެކަމަކު އޭގެ ތިން މިނެޓް ފަހުން އެމްއެސް ހޭންޑްބޯލް ޓީމުގެ ލުޖައިނާ ޖެހި ގޯލާއެކު ފައިނަލަށް ދިޔުމުގެ އުއްމީދު އައު ކޮށްދިނެވެ. އަދި އެމްއެސް ހޭންޑްބޯލް ޓީމުގެ 7 ވަނަ ލަނޑު މެޗުގެ ފަހު ހާފުގެ 17 ވަނަ މިނެޓްގައި ޖަހާ މެޗުގެ ސްކޯ 7 – 3 ކަށް ބަދަލުކޮށްލައި ފައިނަލުގެ ޖާގަ ޔަގީން ކޮށްދިނެވެ. މިމެޗު ނިމުނީވެސް މި ސްކޯ ގައެވެ.

މިމެޗުގެ ކްއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އެމްއެސް ހޭންޑްބޯލް ޓީމުގެ ޖާޒީ ނަންބަރު 17 ހުށިޔާރު ގޯލްކީޕަރ ލައިޝާ ޚާލިދު އެވެ.

މެޗުގެ ކުއީން އޮފްދަ މެޗް، އެމްއެސް ހޭންޑްބޯލް ޓީމުގެ ޖާޒީ ނަންބަރު 17 ލައިޝާ ޚާލިދު

ސްޓެލްކޯ އަމްސާ ފުރަތަމަ ހޭންޑްބޯލް މުބާރާތް 2020 ގެ ފައިނަލް މެޗު ކުޅުމަށް ހަމަ ޖެހިފައިވަނީ މިއަދު ހަވީރު 4:30 ގައި އއ.މަތިވެރި ހޭންޑްބޯލް ކޯޓުގައެވެ. ފައިނަލް މެޗުގައި ބައްދަލު ކުރާނީ ރޯޔަލް ނައިޓްސް ސްޕޯރޓްސް ކްލަބާއި އެމްއެސް ހޭންޑް ބޯލް ޓީމެވެ.

ޑެވޮންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ގެ މެއިން ސްޕޮންސަރ އަކީ ސްޓޭޓް ސްޓޭޑިންގ އޯގައިނައިޒޭޝަން (އެސްޓީއޯ) އެވެ.

ކޯސްޕޮންސަރުންނަކީ އެމް،ޑަބްލިއު،އެސް،ސީ އާއި ސްޓެލްކޯ އާއި ވެމްކޯ އާއި އޭޑީކޭ ހޮސްޕިޓަލެވެ. މިފެސްޓިވަލްގެ މީޑިޔާ ޕާރޓްނަރަކީ އުނގޫފާރު.ކޮމް އެވެ.

މިފެސްޓިވަލްގައި ހިމެނޭ ކުޅިވަރު މުބާރާތްތައް ކުރިއަށް ދާގޮތުގެ ތަފްސީލު ޑޮވެންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ގެ ޚާއްޞަ އެޕްލިކޭޝަން އިން ފެނިވަޑައިގަންނަވާނެއެވެ. https://copafacil.com/amsa2020

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close