ޚަބަރު

މުނާސަބާ ފާހަގަ ކުރުމާއި ގުޅޭގޮތުން އުނގޫފާރުގެ މުވައްސަސާ ތަކާއި ކުލަބް ޖަމާއަތްތައް އެކުގައި މަޝްވަރާ ކޮށްފި

ދީނީ އަދި ޤައުމީ އެކިއެކި މުނާސަބާތަކާއި ދުވަސް ތައް ރަށު ފެންވަރުގައި ފާހަގަ ކުރުމާއި ގުޅޭގޮތުން އުނގޫފާރުގައި ހުރި ދައުލަތާއި ސަރުކާރުގެ މުވައްސަސާތަކާއި ކުލަބް ޖަމާއަތްތައާއެކު މަޝްވަރާ ކޮށްފިއެވެ. ރ އަތޮޅު ކައުންސިލުން އިންތިޒާމުކުރި މިބައްދަލުވުން އޮތީ މިއަދު ހެނދުނު 11 ޖެހިއިރު ރ އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމްގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރ އަތޮޅު ރައީސް ވިދާޅުވީ މި ބައްދަލުވުމުގެ ބޭނުމަކީ ދީނީ، ޤައުމީ އަދި ތަފާތު އެކި މުނާސަބާ ފާހަގަ ކުރުމުގައި ރަށުގައިހުރި ހުރިހައި މުވައްސަސާތަކާއި ކުލަބް ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން މަސައްކަތް ކުރުމާއި އަދި މިފަދަ ކަންކަން، ހަރަކާތް ހިންގާއިރު ކުރިއަށް ގެންދެވިދާނެ ގޮތްތަކަކާއި ގުޅޭގޮތުން ޖަމާއަތްތަކާއި މުވައްސަސާ ތަކުގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމަށެވެ. އަދި އަޅުގަނޑުމެންގެ ވީދިފައިވާ އިޖުތިމާއީ ފޭރާން އާކުރުމަށާއި ރައްޔިތުންނާއި އަޅުގަނޑުމެންގެ ޅަދަރިންގެ ހިތްތަކުގައި މިފަދަ މުނާސަބަތު ތަކުގެ ތެރެއިން ދީނީ އަދި ޤައުމީރޫހު އާލާކޮށް ދިރުވުމަށް މަސައްކަތްކުރުން ކަމަށެވެ.

މި ބައްދަލު ވުމުގެ ބައިވެރިންވަނީ އަތޮޅު ރައީސްގެ މި އިސްނެންގެވުމަށް ޝުކުރުއަދާ ކޮށް އެފަރާތްތަކުގެ ވިސްނުން މިކަމުގައި ހިއްސާކޮށްފައެވެ. އެގޮތުން ހުރިހައި ފަރާތްތަކަކުންވެސް މިކަމުގައި ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުމާއި އެހީތެރިކަން ދޭނެކަމުގެ ފުރިހަމަ ޔަޤީންކަންވަނީ ދީފައެވެ. މީގެ އިތުރުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހީމް ޒަޔާން ދެއްކެވި ވާހަކަފުޅު ފާހަގަކޮށް އެގޮތަައް ކުރިއަށް ދިއުން ރަނގަޅު ކަމަށް ފެންނަ ކަމުގައި ބައިވެރިން ފާހަގަ ކުރިއެވެ. އަދި ރ އަތޮޅުގެ ފެންވަރުގައި ބައެއް ދުވަސްތައް ފާހަގަކުރުމާއި ގުޅޭގޮތުންވެސް ބައިވެރިން ވާހަކަ ދެއްކިއެވެ.

ޒަޔާންގެ ވާހަކަފުޅުގައި ދުވަސް ތަކާއި މުނާސަބާ ފާހަގަ ކުރާއިރު މުޅިއަހަރު ދުވަހަށް ބަހާލައިގެން މުހިއްމު ދުވަސްތަކެއް ކަނޑައަޅައި އެދުވަސްތައް ފާހަގަ ކުރުމަށް ހިންގޭ ހަރަކާތްތައް މިހާރުގެ ހާލަތައްބަލައި އިންތިޒާމު ކުރުން ރަނގަޅު ކަމުގައި ފާހަގަ ކުރިއެވެ. އެގޮތުން ހަމައެކަނި ދިދަނެގުމާއި ކުލަބޮކި ދިއްލުމާއި ޖަލްސާ ބޭއްވުމުގެ ބަދަލުގައި ޓާގެޓް ގުރޫޕަށް އެންމެ އެކަށީގެންވާ ގޮތްތަކަކީ ކޮބައިތޯ ބަލައި އެފަދަ ގޮތްތައް ބޭނުން ކުރުން މުހިއްމު ކަމުގައި ފާހަގަ ކުރެއްވިއެވެ.

މިކަމާއި ގުޅޭގޮތުން މިއަށްވުރެވެސް ފުޅާކޮށް މަޝްވަރާކުރުމަށް އިތުރު ބައްދަލުވުންތައް ބޭއްވުން މުހިއްމުކަމަށް ނިންމައި މިއަދުގެ ބައްދަލުވުން ނިންމާލީއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close