ސިއްޙަތު

ޖައްވުގެ ތެރެއިން އާދަޔާ ޚިލާފު ފުސްކޮޅު ތަކެއް ފެނޭތަ؟

 

އައި ފުލޯޓާރސް އަކީ ކޮބާ؟

އައި ފުލޯޓަރސް ފެންނަ ގޮތް

މަތީގައިވާ ތަސްވީރަށް ނަޒަރު ހިންގާލައްވާށެވެ. އެތަސްވީރުން ވައިގެތެރެއަށް ބުރުވާލެވިފައިވާ ފުސްކޮޅު ތަކެއް ފަދަ އެއްޗެހިތަކެއް ފާހަގަ ކުރެވޭނެއެވެ. ތިޔައިން އެއްވެސް ބޭފުޅަކު ދުވާލުގެ ވަގުތު ހުޅުވިފައިވާ ނޫ އުޑަށް ބައްލަވާ ލައްވާއިރު ޖައްވުގެ ތެރެއިން މިފަދަ ފުސްކޮޅުތަކެއް ފެނޭ ހެެއްޔެވެ؟ މި ފުސްކޮޅުތަކަށް ލޯ އަމާޒު ކުރި ވަރަކަށް ލޮލުގެ ފެނުމާ ދުރަށް މިފުސްކޮޅުތައް ދަތުރު ކުރާހެން ހީވާނެވެ. މިއީ ވައިގެ ތެރޭގައި ވަޔާ އުދުހޭ އެއްޗެއް ނޫނެވެ. ނަމަވެސް ލޮލަށް ދިމާވާ މައްސަލަ އަކުން ފެންނަ އެއްޗެކެވެ. މިގޮތަށް ފެންނަ ފުސްކޮޅުތަކަށް ކިޔަނީ “އައި ފުލޯޓަރސް” އެވެ.

އައި ފުލޯޓާރސް އުފެދެނީ ކިހިނެއް ؟

ލޮލުގެ ކަޅީގެ ފަހަތުގައި ލޮލުގެ ގޮބޮޅި ފުރިފައި ވަނީ ސާފު އަލި ބިއްލޫރިފަދަ އެތެރެ ފެންނަ ޖެލް އަކުންނެވެ. މި ޖެލްއަށް އިނގިރޭސިބަހުގައި ކިޔާ ނަމަކީ “ވިޓްރިއަސް ޖެލް” އެވެ. ވިޓްރިއަސް ޖެލްއަކީ ސާފު “ޓްރާންސްޕޭރެންޓް” ޖެލްއެއް ކަމުން އެއްވެސް ހުރަހެއް ނެތި އޭގެތެރެއިން އަލި ދަތުރުކޮށް ލޮލުގެ ފަހަތުގައިވާ “ރެޓިނާ” އާއި ހަމައަށް ވާސިލްވެއެވެ. އިންސާނާ ދުޅަހެޔޮ ސިއްޙަތެއްގައި ދުނިޔެއަށް އުފަންވާއިރު މިޖެލްގައި އެއްވެސް ނުސާފުކަމެއް ކިލަނބުކަމެއް ނުވެއެވެ. ނަމަވެސް އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ލޮލަށް ގެލުން ލިބުވައިދޭ އެހެނިހެން ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ލޮލުގެ މި ޖެލްއަށް ގެލުން ލިބި ވިޓްރިއަސް ޖެލްގެ ތެރޭގައިވާ ޕްރޮޓީންތައް މަރުވާން ފަށައެވެ. މި ގޮތަށް މަރުވާ ޕްރޮޓީން ލޮލުގެ ވައިޓްރަސް ޖެލް ތެރޭގައި ކުނޑިކޮޅު ތަކެއްހެން ހަރުލާފައި ހުރެއެވެ. ލޮލުގެތެރެއިން އަލި ދަތުރުކުރާއިރު މި ކުނޑިކޮޅުތަކުގެ ހިޔަނި ލޮލުގެ ރެޓިނާއަށް އެޅެއެވެ. “އައި ފުލޯޓާރސް” ގެ ގޮތުގައި ވައިގެ ތެރެއިން މިފެންނަނީ މި ކުނޑިކޮޅުތަކުން ލޮލުގެ ރެޓިނާއަށް އެޅޭ ހިޔަންޏެވެ. ގިނަ މީހުންނަށް މިކަން ފާހަގަ ނުކުރެވިދާނެވެ. އެއީ އެމީހުންގެ ލޯ އެކަމަށް ހޭނިފައި ވާތީއެވެ. ނަމަވެސް ފަރުވާތެރި ކަމާއެކު ބަލައިފި ނަމަ މިކަން ވަރަށް ގިނަބަޔަކަށް ފާހަގަ ކުރެވޭނެވެ. އުމުރުން ދުވަސްވީ ވަރަކަށް ލޮލަށް އެކަށިގެންވާ ވަރަށް ފަރުވާތެރި ނުވެވިއްޖެ ނަމަ މި ފުސްކޮޅުތައް ގިނަވުމުގެ ސަބަބުން ލޮލުގެ ފެނުމަށް ހުރަސް އެޅޭ ގޮތް މެދުވެރިވެދާނެއެވެ.

flashes-floaters
ވިޓްރިއަސް ޖެލް އަދި އައި ފުލޯޓަރސް


އައި ފުލޯޓާސް ލޮލުން ފިލައިގެން ދާނެތަ؟

އައި ފުލޯޓާސް ލޮލުން ފިލުވާލަން އެކަމަށް ޙާއްސަ ވަކި ފަރުވާއެއް ނުވެއެވެ.  ނަމަވެސް ލޮލުގައި އުފެދޭ ގިނަވައްތަރުގެ އައި ފުލޯޓާރސް ގިނަ ދުވަސްވީ ވަރަކަށް މަދުވަމުން ލޮލުން ފިލާގެން ދެއެވެ. ލޮލުގެ މަސް ތަަކަށް އެކަމަށް އެކަށޭނަ ކަސްރަތެއް ދެވިއްޖެ ނަމަ އައި ފުލޯޓާރސް ލޮލުން ފިލައިގެން ދާލެއް އަވަސްވެއެވެ. ލޮލަށް ފަރުވާދޭން ކުރެވޭނެ ކަސްރަތަކީ ކޮބައިތޯ ބެލުމަށް ލޮލާބެހޭ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ. ސަބަބަކީ ލޮލަކީ ވަރަށް ނާޒުކު ގުނަވަނެއް ކަމުން ލޮލަށް ގެއްލުމެއް ދެވުމުން ރައްކާތެރި ވުމަށެވެ. އައި ފުލޯޓާސް ލޮލުގެ އެތެރޭގައި އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމުގެ ސަބަބުން ބައެއް ފަހަރަށް އޭގެ އަމިއްލަ ޒާތުގައި ލޮލުގެ ރެޓިނާއަށް އެލޭ ހިޔަނި އެއްފަރާތްވެ ލޯ ސާފުވެއެވެ. އަނެއްބައި ފަހަރަށް އައި ފުލޯޓާރސް އަށް ސިކުނޑި ހޭނި އައި ފުލޯޓާރސް ހުއްޓަސް އެކަން ފާހަގަ ނުކުރެވޭތަން އައިސް އެއިން ލިބޭ އުނދަގޫތަކުން ސަލާމަތްވެއެެވެ. ނަމަވެސް އުމުރުން ދުވަސްވެ ލޮލުގެ ބާރު ދައްވުމުގެ ސަބަބުން ލޮލަށް އަންނަ ބަދަލާއެކު އުފެދޭ އައި ފުލޯޓާރސް ސިއްޙީ ފަރުވާއާއި ނުލާ ފިލައިގެން ދިއުން ދުރެވެ.

އައި ފުލޯޓާރސް އަކީ ކިހާ ނުރައްކާތެރި އެއްޗެއް؟

floaters
އައި ފުލޯޓާރސް ފެންނަ ގޮތް ސިފަކޮށްދޭ ތަސްވީރެއް

 

އައި ފުލޯޓާރސްއަކީ އާންމު ގޮތެއްގައި އޭގެ ސަބަބުން އުނދަގޫ ތަކެއްކުރިމަތި ކުރުވާއެއްޗެއް ނަމަވެސް އެހާނުރައްކާތެރި އެއްޗެއް ނޫނެވެ. ގިނަ އައި ފުލޯޓާރސް އަކީ އުމުރަށް އަންނަ ބަދަލާއެކު އުފެދޭ އެއްޗެއް ނަމަވެސް ބައެއް ފަހަރަށް ލޮލުގެ ސީރިއަސް ބައްޔެއް، އިނފެކްސަނެއް، ޓިއުމަރެއްގެ ސަބަބުން ވެސް އައި ފުލޯޓާރސް އުފެދެއެވެ. ބައެއްފަހަރަށް އައި ފުލޯޓަރސް މައިގުރޭންގެ ސަބަބުން ވެސް އުފެދެއެވެ. އެހެންކަމުން އައި ފުލޯޓާރސް އަކީ ވެސް އަޅާނުލާ ދޫކޮށްލެވޭވަރު ކަމެއް ނޫނެވެ. އައި ފުލޯޓަރސް ދުވަސްވީ ވަރަކަށް ގިނަވާ ނަމަ އަދި އައި ފުލޯޓަރސް އާއި އެކު ގަދަ ވިދުވަރެއް ފަދަ އައްޔެއް ފެންނަ ނަމަ ވީ އެންމެ އަވަހަކަށް ސިއްޙީ ފަރުވާ ހޯދުން މުހިންމެވެ. އައި ފުލޯޓާރސް އާއި އެކު ލޮލުގައި ރިއްސުން އަދި ލޮލުގެ ސާޖަރީއަކަށް ފަހު އައި ފުލޯޓާރސް އުފެދުމަކީ އައި ފުލޯޓާރސް އާއި ގުޅިފައިވާ ސީރިއަސް އެހެން މައްސަލައެއްގެ އަލާމާތެކެވެ. މިފަދަ މައްސަލައެއް ދިވާވާނަމަ ލަސްނުކުރައްވާ ޑޮކްޓަރަށް ދެއްކެވުމަކީ ވަރަށް މުހިންމު ކަމެކެވެ.

 

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close