މުނިފޫހި ފިލުވުން

ވާހަކަ: ގައިދީ – ދެވަނަ ބައި

ވާހަކަ: ގައިދީ – ފުރަތަމަ ބައި

ޖައިލަމްގެ ބައްޔާ ބެހޭގޮތުން އަހަރެން ސުވާލުކުރީމެވެ. ޖައިލަމްގެ މައްސަލައަކީ ނުކެވުމެވެ. ދިރުވަން އުނދަގޫވެފައި އެއްގޮތަކަށްވެސް ރަނގަޅަށް ނުކެވެނީއެވެ. ނުކެވުމުގެ ސަބަބުން ހަށިގަނޑު ވަރުދެރަވުމާއި އެނޫންވެސް އެހެން މައްސަލަތައް ކުރިމަތިވަނީއެވެ. ބަނޑުގެ ކޮންމެވެސް މައްސަލައެއްކަމަށް ޑޮކްޓަރުންވަނީ ބުނެފައިކަމަށް އަހަންނަށް ޖައިލަމް އޮޅުންފިލުވައިދިނެވެ.

ދައްތަ ގެޔަށް ދޫކޮށްލި ދުވަހު އަހަންނަށް ތަފާތު އިހުސާސްތަކެއް ކުރެވުނުކަން ޔަގީނެވެ. ޖައިލަމްއާއި ދެން ބައްދަލު ނުވާނޭ ހިތައް އަރަމުން ދިޔައިރުވެސް ޖައިލަމްއާއި އަހަރެން ވާހަދެއްކީ އަދިވެސް ބައްދަލުވެވޭނެކަމަށް އުންމީދުކުރާހާލުގައި ހުރިކަން އަންގައިދެމުންނެވެ. ޖައިލަމްގެ ލޮލުން އެދުވަހު އަހަންނަށް ފެނުނީ އެކުވެރިޔަކަށް ބޭނުންވެފައިހުރި މިންވަރެވެ. އެކުވެރިޔަކު ލިބިފައި ގެއްލިގެންދާކަމުގެ އިހުސާސް އެ ދެލޮލުން އެކަނިވެސް އަހަންނަށް އިހުސާސްކޮށްދިނެވެ. އެހެނަސް ތަޤުދީރުގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްލާފައި އަހަރެން ހޮސްޕިޓަލުން ނިކުމެގެން އައީ ހަމަގައިމުވެސް ވަރަށް ދެރަވެފައިހުރެވެ.

ދުވަސްތައްވޭތުވަމުން ދިޔައިރު އަހަރެން އުޅުނީ ކިޔެވުމުގެކަންތަކުގައި އަވަދިނެތިއެވެ. ކުލާސްތަކާއި އެސައިމެންޓުތަކާއި ކުރިޔަށް އޮތް ޓެސްޓަށް ދަސްކުރުމުގައި އަހަރެން އުޅުނީ އެހެން ހުރިހާކަމެއް ހަނދާންނައްތާލާފައެވެ. އެހެނަސް އެއްދުވަހަކު އައި ދައްތަގެ ފޯނުކޯލު އަހަރެންގެ ސަމާލުކަން ކުޑަކޮށްނަމަވެސް އެހެން ކަމަކަށް އަނބުރާލަން މަޖުބޫރުކުރުވިއެވެ. ދައްތައަށް ޖައިލަމްގެ ދޮންބެ ގުޅިކަމާއި ޖައިލަމް އަހަންނާއި ބައްދަލުކުރަން ބޭނުންވާހަކަ ބުނުމުން އަހަރެން ހައިރާންވިއެވެ. އަހަރެން ހިތައް އެރީ ޑިސްޗާޖުކުރަން އުޅޭތީ ދެން އަނެއްކާވެސް ދާން ޖެހޭނީ ޖަލަށް ކަމަށްވުމުން ބައްދަލުކޮށްލަން ބޭނުންވީކަމަށެވެ.

އެރޭ އަހަރެން ދައްތައާއިއެކު ހޮސްޕިޓަލަށް ދިޔައީމެވެ. ކީއްވެކަން ނޭނގުނަސް އޭރު އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ފިނިވެފައެވެ. ޖައިލަމްއާއި ބައްދަލުވެވޭތީ އުފާވެސްވެފައެވެ. ވަކި ހިސާބަކުން ޖައިލަމްގެ ދޮންބެއާއި ދިމާވެގެން އަހަރުމެން ގޮސް ހުއްޓެންޖެހުނީ އައި.ސީ.ޔޫ ކުރިމަތީގައެވެ. ފާޑަކަށް ހުއްޓުންއަރާފައި ހުރެ ޖައިލަމްގެ ދޮންބެއަށް ބަލާލުމުން ސީދާ އަހަރެންގެ ލޮލަށް ބަލަންހުރެ ބޯޖަހާލިތަން ފެނިފައި އަހަރެންގެ މޭގަނޑު ފިނިވެގެންދިޔައެވެ. ނޫނެކެވެ. ނޫނެކެވެ. މީ އަހަރެން ޖައިލަމްއާއި ބައްދަލުކުރަން ވަންނަން ބޭނުންވި ތަނެއް ނޫނެވެ. ޖައިލަމް މިތާނގައި އޮންނަންވީ ކީއްވެ ހެއްޔެވެ؟ އަހަރެން ޤަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. އެހެނަސް ތަޤުދީރާ ކުޅެވޭނީ ކާކަށްހެއްޔެވެ؟

އެތެރެއަށް ވަނުމާއެކު ފެނުނު މަންޒަރުން ހުއްޓުން އެރި ނަމަވެސް ހިތްވަރުކޮށްލާފައި ޖައިލަމްއާއި ކައިރިވެލީމެވެ. ވަރުދެރަ ގޮތަކަށް ދެލޯ ހުޅުވާލާފައި ޖައިލަމް އަހަންނަށް ބަލާލުމުން ހުއްޓުން އަރާ ގޮތްވިއެވެ. އެއީ ކުރިން ފެނުނު ޖައިލަމްއޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ އެ ބޮޑު ދެލޯ ވަޅުވަދެ ލޯ ކައިރި ކަޅުވެފައިވެއެވެ. ކަޅުކޮށް ވަރުގަދަކޮށް އޮތް ބޯ އިސްތަށިގަނޑުވެސް ބަލިކަށިވެފައެވެ. ދެކޯވެސް ވަޅުވަދެފައެވެ. އިންތިހާއަށް އަނަރޫފައެވެ. މެޝިންތައް ގުޅާފައި ހުރުމުން އެ އެއްޗެހީގެ އަޑު ކެނޑިނޭޅި އިވެމުންދިޔައެވެ. އަޅާފައިވާ އޮކްސިޖަން މާސްކާއެކުގައިވެސް ޖައިލަމް އަހަންނަށް ހީލިހެން ހީވިއެވެ. އެކުވެރިޔާ އެހާލުގައިވާތަން ފެނުމުން އަހަރެންގެ ހިތް ރޯލިއެވެ.

ޖައިލަމް ހަރަކާތެއްކުރިހެން ހީވެގެން ސަމާލުވެލިއިރު ގަލަމެއް ދިއްކޮށްލަނީއެވެ. ސިކުންތެއްވެސް ގެއްލުވާނުލާ އަހަރެން ގަލަމުގައި ހިފުމާއެކު އަތް ހުޅުވާލާފައި އަހަންނަށް ބޮލުން އިޝާރާތެއް ކޮށްލިއެވެ. އަހަރެން އެ އަތައް ބަލައިލީމެވެ. ޖައިލަމްގެ ދޮންބެގެ ދަރިފުޅުގެ ނަން ލިޔެފައި ހުއްޓެވެ. އޭގެ އިތުރުން މައިލޯޕެކެޓްފަދަ ޖައިލަމް ބޯން ބޭނުންވާ ބައެއް އެއްޗެހި ލިޔެފައި ހުއްޓެވެ. ވާހަކަ ދައްކަން އުނދަގޫވުމުން ބޭނުންވާ ކަންކަން އަތުގައި ލިޔަނީކަން އަހަންނަށް ދޭހަވިއެވެ. ޖައިލަމްއަށް ބަލާލާފައި މަޑުމަޑުން އަހަރެންގެ ނަން ޖައިލަމްގެ އަތުގައި ލިޔެލީމެވެ. އެއާއެކު އަތައް ބަލާލާފައި މަޑުމަޑުން އަހަރެންގެ ނަން ކިޔާލަން އުޅުނުހެން ހީވިއެވެ. އަހަރެން ޖައިލަމްއަށް ގޮވާލީމެވެ. ދެން ބަލަންފެށީ އަހަންނާ ދިމާއަށެވެ. ވާހަކަ ދައްކާށޭ ބުނާކަހަލައެވެ.

“ޖައިލަމް، ކެތްތެރިވޭ. އިންޝާالله ކެތްތެރިންނަށް الله ދެރަގޮތެއް މިންވަރު ނުކުރައްވާނެ. ކޮންމެ ކަމަކީވެސް އިމްތިޙާނެއް. އެކަމަށް ކެތްތެރިވާ މީހުންނަކީ ކާމިޔާބުވާމީހުން. އިންޝާالله ޖައިލަމްއަށް ވަރަށް އަވަހަށް ޝިފާ ލިބޭނެ.” އަހަރެން ބުނެލީމެވެ. އެއާއެކު ބޮލުން ކޮށްލި އިޝާރާތަކުން ޖައިލަމް ނޫނެކޭ ބުނެލައިފިއެވެ. އަހަރެން ހައިރާންވިއެވެ. އެހެނަސް ދެންވެސް އެކުވެރިޔާއަށް ހިތްވަރުދޭން ބޭނުންވިއެވެ.

“ޖައިލަމް! އަހަންނަކަށް ނޭނގެ ޖައިލަމްއަކީ ކުރިން ނަމާދުކުރި ކުއްޖެއްކަމެއް ނޫނީ ޖައިލަމް ދީނީ ކަންކަމަށް ސަމާލުކަންދިންކަމެއް. އެކަމަކު މިއަދުވެސް ތައުބާ ވެވޭނެ ޖައިލަމް. ޖައިލަމްއަށް އުޅެވިފައިހުރީ ގޯސްކޮށްކަމަށްވާނަމަ ތައުބާވޭ ޖައިލަމް. الله ތައުބާ ޤަބޫލުކުރައްވަވާނެ. އަދި ތައުބާވާ މީހާގެ ފާފަތައްވެސް ފުއްސަވާނެ. އަހަރެންގެ ދުޢާއަކީ ޖައިލަމް ރަނގަޅުވެ އާ ދިރިއުޅުމެއް ލިބުން. ޖައިލަމް! ޖައިލަމް ތި ބަލިން ރަނގަޅުވެ އަލުންދިރިއުޅުމުގެ ފުރުޞަތު ލިބުނިއްޔާ ދުވަހަކުވެސް ގޯސްކޮށް ނޫޅެން އަޒުމްކަނޑައަޅާ! ޖައިލަމް ވާންވާނީ الله އެންގެވިގޮތައް އުޅެން މަސައްކަތްކުރާ ރަނގަޅު ކުއްޖަކަށް. އޭރުން އިންޝާالله ވެދިޔަތަނުގައި ކިތަންމެ ބޮޑު ފާފައެއް ކުރެވިފައިވީ ނަމަވެސް ފުއްސަވާ ދެއްވާނެ. الله ރަޙުމަތުން އުންމީދުކަނޑާނުލާ. ހުރިހާކަމެއްވެސް ރަނގަޅުވާނެ. ކުށްކުރެވުނީމަ އަހަރުމެންނަށް އޮންނަނީ ތައުބާވުން. ތައުބާވޭ ޖައިލަމް.” އެތައް ނަޞޭޙަތެއް ދިނުމަށްފަހު އަހަރެން ބަލާލިއިރު ޖައިލަމްއަށް ރޮވެނީއެވެ. ލޮލުގެ ދެފަރާތުން ރޮނގުހެދިގެން ކަރުނަ ފައިބަނީއެވެ. އަހަންނަށް ޔަޤީންވި އެއްކަމަކީ އެއީ ތައުބާވުމުގެ ރުއިމެއްކަމެވެ. އެދެލޮލުން ފެނުނީ ފާފަ ފުއްސެވުމަށް އެދި الله ހަޟުރަތަށް އާދޭސްކުރާފަދަ އަސަރުތަކެކެވެ. އަހަރެންގެ އެކުވެރިޔާއަށް ހެޔޮ ދުޢާކުރީމެވެ. އެތައް ނަޞޭޙަތެއްދިނީމެވެ. ހިތްވަރުލިބޭނެފަދަ އެތައް ބަސްތަކެއް ބުނީމެވެ. ތައުވާވުމާއި ޛިކުރުކުރުން ގިނަކުރުމަށް ބާރުއެޅީމެވެ. އިރާދަކުރެއްވިއްޔާ އަދި ބައްދަލުވެލަން އަންނާނަން ކަމަށްބުނެފައި އައި.ސީ.ޔޫ އިން ނިކުތްއިރު އަހަރެންގެ ލޮލުން ފައިބަން ތައްޔާރުވެފައިހުރި ކަރުނަތައް މީހަކަށް ފެނުމުގެ ކުރިން ސިއްރުން ފޮހެލީމެވެ.

އެދުވަހު ގެޔަށް ދިޔުމުގެ ކުރިން ޖައިލަމްގެ ދޮންބެއާއި ވާހަކަދައްކާލުމުން އެނގުނީ ޖައިލަމްގެ ހަގީގީ ބައްޔަކީ ކެންސަރުކަމެވެ. އަދިވެސް ބަނޑާއި ގޮހޮރުގެ އިތުރު ބަލިތަކެކެވެ. ކެތްތެރިވެ ހުރެ އަހަރެން އެވާހަކަތައް އަޑުއަހާފައި އެކުވެރިޔާއަށް ހެޔޮދުޢާ ކުރީމެވެ. އެތައް ފަހަރަކުއެވެ. ގެޔަށް ދިޔައީ އަދި ވަރަށް އަވަހަށް ބައްދަލުވެލަން އައުމުގެ އުންމީދުގައެވެ.

************

އެހެނަސް…. އާހް! އިތުރަށް ކެތްނުކުރެވިގެން އަހަރެން ބާރަށް ރޯން ފެށީމެވެ. ނަމަވެސް ފޯނުގައިވާ ފޮޓޯއިން ލޯ ކައްސާލައިގެން ނުދިޔައެވެ. އެއީ އަހަރެންގެ އެކުވެރިޔާއެވެ. ޖައިލަމްއެވެ. އެ އެކުވެރިޔާ ވަނީ ހުދުފޮތީގެ ތެރޭގައި ކަފުން ކުރެވިފައެވެ. ފުން ނިންޖެއްގައި އޮތް ފަދައެވެ. އަހަރެންގެ ދެލޮލުން ކަރުނަތައް ނުހުއްޓުނުކަމުގައި ވިޔަސް އެ މޫނުމަތީގެ އަސަރުތަކުން އަހަރެންގެ ހިތައް ކުރެވުނީ މުޅިން ތަފާތު އިހުސާސެކެވެ. ވަރަށް ހަމަޖެހިލާފައި އޮތް ފަދައެވެ. ހިތްހަމަޖެހިގެން އޮތް ފަދައިން ކޮންމެސް ވަރެއްގެ ހިނިތުންވުމެއް އެ މޫނުމަތިން އަހަންނަށް ފާހަގަކުރެވުނެވެ. ލޮލުގައިވާ ކަރުނަޔާއެކުވެސް އަހަރެންގެ ހިތައް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އިންޝާالله އަހަރެންގެ އެކުވެރިޔާ ވާނީ ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިންނެވެ. އަބަދުގެވެސް ދުޢާއަކީ އެއީއެވެ.

(ނިމުނީ)

އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close