ކުޅިވަރު

ސްޓެލްކޯ އަމްސާ ފުރަތަމަ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން އާރުކޭ ހޯދާފި

އެސޯސިއޭޝަން ފޯރ މަތިވެރި ސްޕޯރޓްސް އެންޑް އެވައާރނަސް (އަމްސާ) ގެ 14 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެޖަމުޢިއްޔާގެ ފަރާތުން ކުރިއަށް ގެންދާ ޑެވޮންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ގައި ހިމެނޭ  ސްޓެލްކޯ އަމްސާ ފުރަތަމަ ހޭންޑްބޯލް މުބާރާތް 2020 ގެ ޗެމްޕިއަންކަން ރޯޔަލް ނައިޓްސް ސްޕޯރޓްސް ކްލަބު ހޯދާފިއެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން އާރުކޭ ޓީމު ހޯދީ އިއްޔެ ހަވީރު 4:30 ގައި އއ.މަތިވެރި ހޭންޑްބޯލް ކޯޓުގައި ކުޅެވުނު މެޗު 13 ލަންޑު 6 ލަނޑުން އެމް،އެސް ހޭންޑްބޯލް ޓީމު ބަލިކޮށްގެންނެވެ.

ޗެމްޕިއަންކަން ހޯދުމަށް ދެޓީމުންވެސް ނުކުތް މިމެޗު ފެށިގެން ދިޔައީ ރޯޔަލް ނައިޓްސް ސްޕޯރޓްސް ކްލަބުގެ ގޯލަކާއެކުގައެވެ. މެޗުގެ ފުރަތަމަ މިނެޓް ތެރޭ މިގޯލް ކާމިޔާބު ކޮށްދިނީ އާރުކޭ ޓީމުގެ ޖާޒީ ނަންބަރު 12 ފާޠިމަތު ސާރާ އެވެ. މިގޯލް އާރުކޭ ޖެހި ނަމަވެސް ހިތްވަރާއެކު އެމްއެސް ހޭންޑްބޯލް ޓީމުގެ ކުޅުން ރަނގަޅުކޮށް އޭގެ މިނެޓެއް ފަހުން އެމްއެސް ހޭންޑްބޯލް ޓީމުގެ ފުރަތަމަ ގޯލް އެޓީމުގެ ޖާރީ ނަންބަރު 5 މަރިޔަމް ނާއިޝާ މަންޞޫރު ވަނީ ޖަހާދީފައެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން އާރުކޭ ޓީމުން ވަނީ ގޯލެއް ޖަހާ މެޗުގެ ސްކޯރ 2 – 1 ކަށް ބަދަލުކޮށްލާފައެވެ. މިގޯލް ޖަހާދިނީ އެމްއެސް ހޭންޑްބޯލް ޓީމުން ގޯލްޖަހާދިން ނާއިޝާގެ އެއްބަނޑު އެއްބަފާ ދައްތަ އާރުކޭގެ ޖާޒީ ނަންބަރު 10 ފާޠިމަތު އަނޫޝާ އެވެ. މިގޯލް އާރުކޭ އިން ޖެހިތާ މިނެޓެއް ނުވަނީސް އެމްއެސް ހޭންޑްބޯލް ޓީމުން އިތުރު ގޯލެއް ޖަހާ މެޗުގެ ސްކޯރ 2 – 2 ކަށް ބަދަލުކޮށްލިއެވެ. މިގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 8 އައިޝަތު ލިމުނާ އެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުން މެޗު ބެލުމަށް ހާޟިރުވި މެޗުގައި ފުރަތަމަ ފަހަރަށް އެމްއެސް ހޭންޑްބޯލް ޓީމުން މެޗުގެ ކުރި ހޯދީ މެޗުގެ 4 ވަނަ މިނެޓްގައި އެޓީމުގެ ފާޠިމަތު ޝައިހާ ފަހުމީ ޖަހާދިން ހިތްގައިމު ގޯލުންނެވެ. އެހެން ނަމަވެސް ލީޑްގައި އެމްއެސް ހޭންޑްބޯލަށް ހިފަހައްޓާލެވުނީ އެންމެ 2 މިނެޓްއެވެ. އާރުކޭ ޓީމުން މެޗުގެ 6 ވަނަ މިނެޓްގައި އެޓީމުގެ ތަޖުރިބާ ކާރު ކުޅުންތެރިޔާ ޝިފްޒާ އިބްރާހީމް ޖެހި ގޯލާއެކު މެޗުގެ ނަތީޖާ 3 – 3 ކަށް އެއްވަރު ކުރިއެވެ.

މިނަތީޖާގައި  އޮވެ އިތުރު ގޯލެއް ޖެހޭތޯ ދެޓީމުންވެސް ގިނަ ހަމަލާތަކެއް އިދިކޮޅު ޓީމުގެ ގޯލަށް ކުރިއެވެ. އެހެނަސް ދެޓީމުގެ ގޯލުގައި ތިބި ހުޝިޔާރު ކީޕަރުންގެ މޮޅުކަމުން ގޯލެއް ނުޖެހި ދިޔައެވެ. ޚާއްޞަ ގޮތެއްގައި އާރުކޭ ޓީމުގެ ގޯލް ކީޕަރުގެ ފަރާތުން ފެނުނީ މޮޅު ކުޅުމެވެ. ހިތްގައިމު ބަލާހިތްވާ ފަދަ މޮޅު ސޭވް ތަކެވެ. އެމްއެސް ހޭންޑް ބޯލް ޓީމުގެ ކުޅުންތެރިން 6 މީޓަރު އޭރިޔާތެރެއަށް ވަދެ ހުސްކޮށް ހުރެ ޖެހި ގިނަ ބޯޅަތަކެއް ހުޝިޔާރު ކަމާއެކު އާރުކޭގެ ކީޕަރު އައިޝަރު ވިރާޝާ ދިފާޢު ކުރިއެވެ.

ގޯލެއް ނުޖެހި ގާތްގަޑަށް 11 މިނެޓަށްފަހު މެޗުގައި ދެން ފެނުނީ ކައިރި ކައިރީގައި އާރުކޭއިން ދެ ގޯލް ކާމިޔާބު ކުރިތަނެވެ. މިދެގޯލް ކާމިޔާބު ކޮށްދިނީ އެޓީމުން ރަށުން ބޭރުން ގެނައި މޮޅު ކުޅުންތެރިޔާ ޖާޒީ ނަންބަރު 14 ރިސްނާ މުޙައްމަދެވެ. މެޗުގެ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓާއި 18 ވަނަ މިނެޓްގައި ރިސްނާ ޖަހާދިން ދެ ގޯލާއެކު މެޗުގެ ނަތީޖާ 5 – 3 ކަށް ބަދަލުވިއެވެ.

ދެން ފެނުނީ މިމުބާރާތުގައި ފެނުނު ފުރަތަމަ ކާޑް ކުޅުންތެރިއަކަށް ދެއްކިތަނެވެ. މިކާރޑް ދެއްކީ ގަސްތުގައި ބޯޅާގައި ފައިން ޖެހުމުން އެމްއެސް ހޭންޑްބޯލް ޓީމުގެ ޖާޒީ ނަންބަރު 7 ފާޠިމަތު ޝައިހާ ފަހުމި އަށެވެ. މިކާޑާއެކު އެކުޅުންތެރިޔާ 2 މިނެޓަށް ދަނޑުން ބޭލުމުން އެއްކުޅުންތެރިއެއް މަދުން ކުޅެން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން އާރުކޭ ޓީމުން ނަގާ އިތުރު ގޯލެއް މެޗުގެ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓްގައި ޖެހިއެވެ. މިގޯލް ޖަހާދިނީ އާރުކޭ ޓީމުގެ އުއްމީދީ ކުޅުންތެރިޔާ ފާޠިމަތު އަނޫޝާ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 6 – 3 ލަނޑުން އާރުކޭ ކުރި ހޯދާ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ އުއްމީދާއެކުގައެވެ.

އއ.އަތޮޅުގެ ޕޮލިސް އަތޮޅު ކޮމާންޑަރ ސަބް އިނިސްޕެކްޓަރ އޮފް ޕޮލިސް ޙާމިދާ ޢަބުދުލް ޢަލީމް ޝަރަފުވެރި ކޮށްދިން މިމެޗުގެ ފަހު ފެށިގެން ދިޔައީ އާރުކޭގެ ހުނަރުވެރި މޮޅު ކުޅުންތެރިޔާ ރިސްނާގެ އިތުރު ގޯލަކާއެކުގައެވެ. އަދި އޭގެ މިނެޓެއް ފަހުން އެޓީމުގެ ފާޠިމަތު އަނޫޝާ އިތުރު ގޯލެއް ޖެހިއެވެ. އަދި ހަމަ އޭގެ މިނެޓެއް ފަހުން ރިސްނާ އޭނާ މެޗުގައި ޖެހި 4 ވަނަ ގޯލް ޖަހާ މެޗުގެ ސްކޯރ 9 – 3 ކަށް ބަދަލުކޮށްލިއެވެ. ދެން ފެނުނީ އެމްއެސް ހޭންޑްބޯލް ޓީމުން ކައިރި ކައިރީ ދެ ގޯލު ޖެހިތަނެވެ. މިދެގޯލް ޖަހާދިނީ އެޓީމުގެ ޖާޒީ ނަންބަރު 10 ލުޖައިނާ މުޙައްމަދާއި، އަދި ޖާޒީ ނަންބަރު 6 ފާޠިމަތު ފައިހާ މޫސާ އެވެ. ދެން އަނެއްކާވެސް ފެނުނީ އާރުކޭ އިން އިތުރު 3 ގޯލް ޖެހިތަނެއެވެ. އެޓީމުގެ ރިސްނާ އާއި އަނޫޝާ އާއި އަދި ނާދިސާ ޢީސާ އެވެ. މިއާއެކު މެޗުގެ ސްކޯރ 12 – 5 ކަށް ބަދަލުކޮށްލިއެވެ. ދެން ފެނުނީ ވަރަށް ހިތްގައިމު މަންޒަރެކެވެ. އާރުކޭ ޓީމުން ގޯލްޖެހި ނާދިސާ ޢީސާގެ ދަރިފުޅު މަންމަ ޓީމުގެ ކޮޅަށް ގޯލް ޖެހިތަނެވެ. މިގޯލް މެޗުގެ 19 ވަނަ މިނެޓްގައި ޖެހީ ނާދިސާގެ ދަރި އެމްއެސް ހޭންޑްބޯލް ޓީމުގެ ހުނަރުވެރި މޮޅު އުއްމީދީ ކުޅުންތެރިޔާ ފާޠިމަތު ޝައިހާ ފަހުމީ އެވެ. މި ގޯލާއެކު މެޗުގެ ސްކޯރ 12 – 6 ކަށް ބަދަލުވިއެވެ. މެޗުގެ އެންމެ ފަހު މިނެޓްގައި އާރުކޭ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޝިފްޒާ އިބްރާހީމް ޖެހި ގޯލާއެކު މެޗު ނިމިގެން ދިޔައީ 13 ލަނޑު 6 ލަނޑުން ރޯޔަލް ނައިޓްސް ސްޕޯރޓްސް ކްލަބް މިމެޗު ކާމިޔާބުކޮށް މިމުބާރާތެ ޗެމްޕިއަންކަން ހޯދާގެންނެވެ.

މިމެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވުނީ މިމެޗުގައި ގިނަ ސޭވްތަކެއްކޮށް މޮޅު ކުޅުމެއް ދެއްކި އާރުކޭ ޓީމުގެ ރަށުން ބޭރު ކީޕަރ އއ.ބޮޑުފޮޅުދޫ އައިޝަތު ވިރާޝާ އެވެ.

ފައިނަލް މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވުނީ އާރުކޭ ޓީމުގެ ކީޕަރ އައިޝަތު ވިރާޝާ

މިމެޗާއެކު ޑެވޮންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ގެ ހުރިހާ ކުޅިވަރު މުބާރާތްތަކެއް ނިމުނީއެވެ. ހުރިހާ މުބާރާތްތަކުގެ ވަނަ ވަނަ އަށް ދިޔަ ޓީމުތަކާއި ކުޅުންތެރިންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ވަރަށް އަވަހަށް ބޭއްވުމަށް ގަސްތުކުރާ ކަމަށް އަމްސާ އިން މަޢުލޫމާތު ދެއެވެ.

ޑެވޮންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 އަކީ މުޅި އއ.އަތޮޅުގައި ވެސް މިހާތަނަށް ބޭއްވި އެންމެ ބޮޑު ކުޅިވަރު ފެސްޓިވަލްކަން ފާހަގަ ކޮށްލަމެވެ. އަދި މިމުބާރާތް އިންތިޒާމު ކުރި އަމްސާ ޖަމިއްޔާއަކީ އަރިއަތޮޅުގައި ކާމިޔާބު ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ހިންގުންތެރި ޖަމިއްޔާއެއްކަން ފާހަގަ ކޮށްލެވެއެވެ.

ޑެވޮންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ގެ މެއިން ސްޕޮންސަރ އަކީ ސްޓޭޓް ސްޓޭޑިންގ އޯގައިނައިޒޭޝަން (އެސްޓީއޯ) އެވެ.

ކޯސްޕޮންސަރުންނަކީ އެމް،ޑަބްލިއު،އެސް،ސީ އާއި ސްޓެލްކޯ އާއި ވެމްކޯ އާއި އޭޑީކޭ ހޮސްޕިޓަލެވެ. މިފެސްޓިވަލްގެ މީޑިޔާ ޕާރޓްނަރަކީ އުނގޫފާރު.ކޮމް އެވެ.

މިފެސްޓިވަލްގައި ހިމެނޭ ކުޅިވަރު މުބާރާތްތައް ކުރިއަށް ދާގޮތުގެ ތަފްސީލު ޑޮވެންޑޭލް އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ގެ ޚާއްޞަ އެޕްލިކޭޝަން އިން ފެނިވަޑައިގަންނަވާނެއެވެ. https://copafacil.com/amsa2020

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close