ޚަބަރުކުޅިވަރު

ރެވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނަރޭސަން ސްޕޯރޓްސް ކުލަބުން ހިންގި އެރަށުކައުންސިލްގެ “ލެގޫންވިއު ރަށުފޯރި ޕާރކް ވޮލީ މުބާރާތް” ނިންމާލައިފި

އއ. ބޮޑުފޮޅުދޫ ކައުންސިލްއިން ޕާރކް ވޮލީ މުބާރާތް ހިންގާދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގެ ދަށުން އާރުބީޖީ ސްޕޯރޓްސްް ކުލަބުން “ލެގޫންވިއު ރަށުފޯރި ޕާރކް ވޮލީ މުބާރާތް” ހިންގުމާއި ހަވާލުވެ ކާމިޔާބު ކަމާއިއެކު އެމުބާރާތް ނިންމާލާފިއެވެ.

ލެގޫންވިއު ރަށު ފޯރި ޕާރކް ވޮލީ މުބާރާތަކީ އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރަސްމީ 100 ދުވަސް ތެރޭ 2 ޖިންސްގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކުޅިވަރު ހަަރަކާތްތަކުގެ ތެރެއިން ބޭއްވިގެންދިޔަ މުބާރާތެކެވެ. ސެޕްޓެމްބަރ 24 ވަނަ ދުވަހު ފެށި މި މުބާރާތުގައި ފިރިހެން 4 ޓީމާއި އަންހެން 4 ޓީމްވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގައި ޓީމްތަކުގެ ކުޅުންތެރިންގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ މެޗްތަކެށް ކުޅެވިގެން ދިޔަކަމަށް މި މުބާރާތް ހިންގި އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް ވިދާޅުވިއެވެ. މި މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން “ވައިނޮޅި” ޓީމް ހޯދާފައިވާއިރު ރަނަރއަޕް ޓީމަކަށް ގޮސްފައިވަނީ “ވެލްނޯންސް” ޓިމެވެ.

ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު ފިރިހެން ފައިނަލް މެޗް ކުޅެވިގެން ދިޔައިރު 3- 1 ސެޓުން މެޗް ކާމިޔާބުކުރީ ވައިނޮޅި އެވެ. ފައިނަލް މެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމް ލިބިފައިވަނީ ވައިނޮޅި ޓީމްގެ ޖޯޒީ ނަންބަރ 11 ހަސަން ނާފިއު (ނާއްޕެ) އަށެވެ.

މި މުބާރާތުގެ އަންހެން ފައިނަލް މެޗް ކުޅެފައިވަނީ އޮކްޓޫބަރ 3 ވަނަ ދުވަހުއެވެ. މެޗްގައި ބައްދަލު ކުރީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސީދާ ފައިނަލްއަށް ދަތުރުކުރި “ސިއްސުވާލި” ޓީމާއި ސެމީފައިނަލް މެޗްގައި “ކަނބުލޮ” ޓީމާއި ބައްދަލުކޮށް މޮޅުވި “މަރިޔާދު” ޓީމެވެ.

މިމެޗަކީވެސް ވާދަވެރި އަދި އެހާމެ ފޯރިގަދަކޮށް ކުޅެވިގެންދިޔަ މެޗެއްކަމަށް އާރުބީޖީސކ އިންވަނީ މައުލޫމާތު ދީފައެެވެ. މިމެޗްގެ ފުރަތަމަ ސެޓް ކާމިޔާބުކުރީ ސިއްސުވާލި ޓީމުންނެވެ. ނަމަވެސް 2 ވަނަ ސެޓް ކުޅުން ރަގަޅުކޮށް މަރިޔާދުން ވަނީ 1-1 ސެޓުން އެއްވަރު ކޮށްފައެވެ. މެޗް ނިމިގެންދިޔައީ 3-1 ސެޓުން ސިއްސުވާލީ މެޗް ކާމިޔާބުކޮށް މުބާރާތުގެ ފަހްރުވެރި ޗެންޕިއަންކަން ހޯދާއިގެންނެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބުން ވިދާޅުވީ މި މުބާރާތުން އަންހެން އައު ކުޅުންތެރިން ފެނިގެން ދިޔަކަމަށާއި، ހުނަރުގެ ގޮތުން މިހާރުވެސް ކުޅެމުންގެންދާ ކުޅުންތެރިންނާއި ވާދަކޮށްލެވޭނޭ ކުޅުންތެރިން މެޗުތަކުގައި ފެނިގެން ދިޔަކަމަށެވެ. އަދި ބޭނުންވަނީ ކުޑަ ހިތްވަރަކާއި ރަނގަޅު ކޯޗެއްގެ އިރުޝާދައިއެކު ޓްރެއިނިން ވުންކަމަށެވެ.

އއ. ބޮޑުފޮޅުދޫ ކައުންސިލް އިން އިންތިޒާމުކޮށް އާރުބީޖީ ސްޕޯރޓްސް ކުލަބުން ހިންގި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ނިކައައިލަންޑް ރިޒޯޓްގެ ރެސިޑެންސް މެނޭޖަރ މުހައްމަދު ސައީދް ވަނީ ބައިވެރިވެ ފައިނަލްމެޗް ފައްޓަވާދެއްވުމުގެ ގޮތުން 2 ޓީމްގެ ކުޅުންތެރިންނާއި ސަލާމް ކުރައްވާފައެވެ. އެބޭފުޅާގެ އަރިހުގައި ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމްވެސް ބައިވެރިވެލެއްވިއެވެ. އޭގެ އިތުރުން މި ރަސްމިއްޔާތުގައި މި މުބާރާތުގެ ސްޕޮންސަރުން ވަނީ ބައިވެރިވެފައެވެ.

މުބާރާތުގެ މެއިންސްޕޮންސަރ ލެގޫންވިއު ގެސްޓް ހައުސްގެ ފަރާތުން ގެސްޓްހައުސްގެ ވެރިޔާ އަހްމަދު ނަސީމް ބައިވެރިވެފައިވާއިރު ކޯ-ސްޕޮންސަރުންގެ ގޮތުގައި ލެޝައިން ގެސްޓްހައުސް، ހޮލިޑޭ ވިލެޖް ރިޓްރީޓް، ކޮކޯބީޗްއިން ގެ އިތުރުން ޝައިން ގޭޓްގެ ފަރާތުންވެސް މިރަސްމިއްޔާތުގައި ބައިވެރި ވެފައިވެއެެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް ވިދާޅުވީ މުބާރާތް އެހާ ކާމިޔާބު ކަމާއިއެކު ނިންމާލެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަމަށާއި އެކަމަށްޓަކައި ކުލަބުގެ ނަމުގަައި، މުބާރާތުގައި ޖަޖުންގެ ގޮތުގައާއި ރެފްރީންގެ ގޮތުގައި ހަރަކާތްތެރި ވެދެއްވި ބޭފުޅުންނަށް ޝުކުރުއަދާކުރަށްވާ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން އާރުބީޖީ ސްޕޯރްސް ކުލަބގެ ރައީސް ވިދާޅުވީ މުބާރާތް ނިމުމާއިއެކު ކުލަބުގެ ޕްލޭން އާއި އެއްގޮތަށް ހަރަކާތްތަށް ފަށާނެކަމަށާއި ކުލަބުން ފެށި ވޮލީ ޓްރެއިނިންގް ކޭމްޕް ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު މޯލްޑިވްސް ވޮލީބޯލް ވެޓަރެންސްގެ އެހީތެރިކަމާއިއެކު ރިޝްވާން (ރިއްޗަޅޭ ކޯޗް) ގެނެސް ޓްރެއިނިން ފަށާފައިވާކަމަށެވެ. އަދި މި ޓްރެއިނިންގް ކުރިއަށްގެންދަމުން ވޮލީމެޗްތަކެށް ކުޅުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެގޮތުން މާލޭއިން އަންހެން ވޮލީޓީމެއް އޮކްޓޫބަރ 15 ވަނަ ދުވަހު އަންނަ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ކުލަބަށް އެކިއެކި ގޮތްގޮތުން ވަރަށް ބޮޑެތި ކުރިއެރުންތަކެށް ލިބިއްޖެ ކަމަށާއި މީ މިކުލަބުގެ މެމްބަރުން ކުރަމުން އަންނަ އިހްލާސްތެރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެެވެ. ނަސީމް ވިދާޅުވީ އެކުލަބުގެ ފުރަތަމަ އަހަރީޖަލްސާގައި އއ.ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް އިއުލާންކުރެއްވި އެންމެ ހަރަކާތްތެރި ކުލަބުގެ އެވޯޑް ހާސިލް ކުރުމަކީ އެޖަލްސާއަށް ފަހު އެންމެ ބޮޑު އެއް އަޒުމަކަށްވީ ކަމެއްކަމަށެވެ.

ރަށުގެ ކުލަބުތަކުގެ ހަރަކާތްތަކަށް މިނެކިރާލާނަމަ މިއަދު އެ އެވޯޑް ހާސިލްކުރެވިއްޖެ ކަމުގެ އުފާވެރި އިހްސާސް އާރުބީޖީ ސްޕޯރޓްސް ކުލަބުގެ މެމްބަރުންނަށް ލިބިގެން ގޮސްފިކަމަށް ރައީސް ވިދާޅުވިއެވެ. ދެން އިންތިޒާރު ކުރަމުން މިގެންދަނީ އެވޯރޑް އަތުކޮޅަށް ހިތްލާލާ ކުލަބުގެ މެމްބަރުން ހިނިތުން ކޮށްލެވޭނެ ވަގުތަކަށް ކަމަށް އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ސެކެރެޓަރީ މުސްތަފާ އަހުމަދާއި ރައީސް އިބްރާހިމް ނަސީމް ވިދާޅުވިއެވެ.

ލެގޫންވިއުރަށުފޯރި ޕާރކްވޮލީ މުބާރާތުގެ  ފިރިހެން އެންމެމޮޅު 4 ކުލުންތެރިން

 

  1. ހަސަންސާމިލް ( ވެލް-ނޯންސް)
  2. އަހުމަދު އަބްދުލްޤައްޔޫމް ( ވާނޮޅި)
  3. މުހައްމަދު ޒަމީރު ( ވާނޮޅި )
  4. އަބްދުﷲ ރިފާޒް ( ވެލް-ނޯންސް)

 

މުޅިމުބާރާތުން ފިރިހެން އެންމެމޮޅު ކުޅުންތެރިޔާ.

  1. ހަސަން ނާފިއު ( ވާނޮޅި )

ލެގޫންވިއުރަށުފޯރި ޕާރކްވޮލީ މުބާރާތުގެ  އަންހެން އެންމެމޮޅު 4 ކުލުންތެރިން

 

  1. އައިޝަތު ސަބާނާ ( މަރިޔާދު )
  2. ނަސްރީނާ މުހައްމަދު ( މަރިޔާދު )
  3. އަފްރާ މޫސާ ( ސިއްސުވާލި )
  4. ޒަމީރާ އިސްމާއިލް ( ކަނބުލޮ )

މުޅިމުބާރާތުން އަންހެން އެންމެމޮޅު ކުޅުންތެރިޔާ.

  1. އައިޝަތު ވިރާސާ ( ސިއްސުވާލި )

 

މުބާރާތުގެ އެންމެ މޮޅު ކޯޗް ފިރިހެން ގްރޫޕް.

ނަސީމް އަބްދުﷲ ( ވާނޮޅި)

 

މުބާރާތުގެ އެންމެ މޮޅު ކޯޗް އަންހެން ގްރޫޕް.

ހަނީފް މޫސާ ( ސިއްސުވާލީ )

 

މުބާރާތުގެ އުންމީދީ ކުޅުންތެރިޔާ އަންހެން

އައިމިނަތު ރައިހާނާ( ރަށްކަލޯ )

 

މުބާރާތުގެ އުންމީދީ ކުޅުންތެރިޔާ ފިރިހެން

މޫސާ ރަޒީލް ( ބްލެކް ކެނަރީ )

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close