ޚަބަރުރ.އަތޮޅުކޮވިޑް-19

އަތޮޅުގެ ރަށްތަކުން ސާމްޕަލް އުނގޫފާރަށް ގެނައުމުގައި ރ އަތޮޅު ކައުންސިލުން އެހީތެރިވަނީ

އަތޮޅުގެ ރަށްތަކުން ނެގޭ ކޮވިޑް-19 ގެ ސާމްޕަލް އުނގޫފާރަށް ގެނައުމުގައި ރ އަތޮޅު ކައުންސިލުން ވަރަށްބޮޑު އެހީތެރިކަމެއް ލިބެމުން ދާކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

އުނގޫފާރު ޑޮޓްކޮމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެހޮސްޕިޓަލްގެ މެނޭޖަރ ޒަޔާން ވިދާޅުވީ އަތޮޅު ތެރޭގެ ރަށްތަކުގައި ހޯމް ކަރަންޓީންގައި ތިއްބެވި ފަރާތްތަކާއި އަދި އަލާމާތްތައް ހުރެގެން ނެގޭ ސާމްޕަލްތައް އުނގޫފާރަށް ގެނައުމުގައި ރ އަތޮޅު ކައުންސިލުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށެވެ. އެގޮތުން އަތޮޅު ފެރީ ކެންސަލްވެ ސީއެމްބިއުލަންސް އަށްވެސް ދަތުރު ނުކުރެވޭ ހާލަތުގައި ރ އަތޮޅު ކައުންސިލްގެ ލޯންޗުގައި, އަތޮޅުގެ ރަށްތަކުގައި ހުންނަ ސާމްޕަލްތައް އުނގޫފާރަށް ގެނެސް ދެއްވަމުން ދާކަމަށެވެ.

“މޫސުން ގޯސްވެ ނުވަތަ އެއްވެސް ސަބަބަކާއިހުރެ އަތޮޅުފެރީ އާއި ސީއެމްބިއުލަންސް އަށް ދަތުރު ނުކުރެވޭ ހާލަތުގައި، ކިރިޔާވެސް ކަނޑު ދަތުރު ކުރެވޭނަމަ އަތޮޅު ކައުންސިލުން އެދަތުރުތައް ކޮށް ސާމްޕަލްތައް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެނެސް ދެމުންދޭ. މިއީ އަތޮޅު ރައްޔިތުންގެ ހައްޤުގައި އެކައުންސިލުން ކޮށްދެއްވަމުންދާ ވަރަށް އަގުހުރި މަސައްކަތެއް. އަޅުގަނޑުމެން ވަރަށް އުފަލާއެކު މިކަން ބަލައިގަންނަން އަދި ވަރަށް އިހްލާސްތެރި ޝުކުރެއް ދަންނަނަވަން” ޒަޔާން ވިދާޅުވިއެވެ.

ޒަޔާން އިތުރަށް ވިދާޅުވީ އުނގޫފާރުގައި ހުރި ދައުލަތާއި ސަރުކާރުގެ ހުރިހައި އިދާރާ ތަކަކުންވެސް ހޮސްޕިޓަލުން އެދޭ ކޮންމެ ކަމެއްގައި ފުރިހަމަ އެއްބާރުލުން ލިބެމުން ދާކަމަށެވެ. މިގޮތުން ސާމްފަލް ގެނައުމާއި ލެބްތަކަށް ސާމްޕަލް ފޮނުވުމުގައި ފުލުހުންގެ ފަރާތުން ލިބޭ އެހީތެރިކަންވެސް ޒަޔާން ފާހަގަ ކުރެއްވިއެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ލިބިފައިވާ ގޮތުން އަލަށް އިންތިހާބުވި ކައުންސިލްތަކުން (ރ އުނގޫފާރު ކައުންސިލް އަދި ރ އަތޮޅު ކައުންސިލުން 2 ފަހަރު) ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ބައްދަލު ކޮށްފައެވެ. މި ބައްދަލުވުން ތަކުގައި އެ ދެ ކައުންސިލުން ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ދެމުންގެންދާ ހިދުމަތްތަކާއި ބެހޭގޮތުންނާއި އަދި ހިދުމަތް ދިނުމުގައި އެފަރާތްތަކަށް ވެދެވިދާނެ އެހީތެރިކަންކަމާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

ރ އަތޮޅު ކައުންސިލުން މިހާރު އެކައުންސިލްގެ އަމިއްލަ ހަރަދުގައި ކޮށްދެމުން ގެންދާ ދަތުރު ތަކަކީ މިބައްދަލުވުންތަކުން ނިކުތް ނަތީޖާއެއްކަމަށް މެނޭޖަރ ޒަޔާން ފާހަގަ ކުރެއްވިއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close