ޚަބަރު

މިއަދުގެ އިންތިހާބުގައި އުނގޫފާރު ރައްޔިތުން ވޯޓް 58 ފޮށްޓަކަށް

މުޅި ރާއްޖޭގައި މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް ތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި އުނގޫފާރު ރައްޔިތުންގެ ވޯޓް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ބަހައްޓާފައިހުރި 58 ވޯޓް ފޮށްޓަކަށް ލާން ޖެހޭނެއެވެ.

މިފަހަރަގެ އިންތިހާބަށް ބަލާލާއިރު އުނގޫފާރުގައި ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ ކަމަށް 1164 މީހުން ވަނީ ލިސްޓްގައި ހިމަނާފައެވެ. އުނގޫފާރުގައި 2 ވޯޓް ފޮށި ބަހައްޓާފައި ވާއިރު އުނގޫފާރު އެއްނަމްބަރު ވޯޓް ފޮށްޓަށް ޖުމުލަ 686 މީހުން ވޯޓް ލުމަށް ރަޖިސްޓްރީ ކޮށްފައިވެއެވެ. އެއީ އުނގޫފާރު ރައްޔިތުންގެ ތެރެއިން 525 މީހުންނާއި އެހެނިހެން ރަށްރަށުގެ 161 މީހެކެވެ. އުނގޫފާރު ދެނަމްބަރު ވޯޓް ފޮށްޓަށް ވޯޓް ލާނީ ހަމައެކި އުނގޫފާރު މީހުންނެވެ. މިފޮށްޓަށް ވޯޓް ލުމަށް 424 މީހުން ރަޖިސްޓްރީ ކޮށްފައި ވެއެވެ.

ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ އުނގޫފާރުގެ 1164 މީހުންގެ ތެރެއިން 215 މީހުން ރަޖިސްޓްރީ ކޮށްފައިވަނީ އުނގޫފާރުގައި ބަހައްޓާ 2 ފޮށި ފިޔަވާ އަނެއް 56 ފޮށްޓަށެވެ. މި 56 ފޮށީގެ ތެރޭގައި ރާއްޖެއިން ބޭރުގައި ބަހައްޓާފައި ހުރި 2 ފޮށްޓެއްވެސް ހިމެނެއެވެ. އެއީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބަހައްޓާފައި ހުރި ފޮށްޓާއި އިންޑިއާގެ ތްރިވަނަންތަޕޫރަމް ގައި ބަހައްޓާފައި ހުރި ވޯޓް ފޮށްޓެވެ. މި ދެފޮށްޓަށް ވޯޓް ލުމަށް ރެޖިސްޓްރީ ކޮށްފައިވަނީ 4 މީހެކެވެ. އެއީ އިންޑިޔާގައި ހުރި ފޮށްޓަށް އެކަކު އަދި ސްރީލަންކާގައި ހުރި ފޮށްޓައް 3 މީހުންނެވެ.

އުނގޫފާރުގެ 2 ފޮށި ފިޔަވާ ދެން އެންމެ ގިނަބަޔަކު ރެޖިސްޓްރީ ކޮށްފައިވަނީ މާލޭގައި ބަހައްޓާފައި ހުރި 5 ނަމްބަރު ފޮށްޓަށެވެ. މިފޮށްޓަށް ވޯޓުލުމަށް 117 މީހުން ރެޖިސްޓްރީ ކޮށްފައިވެއެވެ.

އިންތިހާބު ފަސްވެ ދިގުލައިގެން ދިއުމާއެކު ރީ ރެޖިސްޓްރެޝަންގެ ކަންތަކުގައި މީހުންގެ ސަމާލުކަން ކުޑަ ފާހަގަ ކުރެވިފައިވެއެވެ. ތަފާތުއެކި ސަބަބު ތަކާހުރެ މިއިންތިހާބުގައި އުނގޫފާރުގެ ސަތޭހައެއްހާ މީހުންނަށް ވޯޓް ލުމުގެ ފުރުސަތު ނުލިބިދާނެކަމަށް ބެލެވެއެވެ. އޭގެތެރޭގައި ރިރެޖިސްޓްރޭޝަންގެ ފުރުސަތު ހަމަވިފަހުން ވަޒީފާއަދާ ކުރާތަނާ ދިރި އުޅޭ ރަށް ބަދަލުވުމާއި ރެޖިސްޓްރީ ޗެކްނުކުރުން ފާހަގަ ކޮށްލެވެއެވެ.

އުނގޫފާރުގައި ބަހައްޓާ 2 ވޯޓް ފޮށިވެސް ބަހައްޓާފައި ހުންނާނީ އުނގޫފާރު ސްކޫލްގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close