ދުނިޔެ

މިސްރުން ގައްޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންގެ އަތުން ރިސްވަތުގެ ގޮތުގައި ފައިސާ އަތުލަނީ

ޒަޔަނިސްޓް އިޒްރޭލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔެމަތީގެ އެންމެ ބޮޑު ‘އޯޕެން އެއާ’ ޖަލަށް ވެފައިވާ ގައްޒާގެ ރައްޔިތުން އެހީއަށް އެދި ދާނެ އެހެންތަނެއް ނެތެވެ. ވަށައިގެން ވަކި ހިއްޕާލާފައިވާ އިޒްރޭލުގެ އަނިޔާއިން ސަލާމަތް ވުމަށް ރަފާ ބޯޑަރު ހުރަސްކޮށް މިސްރަށް ދިއުން ނުނީ މޭޑިޓެރޭނިއަން ކަނޑުގައި ޣަރަގުވުން ނޫންގޮތެއް ހަމަ ނެތީއެވެ. ނަމަވެސް މިސްރުގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުން އެގައުމަށް އެރުމަށް އެތަކެއް ދަތިތަކެއް ވަނީ ކުރިމަތިކޮށްފައެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ގައްޒާގައި ބަންދުވެފައި ތިބި ހާލުގަ ޖެހިފައިވާ ރައްޔިތުން ސިއްހީ ފަރުވާއާއި އެހެނިހެން އިންސާނީ ވަސީލަތްތައް ހޯދުމަށް ރަފާ ބޯޑަރު ހުރަސްކޮށް މިސްރަށް ވަނުމުގެ ހުއްދައިގެ ބަދަލުގައި އެމީހުންގެ އަތުން މިސްރުގެ އޮފިސަލުން 10،000 ޑޮލަރާ ގާތްކުރާ އަދަދަކަށް ރިސްވަތު ނަގަމުން ދެއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައި ވާގޮތުގައި ނަން ހާމަ ނުކުރުމަށް ސަރުތުކޮށް މިސްރުގެ ރަފާ ބޯޑަރު ހުރަސްކުރި ފަލަސްތީނުގެ ދެމީހަކު އެނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި މިސްރުގެ އޮފިސަލުން އެ 2 މީހުން މިސްރަށް ވަނުމުގެ ހުއްދަ ދީފައި ވަނީ ބަދަލުގައި 3000 ޑޮލަރު ދިނިމުންނެވެ. އެ ދެމީހުން މައުލޫމާތު ދީފައިވާ ގޮތުގައި ބައެއް ފަހަރަށް މިސްރުގެ އޮފިސަލުން މިސްރަށް ވަންނަން އެދޭ ފަލަސްތީނުގެ ރައްޔިތުން ބުލެކްލިސްޓްކޮށް، ބުލެކްލިސްޓުން އެމީހުން ނެގުމުގެ ފީ ކަމަށް ބުނެ 10000 ޑޮލަރުވެސް އަތުލަމުންދެއެވެ. އެ ދެމީހުންނާއެކު އަލްޖަޒީރާއިން ނަގާފައިވާ 2 ގަޑި އިރުގެ އިންޓަވިއުގެ ތެރޭގައި މިސްރަށް ވަދެވޭނެ ގޮތެއް ހޯދުމަށް ފަލަސްތީނުގެ އެކި މީހުންގެ ފަރާތުން 6 ވަރަކަށް ފޯންކޯލް އައިސްފާ ވާކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ. މިއިން އަންގާދެނީ ފަލަސްތީނުގެ ރައްޔިތުން ކިތަންމެ ބޮޑު އަގެއް ދައްކައިގެން ވެސް އަމާން ކަމުގެ އައްސޭރިއަކަށް ދާން ބޭނުންވާ މިންވަރެވެ. ކިތަންމެ ބޮޑު އަގެއްގައި ނަމަވެސް ގައްޒާގައި ޒައަނިސްޓު އިޒްރޭލުން ނިގުޅައިގައިންފާވާ ދިރި ހުރުމުގެ ހައްގު ފަލަސްތީނުގެ ރައްޔިތުން ހޯދަން ބޭނުންވާ މިންވަރެވެ. ނަމަވެސް އެމީހުންނަށް ދިމާވެފާވާ މަޖުބޫރު ހާލަތުގެ ނާޖާއިޒް ފައިދާ މިސްރުގެ ބައެއް އޮފިސަލުން އެއްވެސް ރަހުމެއް ނެތި އެދަނީ ނުހައްގުން ނަގަމުންނެވެ. އަނިޔާގެ މައްޗަށް އަނިޔާއެވެ.

ގައްޒާގެ އިންފްރާ ސްޓްރަކުޓަރ އާއީ، އަސާސީ ހިދުމަތްދޭ ނިޒާމްތަކާއި، ދަތުރު ފަތުރުގެ ނިޒާމާއި ސިއްހީ އަދި އިންސާނީ ހިދުމަތްތައް ވަނީ އިންސާނުން ދިރިއުޅެން ހެޔޮވާ ވަރަށް ވުރެ ދައްފެންވަރަށް ވެއްޓިފައެވެ. 2013 ވަނަ އަހަރު މިސްރަށް ގެނައި އަސްކަރީ ބަޤާވާތަށް ފަހު އެގައުމުގެ ވެރިކަމުގައި މިހާރު ހުރި ޖެނެރަސް އަބްދުލް ފައްތާހު އަލް ސީސީ ވަނީ މިސްރުގެ ރަފާ ބޯޑަރު ފަލަސްތީނުގެ ރައްޔިތުންނަށް އެއްކޮން ކަހަލަ ގޮތަކަށް ބަންދުކޮށްފައެވެ.

މިސްރުގެ ރައީސް އަލް ސީސީ ތުހުމަތު ކުރާގޮތުގައި ގައްޒާގައި ވެރިކަން ކުރަމުންދާ ހަމާސް ޖަމާއަތާ މިސްރުގެ އިޙުވާނުސް މުސްލިމީން ޖަމާއަތާ ގުޅުމެއް އޮވެއެވެ. އަދި ހަމާސްއިން މިސްރަށް ހަމަލާ ދިނުމުގައި ބައިވެރިވެފައި ވެއެވެ. ނަމަވެސް ހަމާސްއިން މި ތުހުމަތުތައް ދޮގު ކުރެއެވެ. މިސްރުން ކަނޑައަޅާފައިވާ ގޮތުގައި ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެކެވެ. މިސްރުން ރަފާ ބޯޑަރު ބަންދުކޮށްފައި ވަނީ ހަމާސްގެ ކިބައިން ސަލާމަތް ވުމަށް ކަމަށް ބުނެއެވެ.

އަދިވެސް އަލްޖަޒީރާގައި ބުނެފައި ވާގޮތުގައި 2013 ވަނަ ފުރަތަމަ ކޮޅު އޭރުގެ ރައީސް މުހައްމަދު އަލް މުރުސީގެ ވެރިކަމުގައި އެކި އެހީ ހޯދުމަށް ގައްޒާއިން މަހަކު އެވްރެޖުކޮށް 40816 މީހުން ރަފާ ބޯޑަރު ހުރަސްކޮށް މިސްރަށް ދެއެވެ. ނަމަވެސް މިސްރަށް ގެނައި އަސްކަރީ އިންގިލާބަށް ފަހު ޖެނެރަލް އަލް ސީސީގެ ވެރިކަމުގައި މިސްރަށް ވަދެވިފައި ވަނީ މިއަހަރު އެކަނިވެސް އެންމެ 1896 މީހުންނަށެވެ.

މިހާތަނަށް މީޑިއާއަށް ތިލަވެފައިވާ ކޭސްތަކުން އިނގޭ ގޮތުގައި 30،000 ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ކުއްލި ސިއްހީ ފަރުވާއަށް ފަލަސްތީނުން ބޭރަށް ދިއުމަށް ސަލާން ޖަހަން ޖެހިފާވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close