ހެއްވާ މަޖާ

އަންހެން ކުޅަނދުރެއް ސަލާމަތް ކުރަން ކުޅަނދުރު ތަކެއް 2 ދުވަސް ވަންދެން ކާރެއް ފަހަތުން ދުވެފި

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ރީތި އާދަ އަޅުގަނޑުމެން އިންސާނުންގެ ތެރެއިން ނެތުމުންދާ މިޒަމާނުގައި މާމުއި ކުޅަނދުރުތަކެއް އޯގާތެރިވުމާ އަޅާލުމުގެ ރީތި މިސާލެއް ދައްކައިދީފިއެވެ. މާމުއި ކުޅަނދުރުތަކެއް އޭގެ އަންހެން ކުޅަނދުރެއް ނުވަތަ ‘ކުއީން ބީ’ އެއް ކާރެއްގެ ޑިކީގައި ތާށި ވުމުން އެކުޅަނދުރު ސަލާމަތް ކުރަން 2 ދުވަސް ވަންދެން އެކާރު ފަހަތުން ދުވެފިއެވެ.

ވަޒީފާއިން މުސްކުޅިކޮށްފައިވާ ޑޮކްޓަރެއް އަދި މިހާރު ބީކީޕަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ އުމުރުން 65 އަހަރުގެ ރޮގާ ބާންސް އޮންލައިން ނޫސް މެޓްރޯއަށް މިވާހަކަ ކިޔައިދިނެވެ. އޭނާ ބުނެފައިވާ ގޮތުގައި މަގުމަތީގައި ޕާކުކޮށްފައިވާ 4×4 ބްރޭންޑުގެ ކާރެއްގެ ޑިކީމަތީގައި މާމުއި ކުޅަނދުރު ބައިގަނޑެއް އުޅޭތީ އެމަންޒަރު އެހެން ދިޔަ މީހުންނަށް ފެނުނެވެ. އޭނާ ބުނި ގޮތުގައި ކުޅަނދުރުތައް ކާރުގެ ފަހަތަށް ޖަމާވެފައިވަނީ އެތަނުން ކުއީން ކުޅަނދުރެއް ކާރުގައި ހޭކިފައިވާ ފޮނިއެއްޗެއްގައި ޖެއްސިތަނާ ކާރުގެ ފަހަތު ވައިޕާ ބްލޭޑް ދަށުގައި ތާށިވުމުންނެވެ. އެވަގުތު އެތަނަށް އެއްވި މީހުންނާ 5 ބީކީޕަރުން ވެގެން މާމުއި ކުޅަނދުރުތައް ކާރުން ދުރައްލުމުގެ މަސައްކަތް ފެށިއެވެ.

ރޮގާއާއި އޭނާގެ ޓީމުން ވަނީ ފުޅިމަދު ފޮށިގަނޑެއް ގެނެސް އޭގެ ތެރެއަށް ކުޅަނދުރުތައް ކަހާލާފައެވެ. މިކަން ކުރުމުގެ ތެރޭގައި ކުޅަނދުރުތައް ރޮގާގެ ގައިގާ 15 ވަރަކަށް ފަހަރު ކަށިޖެހިކަމަށް އެނާ ބުންނެވެ. ކުޅަނދުރުތައް ފުޅިމަދު ފޮށިގަނޑަށް ކާހާލުމަށް ފަހު ދެން ތިބި ހުރިހާ ކުޅަނދުރެއް ވެސް ކާރުގެ ޑިކީއާ ދުރަށް ދަންދެން އޭނާ އެފޮށިގަނޑު ކާރުގެ މަތީގައި ބެހެއްޓިއެވެ. ނަމަވެސް އެވަގުތު ޖެހުނު ވާއިރޯޅިއަކާއެކު އަނެއްކާވެސް ކުއީން ކުޅަނދުރެއް ކާރުގެ ޑިކީގެ ތެރެއަށް ވެއްޓި ތާށިވިއެވެ. އެއާއެކު ކުޅަނދުރުތައް އަނެއްކާވެސް ޑިކީގެ މައްޗަށް ޖަމާވާން ފެށިއެވެ. ކަންވީގޮތުން އެވަގުތު ރޮގާ ރޭގަނޑުގެ ނާސްތާ ކުރުމުށް ގެއަށް ދާން ޖެހުނެވެ.

ރޮގާ އެތަނުން ދުރަށް ދިއުމާއެކު މަންޒަރު ބަލަން އެތަނުގައި ބާކީ ތިބި މީހުންނަށް ފެނުނީ އިރުގަނޑެއް ފަހުން ކާރުގެ ވެރިމީހާއަށް އެތަނަށް އާދެވުނު ތަނެވެ. ކާރުގެ ވެރިމީހާއަށް ވެގެން އުޅޭ ގޮތް ނޭގި ކާރުގެ ފަހަތަށް ޖަމާވެފައިވާ ކުޅަނދުރު ބައިގަނޑު ފެނުމުން އަވަހަށް އެކުޅަނދުރުތަކުން ސަލާމަތް ވުމަށް ކާރަށް އަރާ ބާރު ބާރަށް ކާރު ދުއްވާލިއެވެ. އެވަގުތު ކުޅަނދުރުތައް އެކާރު ފަހަތުން ދިއައެވެ. ކާރުގެ ވެރިމީހާ ކާރާއެކު އެތައް މީޓަރު ދުރަކަށް ދުއްވާފައި ދިޔައެވެ. ނަމަވެސް އޭގެ 2 ދުވަސް ފަހުން ފެނުނީ ކުޅަނދުރުތައް ކާރު ހޯދާ އަނެއްކާވެސް ކާރުގެ ފަހަތައް ޖަމާވެފައިވާ މަންޒަރެވެ.

ރޮގާ ބުނެފައިވާ ގޮތުގައި މިއީ އޭނާ ބީކީޕަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ 30 އަހަރުގެ ހަޔާތުގައި ފެނުނު އެންމެ އާދަޔާ ހިލާފު މަންޒަރެވެ. ފިރިހެން މާމުއި ކުޅަނދުރު އަންހެން މާމުއި ކުޅަނދުރު ފަހަތުން ދުވުމަކީ އާންމު ކަމެވެ. ނަމަވެސް އޭނާ ބުނިގޮތުގައި ކުޅަނދުރެއް ސަލާމަތް ކުރުމަށް އޭގެ ބައިވެރިން 2 ދުވަސް ވަންދެން މަސައްކަތް ކުރުމަކީ އޭނާ އަޖައިބުވި ކަމެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close