ޚަބަރު

އޭޓީއެމްތަކުން މާދަމާއިން ފެށިގެން ލިބޭނީ އާ ނޫޓު!

މިނިވަން 50 ހާއި ގުޅުވައިގެން ނެރުމަށް ހަމަޖެހިފައިވާ ދިވެހި ފައިސާގެ އާ ނޫޓު މާދަމާ ރަސްމީކޮށް ނެރެދެއްވާނީ ރައީސް އަބްދުﷲ ޔާމީން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފި އެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބުނީ އާ ނޫޓު ރަސްމީކޮށް ނެރެމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 9:30 ގައި ރައީސް އޮފީހުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.

އެމްއެމްއޭ އިން ބުނީ “ރަން ދިހަ ފަހެއް”ގެ ނަމުގައި ނެރޭ އާ ނޫޓު އާއްމުންނަށް ވެސް މާދަމާއިން ފެށިގެން ބޭންކުތަކުގެ އޭޓީއެމްތަކުން ލިބެން ފަށާނެ ކަމަށެވެ. އޭޓީއެމްތަކުން އާ ނޫޓު ލިބެން ފަށާނީ މާދަމާ މެންދުރު ފަހު 2:00ގައި، އައިޖީއެމްއެޗްގައި އަލަށް ހަދާ ބީއެމްއެލް ސެލްފް ސާވިސް ކިއޮސްކްގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ ގަވަރުނަރު ޑރ. އަޒީމާ އާދަމް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

 

ރުފިޔާ ސީރީޒް ފަރުމާކުރި އަބްދުﷲ ނަޝާތު ބ، ކެންދޫ
ރުފިޔާ ސީރީޒް ފަރުމާކުރި އަބްދުﷲ ނަޝާތު ބ، ކެންދޫ

އެމްއެމްއޭއިން ބުނީ މާލޭގެ ހުރިހާ ބޭންކުތަކާއި ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުށީގައި ހުންނަ ބީއެމްއެލްގެ އޭޓީއެމްތަކުންވެސް މާދަމައިން ފެށިގެން އައު ނޫޓް ލިބޭނެ ކަމަށެވެ. މީގެއިތުރުން އައްޑޫ ސިޓީއާއި ގދ. ތިނަދޫގައި ހުންނަ އިސްލާމިކް ބޭންކުގެ ގޮފިންވެސް އައު ނޫޓު ލިބޭނެ ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.

 

މިދިޔަ ނޮވެމްބަރ މަހުގެ 1ވަނަ ދުވަހު “ރަންދިހަ ފަހެއް”ގެ ނަމުގައި ނެރުނު އައު ނޫޓް ސީރީޒްއަކީ ފުރަތަމަ ފަހަރަށް ޕޮލިމާގައި ޗާޕުކޮށްގެން ނެރުނު ދިވެހި ފައިސާއެވެ. އެމްއެމްއޭއިން ބުނީ މިހާރު ބޭނުންކުރާ ނޫޓު މި އަހަރުގެ މެއި މަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށާއި، ފަސް އަހަރު ވަންދެން އެނޫޓްތަކަށް ބަދަލު ލިބޭނެ ކަމަށެވެ. މާދަމާ ނެރެން ހަމަޖެހިފައިވާ “ރަން ދިހަ ފަހެއް” ސީރީޒްގައި 500، 100، 50، 20 އަދި 10 ރުފިޔާގެ އިތުރުން 1،000 ރުފިޔާނެ ނޫޓު ވެސް ހިމެނޭނެ އެވެ.
އާ ނޫޓު ނެރުމަށްފަހު އެންމެ ފުރަތަމަ މުއާމަލާތް ކުރުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު ދަތުރުވެރިންގެ މާރުކޭޓުގަ އެވެ. އެ ދުވަހު ހެނދުނު 10:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތުގައި ގަވަރުނަރު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close