މުނިފޫހި ފިލުވުން

ވާހަކަ: ގައިދީ – ފުރަތަމަ ބައި

އެސައިމެންޓެއްގެ ތެރެއަށްވަދެ ގެއްލިފައި އިންދާ އަހަރެން ސިއްސައިގެންދިޔައީ ފޯން ރިންގުވާންފެށި އަޑަށެވެ. ގުޅަނީ އަހަރެންގެ މަންމައާއި އެއްބަނޑު އެއްބަފާގައި ހުންނަ އަހަރެން އެންމެ ލޯބިވާ ދައްތައެވެ. އެހެންނަމަވެސް މުހިންމު ހިސާބެއްގައި މަސައްކަތް ހުރުމުން ނިންމާލާފައި ގުޅަން ހިތައްއަރުވާފައި ފޯނު ސައިލެންޓު ކޮށްލީމެވެ. ފޯނު އަތުން ދޫނުވެގެން އުޅެނިކޮށް ވައިބަރ މެސެޖެއް އައުމުން ހުޅުވާލީމެވެ. އެއީ ފޮޓޯއެކެވެ. ކުޑަހިނދުކޮޅަކަށް ދުނިޔެ މަޑުޖެހުނު ކަހަލަ އިހުސާސެއް އަހަންނަށް ކުރެވިގެން ދިޔައެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނައިގެ ސަބަބުން ފެންނަ މަންޒަރު ފުސްވަމުން ދިޔައިރުވެސް އެސްފިޔަޖަހާލަންވެސް އަހަރެން ހަނދާނެއްނެތެވެ. ބަލަހައްޓައިގެން އިނދެވުނީއެވެ. ހިތައް އަންނަމުން ދިޔައީ އެ މޫނު ފެނުނު އެންމެ ފުރަތަމަ ދުވަހެވެ. ************

ދުވަމުން ކަހަލަ ގޮތަކަށް މަގު ހުރަސްކޮށްލާފައި އަހަރެން ގޮސް ހޮސްޕިޓަލަށް ވަނީމެވެ. ދާންވީ ދިމާއެއް ނޭނގިގެން އަތްދަބަހުން ފޯނު ނަގައި ބޭނުންވާ ނަމްބަރަށް ގުޅާލީމެވެ. އެކޮޅުން ދެއްކި ވާހަކަ އަޑުއަހަންހުރެފައި މެޑިކަލް ވާރޑްއާއި ދިމާއަށް އަހަރެން މިސްރާބުޖެހީ ކަންފަތާއި ފޯނު ވަކިކޮށްލުމެއްނެތިއެވެ. މެޑިކަލްވާރޑަށް ވަދެ ނަރސިން ސްޓޭޝަން ކައިރީގައި މަޑުކޮށްލާފައި އަނެއްކާވެސް ސުވާލުކޮށްލީ ފެންނަން ހުރި 4 ކިއުބިކަލްގެ ތެރެއިން ވަންނަންވީ ކޮން ކިއުބިކަލްއަކަށްކަން ނޭނގިގެންނެވެ. އެއަށްފަހު އަނެއްކާވެސް އެކޮޅުން ދެއްކި ވާހަކަ އަޑުއަހަންހުރެފައި ނާރސިން ސްޓޭޝަން ވަށާލާފައިގޮސް ދައްތަ ބުނެދިން ކިއުބިކަލްއަށް ވަނީމެވެ. ކުޑަދޮރުތައް ހުޅުވާލާފައިހުރިއިރު ދިމާއަށް ކަނޑުފެންނަން ހުރެފައި ވަންނަ ލުއި ވައިރޯޅިތަކުން ކުރުވި އިހުސާސަކުން ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. އެންމެ އެނދެއް ފިޔަވައި ހުރިހާ އެނދެއްގައިވެސް މީހުން ތިބުމުން ކުޑަކޮށް ހޯދާލަން ޖެހުނަސް އިޝާރާތެއް ފެނުމާއެކު ދާންވީ ދިމާ އެނގިއްޖެއެވެ. އަސަރެއްނެތް ހިނިތުންވުމެއްދީފައި އަހަރެން ގޮސް ދައްތަގެ އެނދާ ކައިރިވެލީމެވެ. ދައްތަގެ މޫނުން ފެނިގެންދިޔަ އަސަރުތަކުން އެކަނިވެސް އަހަންނަށް ދައްތަގެ ހާލު ސާފުކޮށް ދޭހަވިއެވެ. ކުޑަކޮށް ވާހަކަ ދައްކާލާފައި އަރާމުކޮށްލުމަށް ބުނުމުން ބަސްއަހާ ކުޑަކުއްޖެއް ފަދައިން ވަރުބަލިގޮތަކަށް އޮށޯވެލަން އުޅުމުން އަހަރެން އެހީވެދީފައި ކައިރީގައި ހުރި ގޮނޑީގައި ހަމަޖެހިލީ ފޯނަށް ސަމާލުކަންދެމުންނެވެ.

އިސްއުފުލާލަން އަހަންނަށް މަޖުބޫރުވީ މާ ބޮޑަށް ވާރޑުތެރެ ހިމޭންވިހެން ހީވެގެންނެވެ. ފާޑަކަށް ޖެހިލުންވެފައިތިބެ އެންމެން އެބަލަނީ ކޮންދިމާއަކަށްތޯ ބަލާލަން ޝައުގުވެރިވެގެން ހޯދާލިއިރު ދޮރުން ވަދެގެން އަންނަ ދެ މީހަކު ފެނުނެވެ. އެކަކުގެ އަތައް ގުޅާފައިވާ އައިވީ އިން އެއީ ބަލިމީހެއްކަން ދޭހަވުމުގެ އިތުރުން ލާފައި ހުރި ހެދުމުން ޔަގީންކޮށްދިނީ އެއީ ގައިދީއެއްކަމެވެ. ކައިރީގައި ހުރީ ކަރެކްޝަން އޮފިސަރެކެވެ. ގައިދީ މީހާ ގޮސް އޮށޯވެލީ އަހަރެންގެ ދައްތަގެ އެނދުގެ ސީދާ ކުރިމަތީގައި ހުރި ހުސް އެނދުގައެވެ. އަހަރެންގެ މެޔަށް ގުޑުމެއް އެރީ އެމީހާގެ ބޮޑުކޮށްލެވިފައިވާ ދެލޮލުގައި ހުރި ނުރައްކާތެރި އަސަރަކުންނެވެ. ވަށައިގެން ނަޒަރު ހިންގާލިއިރު އެންމެންގެ މޫނުމަތިންވެސް ފެނުނީ ޖެހިލުންވުމާ ބިރުގެންފައިވާކަމުގެ އަސަރުތަކެކެވެ. އަވަހަށް ނޫންކަމަށް ހެދިފައި އަހަރެންވެސް ފޯނަށް ސަމާލުކަންދެވޭތޯ މަސައްކަތް ކުރީމެވެ.

ދެދުވަސް ފާއިތުވެގެންދިޔައިރު ދައްތަކައިރީގައި ގިނަވަގުތު ހޭދަކުރީ އަހަންނެވެ. މިހާވަގުތުވިއިރު އަހަރެންގެ ސަމާލުކަން އެ ގައިދީ މީހާއަށް ހުއްޓިއްޖެއެވެ. އަހަރެން އެންމެ ހައިރާންވީ އެމީހާ އެއްވެސް ވަރަކަށް ކާތަން ނުފެންނާތީއެވެ. ކާން ގެނެސްފައި ހުންނަ ސޭންޑްވިޗްފަދަ ތަކެތި އަހަރެން ދެކެމެވެ. އެހެން ނަމަވެސް ހަމަ އެ އެއްޗެހި އުކާލާތަންތަންވެސް ފެނެއެވެ. ކިތަންމެ ކުލައަލި ހަންގަނޑަކާއި ބޯ ކަޅު އިސްތަށިގަނޑެއް ލިބިފައި އޮތަސް އެކަން ފަނޑުކޮށްލަން އޭނާގެ އަނަރޫފަ ހަށިގަނޑުފުދެއެވެ. އެކަކާވެސް އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކައެވެ. އަބަދު އިސްޖެހިފައި އިނުމާއި ކަމަކަށް އަބަދުވެސް ގެއްލިފައި އިންނަ އިނުން އަހަރެންގެ ސަމާލުކަމާ ގުޅުނެވެ. ގައިދީއަކަށްވުރެ ބޮޑަށް އަހަންނަށް އެ ޒުވާނާ ފެންނަންފެށީ ބަލިމީހެއްގެގޮތުގައެވެ. ދައްތައަށް ގެންދަން ބަތްޕެން ކައްކައިގެން ތަށިތައް ތައްޔާރުކުރަން ހުރިއިރު ތަފާތު ވިސްނުމެއް އައިސްގެން އިތުރުތައްޓެއް ތައްޔާރުކޮށްލީމެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް އެދުވަހު ހޮސްޕިޓަލަށްދާން ނިކުތްއިރު އަހަރެން ކޮންމެވެސް ވަރަކަށް ޖެހިލުންވަމުންދިޔައެވެ. އެހެން ނަމަވެސް ކޮންމެ ފިޔަވަޅެއްވެސް އަހަރެން އެޅީ ކުރިޔަށެވެ.

ވާރޑަށްވަދެ ދައްތަގެ އަތަށް ތަށި ލައިދީފައި ކުރިމަތީގައި ހުރި އެނދަށް ބަލާލާފައި ދެފަރާތް ހޯދާލިއިރު ކަރެކްޝަން އޮފިސަރ ވާރޑުން ނިކުންނަން ދަނީއެވެ. އިތުރަށް ހުރި ތަށި ނަގައިގެން އަހަރެން ގައިދީ މީހާގެ އެނދާ ކައިރިވެލުމުން އެދެލޮލުން ބަލާލިގޮތްފެނިފައި ޖެހިލުންވެ ހުރެވެސް ތަށި ދިއްކޮށްލީމެވެ. ތަށީގައި އަތުންޖަހާފައި ހަޅޭއްލަވައިގަންނާނޭ ހީވެފައި ބިރުން ހުއްޓާ އަހަރެން ހައިރާންކޮށްލާފައި ތަށީގައި ހިފަމުން ޝުކުރިއްޔާއޭ ބުނެލިއަޑު ކިތަންމެ މަޑު ނަމަވެސް އަހަރެންގެ ކަންފަތާހަމަޔަށް ފޯރިއެވެ. ބަދަލުގައި އަމިއްލައަށް ހިނިތުންވެލާފައި އަހަރެންގޮސް ދައްތަ ކައިރީގައި އިށީނދެލީމެވެ.

މަޑުމަޑުން އިނދެ ކޮންމެސް ވަރަކަށް ކައިފަ އަހަންނަށް ތަށި ދިއްކޮލިތަން ފެނިގެން އެހީތެރިޔާ އައުމުގެ ކުރިން އަހަރެންވެސް އަވަހަށް ތަށި ނެގީމެވެ. ވާހަކަ ދަ އްކާލަން ބޭނުންވެފައި ހުއްޓަސް އެކަން ކުރެވޭ ގޮތް ނުވީ އޮފިސަރ އައިސްދާނެކަމުގެ ބިރު ހިތުގައި އޮތީމައެވެ. އެހެންނަމަވެސް ހިތުގައި ކަމެއް ރާވާލައިގެން ހުރެ ދައްތައާއި ވާހަކަދައްކާލައިފައި ގެއަށް ދިޔުމަށް ހިނގައިގަތީމެވެ.

ޖެހިގެންއައި ދުވަހުވެސް ދައްތައަށް ތައްޔާރުކުރި އެއްޗެހިން އިތުރު ތައްޓެއް ތައްޔާރުކޮށްލައިގެން ހޮސްޕިޓަލަށް އައިސް އަހަރެން ބޭނުންވި ދަނޑިވަޅަށް ފާރަލައިގެން އިނީމެވެ. ވަގުތު ލިބުމުން ތަށި ހިފައިގެން ގައިދީ މީހާގެ އެނދާ ކައިރިއަށް ޖެހިލައި ތަށި ދިއްކޮށްލުމުން އޭގައި ހިފައިފިއެވެ. “ކޮން ނަމެއް ކިޔަނީ؟” އެމީހާގެ ހަރަކާތްތަކަށް ބަލަންހުރެފައި އަހަރެން އަހާލީމެވެ. “ޖައިލަމް” ޖަވާބު ދިން އިރު ޖައިލަމް ހީނލިހެން އަހަންނަށް ހީވިއެވެ. އިތުރު ހިތްވަރެއް ލިބުނު މީހަކު ފަދައިން އަހަރެން ވާހަކަ ދައްކަން ފެށީމެވެ. އުމުރު އަހާލުމުން ބާވީހޭ ބުނެ ޖަވާބު ދި ނުމުން އަހަރެން ފާޑަކަށް ހައިރާންވިއެވެ. އެހާ ޅައުމުރުގައި އެ ޔުނީފޯމުގައި އަދި އަމުދުން މިތަނުގައި އެކަނިވެރިކަމުގެ އިންތިހާ އިހުސާސް އެކުރަނީ ކީއްވެ ހެއްޔެވެ؟ ހިތުގައި އުފެދުނު އެންމެ ބޮޑު ސުވާލަކީ އެއީ ކަމަށް ވިޔަސް އަހަރެން އެ ސުވާލު ފަސްކޮށްލީ މިހާ އަވަހަށް އެހުން ރަނގަޅުނޫން ކަމަށް ފެންނާތީއެވެ.

އޭގެފަހުން އެހީތެރިޔަކު ޖައިލަމް ކައިރީގައި ނުހުންނަ ވަގުތު ބަލާފައި ކޮންމެސް ވަރަކަށް އަހަރެން ޖައިލަމްއާއި ވާހަކަދައްކަމެވެ. އެއްދުވަހެއްގައި ދެއްކި ވާހަކައިގެ ތެރެއިން ޖައިލަމްގެ އާއިލާގެ ވާހަކަ އަހަރެން އަހައިލީ ޖައިލަމް ކައިރިޔަށް ހޮސްޕިޓަލަށް އައިތަން އަހަންނަށް ފެނުނީ އެންމެ މީހެއް ކަމަށްވާތީއެވެ. އެވެސް އެންމެ ދެތިން ފަހަރުއެވެ. އާއިލާގައި މަންމައާއި ބައްޕަ ތިއްބަސް ޖައިލަމް އެންމެ ލޯބިވާ މީހުންނަކީ ދޮންބެއާއި ދޮނބެގެ ދަރިފުޅުކަމަށް ބުނެދިނެވެ. ހޮސްޕިޓަލަށް އައީ ދޮންބެ ކަމާއި ގިނައިން ނާދެވެނީ ވަޒީފާގައި ބުރަކޮށް އުޅޭތީކަމަށް އޮޅުންފިލުވައިދިނެވެ.

“ތި ގޮތައް އެމީހުންނާ ވާހަކަ ދެއްކުމަކީ މަނާ ކަމެއް” އަހަރެން ސިއްސައިގެން ދިޔައީ ކަރެކްޝަން އޮފިސަރ ގެ އަޑު އިވުމުންނެވެ. އަވަހަށް ތެޅިގަނެފައި ދުރަށް ޖެހެމުން ގޮސް ދައްތަ ކައިރީގައި މަޑުކޮށްލީމެވެ. ހަގީގަތުގައިވެސް އެދުވަހު އަހަރެން ވަރަށް ބިރުގަތެވެ. އެތެރެއެތެރެއިން ރުޅިވެސް އާދެވުނެވެ. ހަރުކަށި މީހާގަނޑެކެވެ.

އެދުވަހުގެ ފަހުން އަހަރެން ޖައިލަމް އާއި ވާހަކަ ދައްކަނީ ވަރަށް ސިއްރުން އެހީތެރިޔާ ނުހުންނަ ގަޑިތައް ބަލައިގެންނެވެ. މިކަމުގައި ދައްތަގެ އެހީތެރިކަން އެހާ ވަރަށް ލިބުނެވެ. ދައްތައަކީ ހިތްހެޔޮ މީހަކަށްވުމުން މުޅި އެތާގައިވެސް ތިބެނީ ދައްތަގެ އެކުވެރިންނެވެ. އެގޮތުން ދެފަހަރަކު ފެންނަންވާއިރަށް ޖައިލަމްގެ ދޮންބެއާއިވެސް ގުޅާލައިފިއެވެ. އެހެންދުވަހެއްގައި ޖައިލަމްއާއި ވާހަކަ ދައްކަމުން ޖަލުގައި ހުންނަން ޖެހުނު ސަބަބު އެހީމެވެ. މަޑުމޮޅި އަޑަކުން ޖައިލަމް ކިޔައިދިނެވެ. މައިންބަފައިންގެ މާ ބޮޑު އަޅާލިމަކާއި ސަމާލުކަންނުލިބި ބޮޑުވަމުން އައުމުގެ ނަތީޖާއަކަށްވީ ބޭރުތެރެއަށް ނުކުމެވުމެވެ. މަގުމަތިން ރައްޓެހިން ލިބުމެވެ. އެއްވެސް ކަމެއްނެތި އެގޮތް މިގޮތައް އުޅެމުންދިޔަ ޒުވާނުންގެ ތެރެއަށް ވަދެވުމެވެ. ނުބައި މަގުތަކުންދެވެންފެށީއެހިސާބުންނެވެ. ވައްކަން ކުރުމާއި އެނޫންވެސް ކުށްތަކުގައި ބައިވެރިވެވެން ފެށުނީއެވެ. އާއިލާއާއި އޮތްގުޅުން ހައްތަހާ ހީނަރުވީ ގޭންބޭރުގައި އަބަދު ވަގުތުތައް ހޭދަކުރެވެން ފެށުމުންނެވެ.

އެގޮތައް އުޅެމުންގޮސް އެއްރެޔަކު ވައްކަމެއްގައި ޕޮލިހުންގެ އަތްދަށުވީއެވެ. ޖައިލަމްއާއި ދެކޮޅަށް ހެއްކާއި ގަރީނާތައް ލިބުމުން 7 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކު މް ކުރީއެވެ. ޖައިލަމްގެ ވާހަކަތައް އަހަންނާ ހިއްސާކުރަމުން ދިޔައިރު ޖައިލަމް އިސްޖަހައިގެން އިނެއްކަމަކު އެ ލޮލުން ވެއްޓުނު ކަރުނަތިކި ހަމަ ރަނގަޅަށްވެސް އަހަރެން ދެކުނީމެވެ. އަހަރެންގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ޖައިލަމްއަށް އެހީވާން ބޭނުންވިއެވެ. އެހެންނަމަވެސް އަދި އެ ފެންވަރެއް، ޤާބިލުކަމެއް އަހަރެންގެ ނެތެވެ.

ކައިރީގައި މީހަކު ހުރިހެން ހީވެގެން ބަލާލިއިރު ކަރެކްޝަން އޮފިސަރެއް ހުއްޓާ ފެނުމުން އަހަރެން ތުރުތުރު އަޅާލިއެވެ. ބިރުގެންފައި އެމީހާގެ މޫނަށް ބަލާލުމުން ފެނުނީ ހިނިތުންވެފައި ހުއްޓައެވެ. އަހަރެންވެސް ރައްދުގައި ހިނިތުން ވެލާފައި ދައްތަކައިރިއަށްގޮސް މަޑުކޮށްލުމުން އެކަހަލަ މީހުންގެ ތެރޭގައިވެސް ހިތްހެޔޮމީހުން އުޅޭނެކަން ދައްތަ ބުނެލީ ހީނލާފައެވެ. އަހަންނަށްވެސް ކުޑަ ހިތްހަމަޖެހުމެއްލިބުނެވެ.

މިގޮތުގައި ހަފްތާއެއް ވާން ކައިރިވިއިރު ދައްތަގެ ހާލު ވަރަށް ބޮޑުތަން ރަންގަޅުވެއްޖެއެވެ. ދެން ލަހެއް ނުވެ ގެޔަށް ދޫކޮށްލާނެ ކަމަށް ބުނެފައި އޮތުމުން އަހަރެން ޖައިލަމްގެ ކައިރީގައި އިންނަ ވަގުތު ގިނަކޮށްލީމެވެ. ޖައިލަމްއާއި އަހަރެންގެ އެކުވެރިކަންވެސް ވަރުގަދަވަމުންދިޔައެވެ. އަހަންނަށް ޔަގީންވި އެއްކަމަކީ ޖައިލަމްއަކީ ނުބައި ކުއްޖެއް ނޫންކަމެވެ. އެއީ ހިތްހެޔޮ ރަނގަޅު ކުއްޖެކެއެވެ. ނުބައިމަގުން ދެވުނުއިރު އެހީވާނޭ މީހަކު ނެތުމުން ހަލާކުގެ ތެރެއަށް ވެއްޓުނީއެވެ. އެހެންނަމަވެސް އަހަރެން އެއީ ގައިދީއެއްކަމަކަށް ނުދެކެމެވެ. އެގޮތައް އިހުސާސެއްވެސް ނުވެއެވެ. އަހަރެން ދެކުނީ އެއީ ރަނގަޅު އެކުވެރިއެއްގެ ގޮތުގައެވެ.

(ނުނިމޭ)

އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close