ޚަބަރުކުޅިވަރު

އާރުބީޖީ ސްޕޯރޓްސް ކްލަބުގެ އަންހެން ވޮލީ ޓީމް މާލޭގައި އެކުވެރިކަމުގެ ވޮލީ މެޗް ތަކެށް ކުޅެފި

އއ.ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކްލަބުން އެކުލަބު އަންހެން ވޮލީ ޓީމް 17 ސެޕްޓެމްބަރު 2021 ވީ ހުކުރުދުވަހު މާލޭގައި އެކުވެރިކަމުގެ 2 ވޮލީމެޗެށް ކުޅެފި އެވެ. އެކުލަބުން މައުލޫމާތު ދެމުން ކުލަބުގެ ރައީސް ވިދާޅުވީ ރަށުގައި ދެ ހަފްތާގެ ވޮލީ ޓްރެއިނިންގް ކޭމްޕް އެއް ކުރިއަށް ގެންދަމުން އިތުރު ތަޖްރިބާ ހޯދުމުގެ މަގްސަދުގައި ރަނގަޅު މެޗްތަކަށް ކުޅުމަށް ނިންމާފައިވާއި ވުމާއި އެކު މާލެ ގޮސް މެޗްތަކެށް ކުޅުނީކަމަށެވެ. ރައީސް ވިދާޅުވީ ހުކުރު ދުވަހު ހަވީރު ކުޅުނީ މޯލްޑިވްސް ނެސަނަލް ޔުނިވާސިޓީގެ އަންހެން ޓީމަކާއި އެކު ކަމަށާއި، މީ ބޮޑުފޮޅުދޫގެ އަންހެން ޓީމެއް މާލެ ގޮސް ކުޅުނު ފުރަތަމަ މެޗްކަމަށާއި އަދި އިންޑޯ ކޯޓެއްގައި ކުޅުނު ފުރަތަ ފަހަރު ކަމަށެވެ.

އާރުބީޖީ އާއި އެމް އެން ޔޫ ޓީމް ބައްދަލު ކުރި މެޗަކީ ކުލަބުގެ އަންހެން ޓީމް އަށް ލިބުނު ކުރިއެރުމެއް ކަމަށާއި އިތުރު ތަޖްރިބާތަކެއް ލިބި ރަނގަޅު ކުރަންޖެހޭ ގިނަކަން ކަން ހުރިކަން ޓީމް ކުޅުންތެރިންނަށް އެނގިގެން ދިޔަ މެޗެއް ކަމަށެވެ. މި މެޗް އެދުވަހުގެ 15:30 ގައި އެމް އެން ޔޫ އިންޑޯ ކޯޓުގައި ކުޅެވިގެން ދިޔައިރު 3-1 ސެޓުން ކާމިޔާބު ކުރީ އެމް އެން ޔޫ ޓީމެވެ. އެމް އެން ޔޫ ޓީމްގެ ކޯޗް ސޮފްވާން ކޯޗާއި ހަވާލާދީ އާރުބީޖީއިން ބުނެފައިވަނީ ނެސަނަލް ޓީމްގައި ހިމެނޭ ބައެއް ކުޅުންތެރިން މިމެޗްގައި ކުޅެފައިވާ ކަމަށެވެ. ވާދަވެރި ކޮށް ސެޓްތައް ނިމިގެން ގޮސްފައިވާއިރު މާލޭގައި ދިރިއުޅޭ އެކުލަބުގެ ގިނަ މެމްބަރުންތަކެއްގެ އިތުރުން ރަށުގެ ގިނަބަޔަކު މެޗްބެލުމަށް ގޮސްފައި ވެއެވެ. ކުލަބުގެ ރައީސް ނަސީމް ވިދާޅުވީ މި މެޗަކީ ސޮފްވާން ކޯޗްގެ ދައުވަތަށް ކުޅެވިގެން ދިޔަ މެޗެށް ކަމަށެވެ.

އާރު ބީޖީ ޓީމްގެ ކޯޗް އާމިރު އިބްރާހިމް އާއި ހަވާލާދީ ނަސީމް ވިދާޅުވީ މެޗުގައި ކުޅުންތެރިންގެ ކުޅުން ރަނގަޅު ކަމަށާއި ވަރުގަދަ ފިޒިކަލް ޓްރެއިނިންގ ތަކެށް ކުރަމުން ކުޅުންތެރިން ރެސްޓް އަކާއި ނުލާ ކުޅެން ޖެހުމުން ވަރުބަލިކަން ޓީމްއިން ފެނިގެން ދިޔަކަމަށާއި އެހެން ނަމަވެސް މިވަރުގެ ޓީމްއެއް އަތުން ސެޓްތަކުގެ ނަތީޖާއަށް ބަލާއިރު ޓީމުގެ ކުޅުމާއި ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށާއި ކުރިމަގު އުޖާލާކޮށް އޮތްކަން ކޯޗް ފާހަގަކޮށްފައިވެއެވެ.

އެމް އެން ޔޫ މެޗަށް ފަހު އެރޭގެ 21:00 ގައި ހުޅުމާލޭ ގައި ވެސް މި ޓީމް ވަނީ ވޮލީ މެޗެށް ކުޅެފައެވެ. ހުޅުމާލޭ އެޗް ޑީސީ ޕާރކް ވޮލީކޯޓްގައި ކުޅުނު މިމެޗް ގައި ބައްދަލު ކުރީ ހުޅުމާލެ ޕާރކް ވުމަންސް ނަމަކަށް ކިޔާ ވޮލީ ޓީމް އަކާ އެކު އެވެ.މި މެޗްވެސް ފޯރިގަދަ ކުޅުމަކަށްފަހު 3-1 ސެޓުން ޕާރކް ވުމަންސް ޓީމްއިން ވަނީ ކާމިޔާބު ކޮށްފައެވެ. އާރުބީޖީގެ ރައީސް ނަސީމް ވިދާޅުވީ ކުލަބުގެ އަންހެން ޓީމްތައް ކުޅިވަރު މެޗްތައް ކުޅެމުން އަންނަ އިރު ގިނަ އަދަދެއްގެ މެޗްތަކެށް ކުޅެވިއްޖެ ކަމަށާއި މީ ފުރަތަމަ ފަހަރަށް ނާކާމިޔާބު ވި ދެ މެޗްކަމަށެވެ. ނަސީމް ވިދާޅުވީ ކުލަބުގެ އަމާޒަކީ ރަނގަޅު މުބާރާތެއްގައި މި ޓީމްތައް ކުޅެވޭނެ ފެންވަރަކަށް ޓީމް ތައްޔާރު ކުރުން ކަމަށެވެ.އަދި ކުލަބުގެ ފިރިހެން،އަންހެން ޓީމްތަކަށް ބޭނުންވާ ޓްރެއިނިންގް ރާއްޖޭގެ ތަޖްރިބާކާރު މޮޅު ކޯޗުން ގެނެސްގެން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close