ޚަބަރުރަށު ކުޅިވަރުކުޅިވަރު

ބޮޑެތި ޓްރާންސްފަރ ތަކެއް، ކުޅުންތެރިން އިންތިޒާރުކުރަނީ މުބާރާތަކަށް

ރ.އުނގޫފާރަކީ ފުޓްސަލްގައި ފާހަގަ ކޮށްލެވޭ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެދިފައިވާ އަދި އުފެދެމުން އަންނަ ރަށެކެވެ. 2016 ވަނަ އަހަރު އުނގޫފާރުގައި ރަނގަޅު ފެންވަރެއްގެ ފުޓްސަލް ދަނޑެއް އެޅި އެދަނޑުގައި ކުޅެވޭނެގޮތް ވެގެން ދިއުމަކީ އުނގޫފާރު ޒުވާނުންނަށް ލިބުނު ބޮޑު އުފަލެކެވެ. ނަމަވެސް ޓީމް ތަކުގެ މެދުގައި ގަދަފަދަ ވާދަވެރިކަމާއި ރޫޙެއް އޮންނަ އުނގޫފާރަކީ ނިސްބަތުން މުބާރާތް މަދު ރަށެކެވެ. ފާއިތުވީ 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހު ތިޔަމަސް އެކްސް ފުޓްސަލް ޗެލެންޖް ބޭއްވިފަހުން އުނގޫފާރުގައި އަދި މުބާރާތެއް ބާއްވާފައެއް ނުވެއެވެ.

ތިޔަމަސް އެކްސް ފުޓްސަލް ޗެލެންޖް 2020 ގެ ފަހުން އުނގޫފާރުގައި އުފެދިފައިވާ ޓީމް ތަކުގެ މެދުގައި ވަނީ ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިގެން ގޮއްސައެވެ. އެގޮތުން އެމުބާރާތަށް ފަހު ޓީމް ތަކުގެ މެދުގައި ބޮޑެތި ޓްރާންސްފަރ ތަކެއް ހިނގައި ބޮޑު ބަދަލުތަކެއް ވަނީ ޓީމްތަކަށް ގެނެސްފައެވެ. އުނގޫފާރުގައި އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު ފުޓްސަލް ޓީމް ކަމަށްވާ ޑިކެޑްސް ދޫކޮށް އެޓީމްގެ މުހިންމު 3 ކުޅުންތެރިއެއްވަނީ އެހެން ޓީމްތަކާއި ގުޅިފައެވެ. އެގޮތުން އުނގޫފާރުގައި އަދި ރ.އަތޮޅުގައިވެސް އުފެދުން އެންމެ މޮޅު ޑިފެންޑަރ ޣުޒައިރު ހަސަން ވަނީ ޓީމް އޮރި އާއި ގުޅިފައެވެ.

މި ޓްރާންސްފަރ އާއި ގުޅޭގޮތުން ޓީމް އޮރީގެ ކެޕްޓަން ހުސައިން ރިމާޒް ވިދާޅުވީ އުނގޫފާރުގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރ ޓީމް އޮރިއާއި ގުޅުމަކީ ޓީމް އަށް ލިބިގެންދިޔަ ވަރަށް ބޮދު ހިއްވަރެއް ކަމަށާއި އުޒައިރު ޙަސަން އާއިއެކު ޓީމް މުބާރާތެއްގައި ވާދަކޮށްލަން ކެތްމަދުވެފައި ހުރިކަމަށެވެ. މީގެ އިތުރުން ‘ދަ ވޯލް’ ގެ ނަމުން މަޝްހޫރުވެފައިވާ ތަޖުރިބާކާރު ހުނަރުވެރި ކީޕަރު އަޙްމަދު އަފްސަލް ވަނީ 1 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކޭޑީ އެފްޓީ އާއި ގުޅިފައެވެ. ކޭޑީ އެފްޓީގެ ކޯޗް ހުސައިން ޙަމީދު (ތިއްތި) މި ޓްރާންސްފަރ އާއި ގުޅޭގޮތުން ބުނެފައިވަނީ ކޭޑީއަށް މަދުވަނީ ތަޖުރިބާހުރި އަދި އެ ތަޖުރިބާ ދޭން ތިބި ޒުވާން ކުޅުންތެރިންނަށް ކިޔައިދޭނެ ފެންވަރުގެ ކުޅުންތެރިއެއް ކަމަށާއި އަހްމަދު އަފްސަލް ޓީމްއާއި ގުޅުނު ހިސާބުން މިކަން ކާމިޔާބުވެގެންދާނެކަމާއިމެދު އެއްވެސް ޝައްކެއް ނުކުރާކަމަށެވެ.

ދެން އިވިގެން ދިޔައީ އެންމެ ފަހުން ބޭއްވި 3 މުބާރާތް ޑިކެޑްސް އަށް ކާމިޔާބު ކޮށްދިނުމުގައި ބޮޑު ދައުރެއް އަދާ ކޮށްފައިވާ ހުނަރުވެރި ފޯވަރޑް އާތިފް އިގްބާލް ބީސީ ބޯއިސް އާއި ގުޅުން ހަބަރެވެ. މުޙައްމަދު މަންސޫރު (މަންޓު) އުނގޫފާރު.ކޮމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާތިފް އިގްބާލް ޑިކެޑްސް ގައި ދައްކަމުން ދިޔަ ހުނަރުވެރި މޮޅުކުޅުން ފެނިފައި ބީސީ ބޯއިސް އަށް އޭނާ ގެންނަން ބޭނުންވި ކަމަށާއި އޭނާ ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ކުރިޔަށް ހުރި މުބާރާތް ތަކުގައި ރަނގަޅު ކާމިޔާބެއް ހޯދުން ކަމަށެވެ. މީގެ އިތުރުން މަންޓު ވިދާޅުވީ މުބާރާތް އޮންނަ މިންވަރަކުން އަދިވެސް ބީސީ ބޯއިސް އިން ހުނަރުވެރި މޮޅު ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

މި ޓްރާންސްފަރ ތަކާއިއެކު ޓީމްތަކުގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމާއި އެކު ޓީމްތަށް މިހާރު އިންތިޒާރު ކުރަމުންދަނީ އުނގޫފާރުގައި ރަނގަޅު ފެންވަރެއްގެ މުބާރާތެއް ބާއްވާނެ ދުވަހަކަށެވެ.

އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
އެކްސް ބޯއީ Recent comment authors
އެކްސް ބޯއީ
Guest
އެކްސް ބޯއީ

ހަބަރު ކިޔާލުމުން އުނގޫފާރުގައި ފުޓުބޯޅަ ފޯރި ހުރިވަރު ހާމަ ވެއްޖެ.ނަމަވެސް ހިތާމައަކީ ނިމިދިޔަ ކައުންސިލް އިން ކޮމިއުނިޓީ ސެންޓަރަށް އިހުމާލުވެ ސެންޓަރު ވަޅުޖަހާފައި ވާކަން

Close