ދީން

ރޯދަ ހަދިޔާ – ތަރާވީޙް ނަމާދު

ކޮންމެ ރަމަޟާން މަހަކު އަޅުގަނޑުމެން މުސްލިމުން އެންމެބޮޑު ސަމާލު ކަމެއްދީގެން ކުރާ އެއްނަމާދަކީ ތަރާވީޙް ނަމާދެވެ. މިއަދު މިބަލާލަނީ ތަރާވީޙް ނަމާދު ކުރާގޮތަށެވެ.

ތަރާވީޙު ނަމާދުގައި ކިޔެވުމަށް ވަކި ސޫރަތެއް ވާރިދުވެފައި ނުވެއެވެ. މިނަމާދު ކުރާއިރު ޚަތިމުކުރަންވެސް ކިޔެވިދާނެއެވެ. ނުވަތަ  އައްމާ ފޮތުގެ ސޫރަތްތައްވެސް ކިޔެވިދާނެއެވެ. ނުވަތަ ވައްޟުޙާ ސޫރަތުން ފެށިގެން ދަށުގެ ސޫރަތްތައް ވެސް ކިޔެވިދާނެއެވެ. އަދި ބޭނުން ސޫރަތެއް ބޭނުން ހިސާބަކުން ފަށާގެން ކިޔެވިދާނެއެވެ.

ޤުރުއާން ކިޔެވުމުގައި ސުންނަތް ގޮތަކީ މުޞްޙަފުގައި ވާތަރުތީބުން މަތިން ތިރިއަށް ކިޔެވުމެވެ. މިސާލަކަށް ދަންނަވާނަމަ ބަޤަރާ ސޫރަތުން ތަންކޮޅެއް ކިޔާފަ އަނެއް ރަކްޢަތުގަ އިޚްލާޞް ސޫރަތް ކިޔެވިސް އެކިޔެވުނީ ތަރުތީބުންނެވެ.

ހިތުދަސްވެފައިވާ ސޫރަތްތައް ތަކުރާރުކޮށްވެސް ކިޔެވިދާނެއެވެ. ހިތުދަސް ނޫން މީހާ މުޞްހަފު ނުވަތަ ފޯނު ބަލައިގެންވެސް ނަމާދުގައި ޤުރުއާން ކިޔެވިދާނެއެވެ. ކޮންމެ ދެރަކްޢަތެއްގެ ދޭތެރޭގައި ކިޔުމަށް ޚާއްސަ ޛިކުރެއް ވާރިދުވެފައި ނުވެއެވެ. އަދި ނިންމާފަ ކިޔުމަށް ޚާއްސަ ދުޢާއެއް ނޯވެއެވެ.

ތަރާވީޙު ނަމާދު ކުރެވިދާނެ ތަންތަނަށް ބަލާއިރު މި ނަމާދު މިސްކިތުގަ އަދި ގޭގަވެސް ކުރެވިދާނެއެވެ. އަދި ޖަމާއަތް ހަދާގެންވެސް ގޭގަޔާއި މިސްކިތުގައިވެސް ކުރެވިދާނެއެވެ.

ޢިޝާނަމާދު ފަހުން އަދި ފަތިސް ނަމާދު ކުރިން ކޮންމެ ވަގުތުގައިވެސް ތަރާވީޙް ނަމާދު ކުރެވިދާނެއެވެ. މިނަމާދު ކުރާއިރު ދެރަކްޢަތުން ދެރަކްޢަތުން ސަލާންދެމުން ކުރަންވީއެވެ. ސުންނަތާ އެންމެ ކައިރި ގޮތަކީ ތަރާވީޙް ނަމާދުގައި 8 ރަކްޢަތް އަދި ވިތުރީގެ 3 ރަކްޢަތްކުރުމެވެ.

ޓީވީ ނުވަތަ ކޮމްޕިޓަރ ފަދަ ވަޞީލަތަކުން ނަމާދު ކުރާތަން ބަލައިގެން ނުވަތަ އަޑުއަހައިގެން ނަމާދެއް ނުކުރެވޭނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close