ކޮވިޑް-19

ރިޕޯޓްދިރިއުޅުން

ކޮޓަރީގެ ފާރުގައި ލާ ކުލައިން ވެސް ދިރިއުޅުމަށް އަސަރު ކުރުވާ!

އިންސާނާ ދިރިއުޅޭ މާހައުލުން ފެންނަން ހުންނަ ކުލަތަކުން އޭނާގެ ދިރިއުޅުމުގެ އާދަކާދައަށް ނަފުސާނީ ގޮތުން ބަދަލުގެނުވާ ކަމަށް ނަފުސާނީ ޢިލްމުވެރިން ހޯދާފައިވާ ހޯދުންތަކުން އިނގެއެވެ. އެއީ ދިރިއުޅޭ ގޯތިތެރެއާއި، ގެއާއި، ކޮޓަރިފަދަ ތަންތާގެ ފާރުތަކުގައި ލާފައި ހުންނަ ކުލަތަކާއި، ދިއްލާފައި ހުންނަ ބޮކިފަދަ އެއްޗެހީގެ ކުލަތަކުންވެސް މެއެވެ. ކުރީގެ ހަޞާރަތްތަކުގައި، އިންޑިއާ، ޗައިނާ އަދި މިސްރުގައި ބޭސް ފަރުވާއަށް ކުލަ ބޭނުން ކުރިކަން ތާރީޚީ ފަތްފުއްތަކުން އިނގެން އެބަހުއްޓެވެ. މީލާދީން 980 އާއި 1037 ވަނަ އަހަރާއި ދެމެދު އުޅުއްވި މުސްލިމު ފިލޯސަފަރު އަދި ބޭސްވެރިޔާ އިބްނު ސީނާ އޭނާގެ ފޮތް القانون في الطب ގައި ބޭސް ފަރުވާގައި ކުލަ އަދާކުރާ ދައުރު ބަޔާންކޮށްފައިވެއެވެ. މިގޮތަށް ކުލަ ބޭނުންކޮށްގެން ފަރުވާ ހޯދުމަށް ކިޔަނީ “ކުރޮމޯ ތިރަޕީ” ނުވަތަ “ކަލާ ތިރަޕީ” އެވެ. ފަހުގެ ތާރީޚު ތަކުގައި މިކަމަށް ވަރަށް ބައިވަރު ދިރާސާތަކެއް ކުރެވުނެވެ. އަދި އޭގެ ނަތީޖާ ތަކުން އިނގޭގޮތުގައި އިންސާނާގެ އުޅުމަށް ވަށައިގެން ފެންނަން ހުންނަ ކުލަތަކުން ބޮޑެތި ބަދަލުތަކެއް ގެނުވައެވެ. ކުލާސް ރޫމުގެ ފާރުތަކުގައި ލާފައި ހުންނަ ކުލައާއި ކާޕެޓްގެ ކުލަ ބަދަލުކުރުމުން ދަރިވަރުންގެ އުޅުމާއި ކިޔެވުމަށް ބަދަލުތަކެއް އަންނަކަން ދިރާސާތަކުން އިނގިގެން ދިޔައެވެ. އަދި ޖަލުތަކުގެ ގޮޅިތަކުގެ ކުލަވެސް އެތަނުގެ ތިބޭ ކުއްވެރިންނާ ގުޅޭ ގޮތަށް ބަދަލުކޮށްގެން އެ ކުއްވެރިންގެ ވިސްނުމަށް ބަދަލު އަންނަކަން ކުރެވުނު ދިރާސާތަކުން އިނގުނެވެ. މިގޮތުން މި ލިޔުމުގައި ބަލައިލާނީ ގެއާއި ކޮޓަރީގެ ފާރުގައި ލާ ބައެއް ކުލަތަކުގެ ސަބަބުން ނަފުސާނީގޮތުން ދިރިއުޅުމަށް އައިސްދާނެ ބަދަލުތައް ކަމުގައި ނަފުސާނީ ޢިލްމެވެރިން ވިދާޅުވާ ބައެއް ކަންކަމަށެވެ.
1) ރަތް ކުލަ
ރަތްކުލަ އަކީ ކޮޓަރިއަށް ދިރުން އިތުރުކޮށްދޭ ކުލައެއް ކަމުގައި ބުނެވެއެވެ. މިކުލައިގެ ސަބަބުން ހަށިގަނޑުގައި “އެޑްރީނެލައިން” ހޯމޯން އިތުރުކޮށްދީ އުފާވެރިކަމާއި “އޯވަރ އެކްސައިޓްމެންޓް” ގެނުވައިދެއެވެ. ސިޓިންގްރޫމާއި ކާގޭގައި ރަތް ކުލަ ލާފައި ހުންނަނަމަ ހީ ސަމާސާ ކުރުމާއި ސަކަރާތް ޖެހުމާއި މަޖާކުރުމުގެ ގޮތްގަނޑު ގޭތެރޭގައި ދިރިއުޅޭ މީހުންގެ މެދުގައި އަށަގަންނަވައެވެ. ރަތްކުލަ އަކީ އެންމެ ފަސޭހައިން ލޮލުގައި އަޅައިގަންނަ އެއް ކުލަ ކަމުން ގެއަށް ވަންނަ މެހެމާނުންނަށް ގޭގެ ރީތިކަން ވަރަށް ފަސޭހައިން ފާހަގަ ކުރެވެއެވެ. ރަތް ކުލައިގެ ސަބަބުން ހިތުގެ ވިންދާއި ނޭވާގެ ހިނގުން މާބޮޑަށް އަވަސްކޮށްދެއެވެ. މިހެން ވުމުގެ ސަބަބުން ލޭމައްޗަށް ދާ މީހުންނަށް ނުވަތަ ހިތުގެ ބައްޔެއް ހުންނަ މީހުންނަށް މި ކުލައަކީ އެހާ ގުޅޭ ކުލައެއް ނޫނެވެ.

red-room-color

2) ރީންދޫ ކުލަ
ރީންދޫ ކުލައިން އިރުގެ ރަން ދޯދި ތަކުން ގެނުވާ ފަދަ އުފާވެރިކަމެއް ގޭތެރެއަށް ގެނުވައެވެ. ރީންދޫ ކުލަ އެންމެ ރަނގަޅީ ބަދިގެއާއި، ކާގެއާއި އަދި ފާހާނާ ތަކުގައި ލުމަށެވެ. ރީންދޫ ކުލައަކީ އުފާވެރި ކުލައެއް ނަމަވެސް ކޮޓަރީގައި ލުމަށް ރީންދޫ ކުލައަކީ އެހާ ރަނގަޅު ކުލައެއް ނޫންކަމަށް ބައެއް ދިރާސާ ތަކުން ދައްކައެވެ. ދިރާސާ ތަކުން ދައްކާގޮތުގައި މުޅި ކޮޓަރިތެރެ ރީންދޫ ކުލާގައި ހުންނަ ނަމަ އެތަނެއްގައި މީހުން ކެއްތެރިކަން ކުޑަވެ ރުޅިގަދަވެ ރުޅި ކޮންޓްރޯލުން ނެއްޓުން ފަދަ ކަންކަން ވުމަކީ ވަރަށް ގާތް ކަމެކެވެ. މީގެ އިތުރުން ރީންދޫ ކުލައިގެ ކޮޓަރީގައި އެހެން ކުލަތަކުގެ ކޮޓަރި ތަކަށްވުރެ ބޮޑަށް ކުޑަކުދިން ރޯކަން ފާހަގަ ކުރެވެއެވެ. ރީންދޫ ކުލައަކީ އެކުލަ ބޭނުން ކުރަން ޖެހޭ ވަރަށް ވުރެ ގިނައިން ބޭނުން ކުރާނަމަ ކެއްތެރިކަން ކުޑަވުމާއި ރުޅުވެރިކަން އުފައްދާ ކުލައެއް ނަމަވެސް ކްރޮމޯތިރަޕީގައި ރީނދޫ ކުލަ އަކީ ނާރުތަކަށް ދިރުން ގެނެސްދޭ ހަށިގަނޑު ތާޒާ ކޮށްދިނުމަށް ބޭނުން ކުރާ ކުލައެކެވެ.

yellow-room-color

3) ނޫ ކުލަ
ނޫ ކުލައަކީ ލޭގެ ޕްރެސަރާއި، ނޭވާލުމާއި ހިތުގެ ވިންދުގެ ލަސް ކޮށްދޭ ކުލައެއް ކަމުގައި ބުނެވެއެވެ. އެހެން ކަމުން މަޑު މައިތިރި ކަމާއި ހަމަ ހިމޭންކަން ކޮޓަރި ތެރެއަށް ގެނުވާ ކުލައެއް ކަމުގައި މި ކުލަ ފާހަގަ ކޮށްލެވެއެވެ. ނޫ ކުލަ ބޮޑަށް ބޭނުން ކުރުން ރަނގަޅީ ކޮޓަރިއާއި ފާހާނާގައެވެ. ސަބަބަކީ ސިޓިންރޫމައި ކާގެ ފަދަ އާއިލާއާއި ރައްޓެހިން އެއްކޮން ހީ ސަމާސާކޮށް ހަދާލަން ބޭނުން ކުރާ ތަންތަނުގައި ހަމަ ހިމޭން ކަމުގެ ކުލައެއް ކަމުނުދާނެތީއެވެ. ނޫކުލަ މާ ބޮޑަށް ގަދަވުމުން ވެސް ކަމަކުނެދެއެވެ. އެއީ ގަދަ ނޫ ފަދަ އަނދިރި ކުލަތަށް ބޭނުން ކުރުމުން ހިތާމައާއި ހިތްދަތި ކަމުގެ އިހުސާސް ގެނުވާތިއެވެ.

blue-room-color

4) ފެހި ކުލަ
ފެހި ކުލައަކީ ލޮލަށް ބަލައިލަން އެންމެ ފަސޭހަ ކުލަ ކަމުގައި ބުނެވިދާނެވެ. ފެހި ކުލަ އަކީ ނޫކުލަ އާއި ރީނދޫ ކުލައާއި ދެކުލަ އެއްވުމުން އުފެދޭ ކުލައަކަށް ވީ ފަދައިން ފެހި ކުލައިން ރީންދޫ ކުލައިން ގެނެސްދޭ އުފާވެރިކަމާއި ނޫކުލައިން ގެނެސްދޭ ހަމަޖެހުން އެކު އެކީގައި ގެނެސްދެއެވެ. އެހެން ކަމުން ފެހި ކުލަ އަކީ ގޭގެ ހުރިހާ ތަނެއްގައިވެސް ލުމަށް ހަމަ އެންމެ ރަނފަޅު ކުލައެކެވެ. ފެހި ކުލައަކީ ސްޓްރެސް ދައްކޮށްދީ ހަމަ ޖެހިލުމަށް އެހީ ވެދޭ ކުލައެއް ކަމުގައި ބުނެވެއެވެ. އަދި މި ކުލައިން ފަސޭހައިން ދަރިން ލިބުމަށް މަގު ފަހި ކޮއްދޭ ކަމަށް ވެސް ބުނެވެއެވެ.

green-room-color

5) ދަނބު ކުލަ
ދަނބު ކުލައިން ގެނެސްދެނީ މުއްސަނދި ދިރި އުޅުމެއްގެ އިހުސާސެވެ. މަޑު ދަނބު ކުލައިން ނޫކުލައެކޭ އެއްފަދައިން ހިތް ހަމަ ޖެހުމާއި ހަމަ ހިމޭންކަން ގެނެސްދޭނެއެވެ. މީގެ އިތުރުން ދަނބު ކުލައަކީ ހިތުގައިވާ ހުވަފެންތަކާއި މެދު އުންމީދު އާކޮށްދޭ ކުލައެއް ކަމުގައި ބުނެވެއެވެ. ހިތްހެޔޮ ކަމާއި އޯގާތެރިކަން ހިތުގައި އުފައްދާ ކުލައެއް ކަމުގައި މި ކުލަ ހިމެނެއެވެ.

purple-room-color

6) އޮރެންޖު ކުލަ
އޮރެންޖު ކުލައިން ފޫހިކަން ފިލުވާލާ ކަންކަމުގައި ކުރިމަތިލުމުގެ ހިއްވަރު އާކޮށްދެއެވެ. އޮރެންޖް ކުލައަކީ ކަރަސްތު ކުރާ ކޮޓަރިއެއްގައި ނުވަތަ ޖިމެއްގައި ލާން ވަރަށް އެކަށޭނަ ކުލައެކެވެ. ސަބަބަކީ ކަރަސްތު ކުރާއިރު ހަށިގަނޑަށް ގެންނަން ޖެހޭ ހުރިހާ މޫޑެއް މިކުލައިން ގެނުވާނެތީއެވެ. ކުރީގެ ހަޞާރަތްތަކުގައި އޮރެންޖު ކުލަ ފުއްޕާމޭގެ ފަރުވާއަށް ވެސް ބޭނުން ކުރެވުނެވެ.

orange-room-color

އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close