ރ.އަތޮޅުކުޅިވަރު

މިނިވަން ފްޓްބޯޅަ މުބާރާތް ޒޯން 3: އިންނަމާދޫ އަތުން އޭދަފުއްޓަށް ފަސޭހަ މޮޅެއް

މިނިވަން ޗެންޕިއަންޝިޕް ޒޯން 3 ގެ މެޗުތައް ފެށި ފުރަތަމަ މެޗުގައި ރ.އަތޮޅުގެ ޗެންޕިއަން އިންނަމާދޫ އެފްސީ އަދި ބ.އަތޮޅުގެ ޗެންޕިއަން އޭދަފުށި އެފްސީ ބައްދަލުކުރި މެޗް 4-1 ގެ ނަތީޖާއަކުން އޭދަފުށި ކާމިޔާބުކޮށްފިއެވެ.

ބ.އޭދަފުށި ފްޓްބޯޅަ ދަނޑުގައި ކުރިއަށް ދިޔަ މި މެޗުގެ ފުރަތަމަ ލީޑް ނެގީ މެޗުގެ 19 ވަނަ މިނެޓްގައި އޭދަފުއްޓަށް ލިބުނު ޕެނަލްޓީއެއްގައި އެޓީމްގެ މުހައްމަދު ފާސިރު (ފާއްޓޭ) ފޮނުވާލި ބޯޅަ ކާމިޔާބުކޮށްގެންނެވެ. ނަމަވެސް ލަނޑު ޖެހިތާ 5 ވަރަކަށް މިނެޓްތެރޭ އިންނަމާދޫ އެފްސީން ނެގި ކޯނަރެއް އެ ޓީމުގެ ކެޕްޓަން އަލީ އަފްރާހު ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެން ނަތީޖާ ހަމަ ހަމަ ކުރިއެވެ.

މެޗުގެ 25 ވަނަ މިނެޓްގައި އޭދަފުށިން އަނެއްކާވެސް ލަނޑެއް ޖަހާ މެޗުގެ ލީޑް ނެގިއެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. ފުރަތަމަ ހާފްގެ ކުޅުން ނިމުނީ 2-1 ގެ ނަތީޖާއަކުން އޭދަފުށި ކުރީގައި އޮވެއެވެ.

2 ވަނަ ހާފް ފެށިގެން 10 ވަނަ މިނެޓްގައި އޭދަފުށިން މެޗުގެ ލީޑް ފުޅާ ކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އިޝާން އިބްރާހިމް (ސައްޓް) އެވެ. 2 ވަނަ ހާފްގެ 30  ވަނަ މިނެޓްގައި އޭދަފުށިން އަނެއްކާވެސް ލަނޑެއް ކާމިޔާބު ކުރިއެވެ. އެޓީމުގެ ކެޕްޓަން އަބްދުލް މަޖީދް އިބްރާހިމް ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްލިއެވެ.

މުބާރާތުގެ ދެން މެޗެއް އޮންނާނީ މާދަމާއެވެ. މިމެޗުގައި ބައްދަލު ކުރާނީ ޅ.އަތޮޅު ޗެންޕިއަން ނައިފަރާއި ރ.އަތޮޅުގެ ޗެންޕިއަން އިންނަމާދޫ އެފްސީއެވެ. މުބާރާތުގެ 3 ވަނަ މެޗު އޮންނާނީ މިމަހު 24 ވަަނަ ދުވަހުއެވެ. މި މެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި ނައިފަރެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close