
މިއަދަކީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް 37 އަހަރު ފުރޭ އުފާވެރި 38 ވަނަ އަހަރީ ދުވަހެވެ.
ދުވަހުގެ މުނާސަބަތުގައި ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހީމް ޒަޔާން އަށާއި އެންމެހައި މުވައްޒަފުންނަށް ވަރަށް އިހްލާސްތެރި މަރުހަބާ އާއި ތަހުނިޔާ އަރިސްކުރަމެވެ.
ރ އަތޮޅު ހިމެނޭ މި ރީޖަންގެ ރީޖަނަލް ހޮސްޕިޓަލްގެ ގޮތުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ހުޅުވުނީ 7 އޭޕްރީލް 1984 ގައެވެ. ހޮސްޕިޓަލް ހުޅުއްވައި ދެއްވީ އެއިރުގެ ރައީސުލް ޖުމުހޫރިއްޔާ އަލް އުސްތާޒް މައުމޫނު އަބްދުލް ޤައްޔޫމެވެ.
އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހީމް ޒަޔާން ވިދާޅުވީ މިއަހަރުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށެވެ. ގިނަ ބޮޑެތި ހަރަކާތްތަކެއް ކުރިއަށް ނުގެންދާ ސަބަބެއްކަމަށް ވިދާޅުވީ ދިވެހިރާއްޖެއާއި މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ބަލާއާފާތުގެ ސަބަބުން މިފަދަ ހުރިހައި ކަމެއް މިވަގުތައް ޖައްސާލުމަށް ސަރުކާރުން އަންގާފައިވާތީ ކަމަށެވެ.
ބައިނަލް އަޤުވާމީ ސިއްހަތު ދުވަހާއި އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މި އުފާވެރި އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އުނގޫފާރު ޑޮޓް ކޮމްގެ ފަރާތުން އެ ހޮސްޕިޓަލްގެ ހުރިހައި މުވައްޒަފުންނަށް އަރިސްކުރަމެވެ.
އަޅުގަނޑުމެން އެދެނީ އަބަދުވެސް އުނގުފާރު ރީޖަނަލް ހޮސްޕިޓަލަށް މާތްﷲ ހެގޮތް މިންވަރު ކޮށްދެއްވާ ބޮޑެތި ކުރިއެރުންތަކާއި ކާމިޔާބީ މިންވަރު ކޮށްދެއްވުމެވެ.