ޙަބަރު

އުނގޫފާރުގައި އީދު ކުޅިވަރުތައް ފޯރިއާއެކު ކުރިއަށް

1437 ވަނަ އަހަރުގެ އަޟްހާ ޢީދުގެ ހަރަކާތްތައް ރ.އުނގޫފާރުގައި ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެއެވެ. އުނގޫފާރުގައި އީދުގެ ހަރަކާތްތައް އަމަލީ ގޮތުން ފެށިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ހޮނިހިރުދުވަހު އުނގޫފާރުގެ ޒުވާނުން ދިޔައީ އީދު ވިލެރޭ އީދު ހުޅުޖެހުމަށް ބޭނުންވާ ފަން ބަލައެވެ. ފަންބަލާ ދިއުމަށް ކުރިން ނިންމާފައި އޮތީ ރ ވަންދޫއަށް ދާގޮތަށެވެ. ނަމަވެސް ދަތުރުކުރުމަށް ހަމަޖެއްސި ދޯނީގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން ފަންބަލާދިއުން ބަދަލުކުރީ އުނގުލަށެވެ.

ހައްޖު ދުވަހު އީދު ހުޅު ޖެހުމަށް ކުރަން ޖެހޭ ހުރިހާ ތައްޔާރީއެއް އުނގޫފާރުގެ ޒުވާނުންނާއި އީދު ކޮމެޓީން އިސްނަގައިގެން ކުރިއެވެ. ހައްޖު ދުވަހުގެރޭ 23:00 ގައި އީދު ކުޅިވަރު ކުޅުމުގެ ހުއްދަ ކައުންސިލުން ރަސްމީކޮށް ހަވާލު ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައެވެ. މި ރަސްމިއްޔާތު އޮތީ އުނގޫފާރު ބަނދަރު އަދި ސްޓޭޖް ސަރަހައްދުގައެވެ. އީދު ހުއްދަނެގުން ނުވަތަ އީދު ވެދުމާއި ދިޔުން ހުށައަޅައި ދިނީ ހިތްވަރު ބޮޑުބެރު ގުރޫޕުންނެވެ.

This slideshow requires JavaScript.

މި ރަސްމިއްޔާތައްފަހު އޮތީ އެހެން ފަހަރުތަކެކޭވެސް އެއްފަދައިން އީދު ކުޅިވަރުތައް ރަސްމީކޮށް ފެށުމުގެ ގޮތުން އީދު ވިލޭރޭ 00:00 ގައި ބާއްވާ އީދު ހުޅު ޖެހުމެވެ. އީދު ހުޅުޖަހާ މަންޒަރު ބަލަން ރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ރަށުގެ މިސްކިތްމަގުގެ އިރުމަތީ ކޮޅަށް ޖަމާވިއެވެ.

This slideshow requires JavaScript.

އީދު ދުވަހު އީދު ނަމާދަށް ފަހު ކުރިއަށް ދިޔައީ އުނގޫފާރުގެ ސްޓޭޖު ސަރަހައްދުގައި ރައްޔިތުންނަށް ތައްޔާރުކޮށްފައިވާ އީދު ސައިފޮދަށް އިންސާފު ކުރުމެވެ. މިސައިފޮދަށް ފަހު ޒުވާނުން އަވަސްވެ ގަތީ ބިލެއް އެޅުމަށެވެ. އުނގޫފާރު ކަވާއީ ހޯމްގެ ހެޔޮ އެދުންތަކާއެކު ބިލެއް އެޅުމުގައި ހަރަކާތްތެރިވި ޒުވާނުންނަށް ހަދިޔާ ކުރި ރަތް ޓީޝާޓާއެކު މި ޒުވާނުންގެ ހަރަކާތްތައް އިތުރަށް ފަރިވެގެން ދިޔައެވެ.

Eid Tea 1437 (7)
އީދި ބިލެއް އެޅުން ކުރިއަށް ދަނީ – ފޮޓޯ: އިބްރާހިމް ޒަޔާން
އީދު ބިލެއް އެޅުން ކުރިއަށް ދަނީ – ފޮޓޯ: ހުސެއިން އަބްދުލް މަންނާން
އީދު ބިލެއް އެޅުން ކުރިއަށް ދަނީ – ފޮޓޯ: ހުސެއިން އަބްދުލް މަންނާން

ބިލެއް އެޅުން މެންދުރާ ހަމައަށް ކުރިއަށް ދިޔައިރު އެދުވަހު ހަވީރު ޒުވާނުން ތިންމުގޯލި ކުޅުމާއި އެހެނިހެން އެކި ކަހަލަ ކުޅިވަރުތައް ކުޅުން ކުރިއަށް ދިޔައެވެ. އީދު ދުވަހުގެ ރޭ ކުރިއަށް ދިޔައީ އެހެން ފަހަރުތަކެކޭ ވެސް އެއްފަދައިން މާލި ޕެރޭޑެވެ. ތަފާތު ވައްތަރުގެ މާލިތައް ތައްޔާރުކޮށް މާލިތަކުގެ ފަރި ހަރަކާތް ތަކާއެކު ރަށުގެ މަގުތައް ފުރާލިއެވެ.

This slideshow requires JavaScript.

އަންގާރަ ދުވަހު ހެނދުނު އަންހެނުންނާއި ފިރިހެނުން ވާދަ ކުރި ވަރަށް ހާއްސަ ބަށި މެޗެއް ކުރިއަށް ދިޔައެވެ. މި ބަށި މެޗު ކާމިޔާބު ކުރީ ފިރިހެނުންގެ ބަށި ޓީމެވެ. މިކުޅީވަރުތައް ކުރިއަށްދިޔައިރު އީދު ކޯޑި އުނގޫފާރަށް ގެނައުންވެސް ކުރިއަށްދިޔައެވެ. ބަށިމެޗައްފަހު އަންހެނުންގެ ބިލެއްއެޅުންވެސް ކުރިއަށް ދިޔައެވެ.

EID1437 (2)

އަންގާރަ ދުވަހު ހަވީރުވެސް އީދު ފާހަގަ ކުރުމުގެ ގޮތުން ތަފާތު ކުޅިވަރުތައް ކުރިއަށް ދިޔައެވެ. މީގެ އިތުރުން ކުރިއަށް އީދަށް ހާއްސަ ޝޯއަކާއި ބޮޑު މަހުގެ ކުޅިވަރުތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close