ޚަބަރު

ވޮލެންޓިއަރުންގެ ގޮތުގައި އުނގޫފާރު އައުޓްރީޗް ސެންޓަރުގެ ދަރިވަރުންގެ ހިއްވަރު!

ރ. އަތޮޅުގައި ގިނަ ރަށްތަކެއްގައި ކޮވިޑް-19 ފެތުރެން ފަށާ، މުޅި އަތޮޅަށް މި ބަލީގެ ނުރައްކަލާއި ބިރުވެރިކަން މި ވަނީ ބޮޑުވެފައެވެ. މި ދަނޑިވަޅުގައި މި ހާލަތުން އަރައިގަތުމަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ ސިއްޙީ ޚިދުމަތްތެރިންނާއި، އެބޭފުޅުނާ އެކު ވޮލަންޓިއާކޮށް އަދި އެކި ގޮތްގޮތުން މި މަސައްކަތުގައި ބައިވެރިވަމުންދާ އެންމެހާ ފަރާތްތަކުން އެކޮށްދެމުންދާ މަސައްކަތް ތަކަކީ އަގުނުކުރެވޭނެ މަސައްކަތްތަކެކެވެ. މިއީ ގައުމީ ބަޠަލުންގެ ގޮތުގައި އެ ބޭފުޅުންގެ ނަން އަންނަން އޮތް ޖީލުތަކުގެ ދަރިން އަބަދުވެސް ހަނދާން ކުރާނެ ފަދަ އަގުހުރި މަސައްކަތް ތަކެކެވެ. ބޮޑު ގުރުބާނީއެކެވެ.

މި ގޮތުން ރ. އަތޮޅުގައި ކޮވިޑް-19 ގެ ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ އުނގޫފާރު އައުޓްރީޗް ސެންޓަރުގައި ނަރުސްކަން ކިޔަވަމުންދާ ދަރިވަރުން ވޮލެންޓިއާކޮށް މި މަސައްކަތުގައި ބައިވެރިވެ، އެއްވެސް އުޖޫރައެއް ނެތި ކޮށްދެމުންދާ އަގުހުރި މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތެކެވެ.

ކަށިން ހިއްވަރު ނެރެ އެ ދަރިވަރުން ސާބިތުކޮށްދެމުން ދާނީ މާދަމާ ސިއްޙީ ދާއިރާގެ ހުންގާނާ ހަވާލުވާން ތިބި މާލިމީންނަކީ ބޮޑެތި ބިޔަ ރާޅުތަކާ ކުރިމަތިލާން ކެރޭ ގަދަ ކަނޑުތައް ހުރަސްކުރަން ތައްޔާރަށް ތިބި، ދާއިރާ ދެކެ އިންތިހާއަށް ލޯބިވާ ހިއްވަރުގަދަ ބައެއް ކަމެވެ.

ރ. އަތޮޅުގެ ކޮވިޑް-19 ކަންތައް ބަލަހައްޓާ މެނޭޖު ކުރުމުގައި އިސްކޮށް އުޅުއްވާ އެއް ފަރާތް ކަމުގައިވާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކޮމިއުނިޓީ ހެލްތު އޮފިސާރ ނިލޫމާ މުހައްމަދު ފާހަގަ ކުރެއްވި ގޮތުގައި އުނގޫފާރު އައުޓްރީޗް ސެންޓަރުގައި ކިޔަވާ ދަރިވަރުންގެ އެހީތެރިކަމާ ނުލާ އުނގޫފާރުގައި ކޮވިޑް ހާލަތު މެނޭޖު ކުރުން ވާނީ ދަތި އުނދަގޫ ކަމެއް ކަމުގައެވެ.

އެ ގޮތުން ނިލޫމާ ފާހަގަކުރެއްވި ގޮތުގައި މިވަގުތު ކުރިއަށްދާ ވެކްސިން ދިނުމުގެ މާސް ކެންޕޭނުގެ މަސައްކަތް ތަކުން ފެށިގެން ޕަބްލިކް ހެލްތުން ކުރަމުންދާ ކޮންމެ މަސައްކަތަކީ އެ މަސައްކަތެއް ކާމިޔާބުވުމުގައި އެ ކުދިންގެ ހިއްސާ ބޮޑު މަސައްކަތް ތަކެކެވެ.

“ރޭގަނޑެއް ފަތިހެއް ދަންވަރެއް ނުބަލާ އަޅުގަނޑުމެން ގޮވާލި ކޮންމެ ވަގުތެއްގައި ކޮންމެ މަސައްކަތެއް ވެސް ހެޔޮ ހިތުން، ކުރާ ހިތުން ކޮށްދޭން އެ ކުދިން އަބަދުވެސް ތިބެނީ ތައްޔާރަށް” ނިލޫމާ ވިދާޅުވިއެވެ. ނިލޫމާ ފާހަގަ ކުރެއްވި ގޮތުގައި ތަން ފޮޅާ ސާފުކުރުމާއި، ޑިސްއިންފެކްޓް ކުރުމާއި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތަކާއި، ސާންޕަލް ނެގުމާއި، ޑޭޓާ އެންޓާކުރުމުން ފެށިގެން ކުދިބޮޑު އެންމެހާ މަސައްކަތެއްގައި އެކުދިން ބައިވެރިވަނީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

“ބައެއް ދުވަސް ދުވަހު އަޅުގަނޑުމެންނަށް އެބަ ޖެހޭ 700 އެތައް ސާންޕަލް އެއް އެންޓާރ ކުރަން. އެ ކުދިން އެ ފަދަ ދުވަސް ދުވަހު ވެސް އެބަ މަސައްކަތް ކުރޭ ފަތިހު 4 ޖަހަންދެން ވެސް. ކޮންމެ ދުވަހަކު ވެސް ނިންމާފަ ދާއިރު އަޅުގަނޑުމެންނަށް ހަމައެކަނި ބުނެލެވެނީ ވަރަށް ބޮޑަށް ތެންކްސް އޭ. އެކަމަކު އެއީ އެހެން ބުނެލައިގެން ނިންމާލެވޭ ވަރަށް ވުރެ އަގު ހުރި މަސައްކަތެއް” ނިލޫމާ ވިދާޅުވިއެވެ.

ގައުމީ ޔުނިވަރސިޓީގެ ނާސިންގް ދަރިވަރުން އުނގޫފާރުގައި އެ ކުރަމުންދާ ވޮލެންޓިއާ މަސައްކަތަކީ އުނގޫފާރުގެ ކޮންމެ ރައްޔިތަކުވެސް އެކަން ބަލައިގަނެ އެ ކުދިންނަށް ޝުކުރުވެރިވުން ހައްގު ބުރަ މަސައްކަތެކެވެ.

ނިލޫމާ ވަނީ ޕަބްލިކް ހެލްތުން މި ބަލި ކޮންޓުރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި އެކި ފަރާތްތަކުން ލިބެމުންދާ އެއްބާރުލުން ފާހަގަ ކުރައްވާ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. ހަމަ އެފަދައިން އުނގޫފާރު ފޯސްޓަރިން އެވެއާނެސް (އުފާ) ގެ ނަމުގައި ސިއްޙީ ދާއިރާގެ އެންމެހާ މުވައްޒަފުންނާއި، އެކި ގޮތް ގޮތުން ކޮވިޑް-19 ގެ އާލަމީ ވަބާއިން ރައްޔިތުން ރައްކާތެރިކޮށް ސަލާމަތް ކުރުމަށް ކުރަމުންދާ ބުރަ މަސައްކަތުގައި އަމަލީގޮތުންނާއި އެހެނިހެން ގޮތް ގޮތުން ބައިވެރިވާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަމެވެ.

 

 

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close