ދިރިއުޅުންދީން

ރޯދަ ހަދިޔާ – ވިތުރި

ކޮންމެ ރަމަޟާން މަހަކު އަޅުގަނޑުމެން މުސްލިމުން އެންމެބޮޑު ސަމާލު ކަމެއްދީގެން ކުރާ އެއްއަޅުކަމަކީ ވިތުރީގެ އަޅުކަމެވެ. މިއަދު މިބަލާލަނީ ވިތުރި ކުރާގޮތަށެވެ.

ވިތުރިއަކީ ގަދަވެގެންވާ ސުންނަތެކެވެ. ވިތުރި އެކަނިވެސް އަދި ޖަމާއަތް ހަދައިގެން ޖަމާޢަތުގަވެސް ކުރެވިދާނެއެވެ. ޢިޝާނަމާދު ފަހުން އަދި ފަތިސް ނަމާދު ކުރިން ކޮންމެ ވަގުތެއްގައިވެސް ވިތުރި ކުރެވިދާނެއެވެ. ވިތުރި އަކީ އޮނަހިރި އަދަދަކަށް ކުރެވޭ ސުންނަތް ނަމާދެކެވެ. ވިތުރީގައި ރަކުޢަތުގެ ޢަދަދުގެ ޙައްދެއް ކަޑައަޅުއްވާ ފައެއްނުވެއެވެ.

1 ރަކްޢަތް، 3 ރަކްޢަތް، 5 ރަކްޢަތް، 7 ރަކްޢަތް، 9 ރަކްޢަތް، ނުވަތަ މިނޫންވެސް އޮނަހިރި ޢަދަދަކަށް ވިތުރީގައި ރަކުއަތް ކުރެވިދާނެއެވެ. ސޫރަތުލް ފާތިޙާއަށްފަހު، ބޭނުން ސޫރަތެއް ބޭނުން ހިސާބަކުން ފަށާގެން ކިޔެވިދާނެއެވެ. 3 ރަކްޢަތް ކުރާނަމަ ފުރަތަމަ ރަކުޢަތުގައި ސައްބިޙިސްމަ ދެވަނަ ރަކުޢަތުގައި ކާފިރޫން ތިންވަނަ ރަކުޢަތުގައި އިޚްލާސް ސޫރަތް ކިޔެވުން މުސްތަޙައްބެވެ.

ނަބިއްޔާﷺ އިރުޝާދު ދެއްވާފައިވަނީ ރޭގަނޑުގެ އެންމެ ފަހު ނަމާދެއްކަމުގައި ވިތުރި ހެދުމަށެވެ. ނިދަން އޮށޯންނައިރު ވިތުރި ކުރުމަށް ދަންވަރު ހޭނުލެވޭނެކަމަށް ބިރު އޮވެއްޖެ މީހާ ވިތުރި ކޮށްގެން ނިދާށެވެ. ވިތުރިކޮށްގެން ނިދާފައި، ދަމުނަމާދަށް ހޭލެވިއްޖެމީހާ، ދެރަކުޢަތުން ދެރަކުޢަތުން ރޭއަޅުކަން ކުރެވޭނެއެވެ. އަލުން ވިތުރި ކުރާކަށް ނުވަތަ ވިތުރި ކަނޑާކަށް ނުޖެހޭނެއެވެ.

ރޭގަނޑަކު ދެ ވިތުރި ކުރުމެއް ނެތެވެ. ވިތުރީގެ ފަހު ރަކުޢަތުގައި ޤުނޫތުކިޔުމީ ސުންނަތެކެވެ. ރުކޫޢުގެ ކުރިން ނުވަތަ ރުކޫޢުގެ ފަހުންވިސް ޤުނޫތު ކީދާނެއެވެ. ޤުނޫތަކީ ރަމަޟާން މަހަށް ނުވަތަ މަހުގެ ފަހުފަނަރައަކަށް ޚާއްޞަ ސުންނަތެއް ނޫނެވެ.  ޤުނޫތު ކިޔުމީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. ޤުނޫތު ނުކިޔުނަސް ނުވަތަ ކިޔަން ހަނދާން ނެތުނަސް ކުށުސަޖިދަ ޖަހާކަށް ނުޖެހޭނެއެވެ. ނިންމާފަ سُبْحاَنَ الْمَلِكِ الْقُدُّوْسِ ތިން ފަހަރު އަދި رَبُّ الْمَلاَئِكَةِ وَالرُّوْحِ އެއް ފަހަރު ކިޔުމީ ސުންނަތެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close