ދިރިއުޅުން

މަންމަ

“މަންމަ” ، މި ލަފުޒަކީ، ވަރަށް ގިނަ ބަޔަކަށް ފުން އަސަރުތަކެއް ނުވަތަ ތަފާތު އިޙްޞާސް ތަކެއް ކުރުވާނޭ ލަފުޒެކެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. 9 މަހާއި 9 ދުވަސް ވަންދެން، ބަނޑުގައި  ނުހަނު ވޭނާއި ވަރުބަލިކަމާއި އެކު އެ މައިމީހާ ތިބާ އުފުލި އެވެ. ތިބާގެ ކާނާ ކަމުގައިވާ އެމައިމީހާގެ ލެއިން ތިބާގެ ބަނޑުފުރާނަ މުއްތިކުރިއެވެ. ދެން، ވިހެއުމުގެ އެގަދަފަދަ ވޭނަށް އެމައިމީހާ ކެތްކުރި އެވެ. އަދި ތިބާ ދުނިޔެއަށް އުފަންވުމަށްފަހު ރުއިމުގެ ފުރަތަމަ އަޑާއި އެކު، އެތަކެއް ހިތްހަމަޖެހުމަކާއި އުފާވެރިކަން އެމައިމީހާގެ ހިތަށް ގެނެސްދިނެވެ. އެކުރެވުނު އިޙްޞާސަކީ، އެއްވެސް މީހެއްގެ ދުލަކުން ވިޔަސް އަދި ޤަލަމަކުން ވިޔަސް ބަޔާންކޮށްދެވޭ ވަރަށް ވުރެންވެސް މާ ފުރިހަމަ އިޙްޞާސެކެވެ. ތިބާ އަކީ، ތިބާގެ މަންމަގެ ހަށިގަނޑުގެ ބައެކެވެ. އެމަންމަގެ ހިތުގެ ފިނިކަމެވެ. އަދި އެމަންމަގެ ލޮލުގެ ނޫރެވެ.

ދެން އެމަންމަގެ ލޮލުގެ ކޮއި ފަދައިން ތިބާ ބަލާ ބޮޑުކުރިއެވެ. ކެތްތެރި ކަމާއިއެކު އެއްވެސް ފޫހިކަމެއް ނެތި އެތަށް ރެއެއްގެ ނިދިން މަޙުރޫމުވެ ތިބާއަށް ޚިދުމަތް ކުރުމުގައި ދެމިހުއްޓެވެ. އެ މަންމަގެ އުނގަކީ، ތިބާގެ އެންމެ ފުރަތަމަ އެދުރުގެ ކަމުގައިވިއެވެ. އެއަށްފަހު ތިބާއަށް ޤުރުއާން ކިޔަވަން ދަސްކޮށްދިނެވެ. ނަމާދު ކުރަން ދަސްކޮށްދިނެވެ. ދީނީ ތަޢުލީމު އުނގަންނައިދިނެވެ. ހެޔޮ ނުބައި ވަކި ކޮށްދިނެވެ. އަދި ސްކޫލަށް ތިބާ ލުމަށްފަހު ޒަމާނީ ތަޢުލީމު ފުރިހަމަ ކޮށްދިނެވެ. ތިބާ މީހަކަށް ހަދައިދިނީ އެމަންމަ އެވެ. މޮޅު ޓީޗަރަކަށެވެ. މޮޅު ޑަކުޓަރަކަށެވެ. މޮޅު ޕައިލަޓަކަށެވެ. ތިބާގެ ހުރިހާ ކާމިޔާބީއެއްގައިވެސް އަދި ނާކާމިޔާބީ އެއްގައިވެސް ތިބާއަށް ހިތްވަރުދީ އެހީތެރިވެ ތިބާއަށް އަޅާލުމުގައި އެންމެ ކުރީ ސަފުގައި ހުރީ ތިބާގެ އެ ހިތްވަރުގަދަ މަންމަ އެވެ.

މިހުރިހައި ކަމަކުންވެސް ،ތިބާގެ ދިރިއުޅުމުގައި މަންމަގެ އަހަންމިއްޔަތުކަން ތިބާއަށް އެނގިގެން ހިނގައްޖެއެވެ. އެކަން މާ ރަނގަޅަށް، އަހަރުމެންނަށް ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުންވެސް އެނގި ބަޔާންވެގެން ވެއެވެ. ޝައްކެތް ނެތް ގޮތުގައި އިސްލާމްދީނުގައި މަންމައަށް ދީފައިވާ މަޤާމަކީ ވަރަށްވެސް ފުރިހަމަ އެހާމެ މަތިވެރި މަޤާމެކެވެ. މަންމައިންނަށް އަޅާލާ، އޯގާތެރިވެ، ކިޔަމަންތެރިވުމަށް ވަނީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ. ކީރިތި ޤުރުއާނުގެ 4 ތަނެއްގައި ﷲ އަށް ޝަރީކު ނުކުރުމަށް އެންގެވުމާއި ވިދިގެން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަންގަވާފައި ވެއެވެ. އެގޮތުން ސޫރަތުލް އަންޢާމްގެ 151 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ.

“ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަރާމްކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކުނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ!..”

މީހަކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ދެންނެވި އެވެ. އޭﷲ ގެ ރަސޫލާއެވެ. އަޅުގަނޑު އެންމެ ހެޔޮކޮށް ހިތަން ޙައްޤުވަނީ ކޮންބަޔަކަށް ތޯއެވެ؟ ރަސޫލާ ޙަދީޘް ކުރެއްވި އެވެ.” ތިބާގެ މަންމައެވެ.” އެމީހާ ދެންނެވި އެވެ.”ދެން ކާކު ތޯއެވެ؟” ރަސޫލާ ޙަދީޘް ކުރެއްވިއެވެ. “ދެންވެސް ތިބާގެ މަންމައެވެ.” އެ މީހާ ދެންނެވިއެވެ. “ދެން ކާކު ތޯއެވެ؟” ރަސޫލާ ޙަދީޘް ކުރެއްވި އެވެ. “ދެންވެސް ތިބާގެ މަންމައެވެ. އެމީހާ ދެންނެވިއެވެ. “ދެން ކާކު ތޯއެވެ؟” ރަސޫލާ ޙަދީޘް ކުރެއްވި އެވެ.”ދެން ތިބާގެ ބައްޕަ އެވެ.” (ޞަޙީހް އަލްބުޚާރީ ؛ ކިތާބުލް އަދަބް 5626 ، ޞަޙީޙް މުސްލިމް 2548)

އެހެންކަމުން،ރަސޫލާގެ ޙަދީޘްގައި ވިދިވިދިގެން 3 ފަހަރު މަންމައަށް ހެޔޮކޮށް ހިތުމަށް އަމުރުކުރައްވާފައިވުމުން މަންމައަށް އިސްލާމް ދީނުގައި ދެވިފައިވާ ދަރަޖަ އެނގި ހާމަވެގެން ދެއެވެ. ނަމަވެސް ހިތާމައާއި އެކު ދަންނަވަންޖެހެނީ، މަންމައާއި މެދު އިހާނެތިކޮށް ކަންތައްތައް ކުރަމުންދާ މީހުން މިދުނިޔޭގައި އުޅޭކަމެވެ. މިކުޑަކުޑަ ދިވެހިރާއްޖެއަށް އެކަނި ބަލައިލި ކަމުގައިވިޔަސް، މިކަން ހާމަވެގެން ދެއެވެ. ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި ޝާއިޢު ކޮށްފައިވާ ލިޔުންތަށް ކިޔާލުމުންވެސް އަޅުގަނޑު މިބުނި ވާހަކައިގެ ތެދުކަން ތިބާއަށް އިޙްޞާސް ކުރެވޭނެ އެވެ. މިކަމުގެ އެއް ހެއްކަކީ، ކޮވިޑް ފެސިލިޓީ ތަކުގައި އެޑްމިޓް ކޮށްފައިވާ މުސްކުޅި މައިންބަފައިންނާއި ދޭތެރޭ އެމީހުންގެ ދަރިން ކަންތަށް ކުރަމުން އަންނަ ގޮތެވެ.

މަންމައަށް ބޭނުންވާނޭ ތަކެތި ހޯދުމަށްޓަކައި ކޮވިޑް ފެސިލިޓީއިން ގުޅުމުން ތިބާ އަށް އެންމެ ކުޑަމިނުން އެފޯނު ކޯލަށް ޖަވާބެއް ދެވުނުހެއްޔެވެ؟ އަދި ތިބާ އެ މައިމީހާ އެތަނަށް ލުމަށްފަހު އެމައިމީހާ ދިރިހުރިތޯ ނުވަތަ މަރުވިތޯވެސް ބަލައިލިން ހެއްޔެވެ؟ މިހާ ރަޙުމު ކުޑަކޮށް ތިބާ އެމީހުންނާއި ދޭތެރޭ ކަންތަށް ކުރިއިރު ޒައްރެއްގެ މިންވަރަށްވެސް ހިތުގައި ރަޙުމާއި ޙަމްދަރުދީ ނެތީހެއްޔެވެ؟ އެތާގައި އެ މައިމީހާ އެކަނިމާ އެކަނި  އޮންނަ އިރު ހާދަ ވިސްނުމެއް ވިސްނާނެއެވެ. ހާދަހާ ހިތުގައި ޖެހޭނެއެވެ.ހާދަ ކަރުނައެއް އަޅާނެއެވެ. އެމައިމީހާ ތިބާ މަތިން ހާދަ ހަނދާން ކުރާނެއެވެ.ތިބާ ކުޑައިރު އެމަންމަ އަށް ގޮވާލި ކޮންމެ ފަހަރަކު އެމައިމީހާ ތިބާގެ ގޮވުންތަކަށް އިޖާބަ ދިނެއްނޫންހެއްޔެވެ؟  ވީއިރު، އެމަންމައަށް އެންމެ ބޮޑަށް އަޅާލަންވީ ދުވަހު ތިބާ އެމަންމަގެ ކަންކަމަށް ބީރު ކަންފަތެއް ތިދިނީ ކީއްވެ ހެއްޔެވެ؟ ވިސްނާލަބަލާށެވެ. ތިބާ ކުޑަކުއްޖެއްކަމުގައިވީ ދުވަހު، އެމަންމަ ތިބާ އަށް ނުކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟ ތިބާއަށް މަދުވީ ކޮން އެއްޗެއް ހެއްޔެވެ؟ ތިބާ އަށް ހޯދައި ނުދެވި އޮތީ ކޮން އުފަލެއް ހެއްޔެވެ؟ ތިބާގެ އެއްވެސް ކަމެއްގައި އެމައިމީހާ ފަރުވާ ކުޑަކުރި ހެއްޔެވެ؟ ވީއިރު ތިބާ، މިއަދު އެމައިމީހާއާ މެދު ތިގޮތަށް ކަންތަށް ތިކުރަނީ ކީއްވެ ހެއްޔެވެ؟

ކީރިތި ޤުރުއާނުގެ އަލްއިސްރާ ސޫރަތުގެ 23 އަދި 24 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

”އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްނުބުނާށެވެ”. ޙަޤީޤަތަކީ،އެމައިމީހާއަށް އެންމެ ކުޑަމިނުން “އުއްފު” އޭވެސް ބުނުމުގެ ޙައްޤު ތިބާއަށް ލިބިގެން ނުވާ ކަމެވެ. ވީއިރު، އެމައިމީހާއަށް އިހާނެތިކޮށް ތިހަދަނީ ކީއްވެހެއްޔެވެ؟

ވީމާ، ތިބާ، ތިބާގެ މަންމައާއި މެދު ހެޔޮކޮށް ހިތާށެވެ. ސުވަރުގެ ވަނީ އެމައިމީހާގެ ފައިތިލަ ދަށުގައެވެ. އެ މަންމައަށް އޮގާތެރިވެ އަޅާލާ، ކިޔަމަންތެރި ވާށެވެ. ހަނދާން ކުރާށެވެ! ތިބާ ކިތަންމެ ބޮޑުވި ކަމުގައި ވިޔަސް ތިބާގެ މަންމައަކަށް ތިބާ ދުވަހަކުވެސް ބޮޑެއްނުވާނެ އެވެ. އެމައިމީހާ ތިބާއަށްޓަކައި އެއުފުލި ވޭން، އެއުފުލި ބުރައިގެ އަގު، ތިބާއަށް ދުވަހަކުވެސް އަދައެއް ނުކުރެވޭނެ އެވެ. އެހެންކަމުން، ތިބާގެ ނިކަމެތި ކަމުގެ ފިޔަގަނޑު މަންމައަށްޓަކައި ތިރިކޮށްލާށެވެ. ލޯތްބާއި އެކުގައެވެ. އޯގާތެރި ކަމާއި އެކުގައެވެ.އަދި އެމަންމައަށްޓަކައި ﷲއަށް ޝުކުރުވެރިވެ ވަޤުތު ފާއިތުވުމުގެ ކުރިން ތައުބާވާށެވެ. މަންމަގެ ކިބައިން މާފަށް އެދޭށެވެ. ވޭތުވެދިޔަ ދުވަސްތަށް ހަނދާންނެތިދާ ވަރަށް އެމަންމައަށް އަޅާލާ ލޯބިދޭށެވެ. މަންމައާއި އެކު ވަޤުތު ހޭދަކުރާށެވެ. މަންމަގެ ހިތް އުފަލުން ފުރާލަދޭށެވެ. އެ މަންމަގެ ނިތްކުރީގައި ބޮސްދޭށެވެ. އަދި ބުނާށެވެ. “މަންމަ ދެކެ ވަރަށް ލޯބިވެއެވެ. އަދި މަންމައަށް ޓަކައި އަބަދުވެސް ހެޔޮ ދުޢާ ކުރާނަމެވެ.” ކާމިޔާބީގައި ވެސް އަދި ނާކާމިޔާބީގައިވެސް މެއެވެ.

وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا (الإسراء ٢٤)

“އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ!”

އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close